ބޭޑްމިންޓަން އެސޯސިއޭޝަންގެ މިއަހަރުގެ ބަޖެޓް ފާސް ކުރުމަށް ބާއްވާ ކޮންގްރެސް އަންނަ މަހު 20 ދުވަހު ބޭއްވުމަށް ތާވަލު ކޮށްފި އެވެ.
އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ، ބަޖެޓް ފާސް ކުރުމުގެ އިތުރަށް ވޭތުވެދިޔަ އަހަރުގެ ހަރަކާތްތަކުގެ ތަފްސީލު ރިޕޯޓާއި މިއަހަރުގެ ޕްލޭންތަކާ ބެހޭގޮތުން، ކުލަބުތަކަށާއި މެންބަރުންނަށް މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.
ކޮންގްރެސްގައި ބައިވެރިވެ ވޯޓް ދެވޭނީ، އެސޯސިއޭޝަނުން ކަނޑައަޅާފައިވާ ޝަރުތުތަކެއް ހަމަވާ ކުލަބު ތަކަށް ކަމަށް، މިދިޔަ ހޯމަ ދުވަހު ބޭއްވި އެކްސްކޯގެ ބައްދަލުވުމުން ނިންމަފައިވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެ އެވެ.
ކޮންގްރެސްގައި ބައިވެރިވެ ވޯޓްދިނުމުގެ ހައްގު ލިބޭ ފަރާތްތަކުގެ ޝަރުތު
- މިދިޔަ އަހަރު ޑިސެމްބަރު މަހު 31 ވަނަ ދުވަހުގެ ނިޔަލަށް މެމްބާޝިޕް ހައްދާފައިވާ މެންބަރުން
- އަންނަ މަހު އެކެއްގެ ނިޔަލަށް މިއަހަރުގެ އަހަރީ ފިީ ދައްކާފައިވާ މެންބަރުން
- އަންނަ މަހު އެއް ވަނަ ދުވަހާއި ހަމައަށް ފާއިތުވި އަހަރުގެ ރިޕޯޓްތައް އެސޯސިއޭޝަނަށް ފޮނުވާފައިވާ ބެޑްމިންޓަން ޑިވްލަޕްމެންޓް ކޮމިޓީ ތައް
- ކުލަބު ތަކާއި ބެޑްމިންޓަން ޑިވްލަޕްމަންޓް ކޮމިޓީ ތަކުން، ކޮންގްރެސްގައި ބައިވެރިވެ ވޯޓް ދޭނެ މިހާގެ މައުލޫމަތު ކޮންގްރެސް ބޭއްވުމުގެ 48 ގަޑިއިރުކުރިން އެ އެސޯސިއޭޝަނަށް ލިޔުމަކުން ހުށަހަޅާ ފަރާތްތައް
ކޮންގްރެސްގެ އެޖެންޑާގައި އެހެން ކަމެއް ހިމަނަން ބޭނުން ނަމަ، އަންނަ މަހު ނުވަ ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެކަން ބެޑްމިންޓަން އެސޯސިއޭޝަނަށް ހުށަހެޅުމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ ކޮންގްރެސް ބާއްވާނެ ތަނަކާއި، ގަޑިއެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.