ފިނިޕޭޖް

ކެޓިޔަސް ސައްޔާހު އާއި ޝަނީޒާ ވަރުގަދަ އަޒުމެއްގައި

ރޭ މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްގެ ޕީއާނޯ ރައުންޑުގެ ފުރަތަމަ ބުރުގެ އެލިމިނޭޝަން މިވަނީ ނިންމާލާ ދެ ބައިވެރިން މުބާރާތާއި ވަކިވެގެން ގޮސްފަ އެވެ. ރޭ މުބާރާތާއި ވަކިވި އެއް ބައިވެރިޔަކީ މާލޭ އޮޑިޝަނުން ގޯލްޑެން ޓިކެޓް ހާސިލްކޮށް މުބާރާތަށް ފުރަތަމަ ފިޔަވަޅު އަޅާލި ދެބައިވެރިން ކަމަށްވާ އަހްމަދު ސައްޔާހު އަދި ޝަނީޒާ ޝަރީފް އެވެ. ޓަފް ރައުންޑަކަށްފަހު މުބާރާތާއި ރޭ ވަކިވާން ޖެހުނު ނަމަވެސް ދެ ބައިވެރިން ތިބީ މި ދާއިރާއިން ގެއްލޭ ގޮތަކަށް ނޫނެވެ.

ސައްޔާހު ރޭ މުބާރާތާއި ވަކިވެގެން ދިޔައީ ހުކުރު ދުވަހުގެ ރޭ އޭނާ ހުށަހަޅައިދިން "ހިތް ބޭނުމޭ ދުލުން" މި ލަވަ އަށް ޖަޖުން ދިން މާކުހާއި ބެލުންތެރިންގެ އެސްއެމްއެސް އިން އެންމެ ކުރި ހޯދައި ނުގަނެވުމުގެ ސަބަބުންނެވެ. ޝަނީޒާ އެރޭ ހުށަހަޅައިދިނީ "ދުރުވާން ޖެހުނަސް" އެވެ. މުބާރާތާއި ވަކިވާން ޖެހުނަސް މި ބައިވެރިން ބުނީ މިއީ ފެށުމެއް ކަމަށެވެ.

"އަދި އިރާދަކުރެއްވިއްޔާ މި ފެށުނީ. ކުރިއަށް އޮތްތާނގައިވެސް ހަމަ މިއުޒިކް ދާއިރާއިން ފެންނާނެ އެންމެންނަށްވެސް. ހިތްވަރު ދެރައެއް ނުކުރާނަން." މުބާރާތާއި ވަކިވުމަށްފަހު އަވަސް އާއި ވާހަކަ ދައްކަމުން ސައްޔާހު ބުންޏެވެ.

މި ދެ ބައިވެރިންނަށް މިހާރުވެސް ވަނީ ދާއިރާއިން ކުރިއަރައި އުދުއްސައިގަންނަން ފުރުސަތު ލިބިފަ އެވެ. ސައްޔާހު އާ އެކީ ހަބޭސް ފިއުޝަން އުފައްދަން އުޅޭކަން މިހާރުވަނީ އިއުލާނުކޮށްފަ އެވެ. ހަބޭސް އިން ދޭ ފުރުސަތެއްގައި އޭނާ ސިންގަޕޫރުގައި ޕާފޯމް ކުުރުމަށް ފުރާނެ އެވެ. މި ގްރޫޕާއެކު ދާދި އަވަހަށް ސިންގަޕޫރުގައި ލަވަ ކިޔުމުގެ ފުރުސަތު ސައްޔާހު ލިބިގެންދާނެ ކަމަށްވެ އެވެ. މީގެ އިތުރުން ސިމްބޮލިކް ރެކޯޑްސް އިން މިވަނީ ޝަނީޒާ ޓްރޭން ކޮށްދޭން އަޒުމްގައި ހިފާފަ އެވެ.

މުބާރާތުގެ ގަދަ 16ގެ ތެރޭގައި ހިމެނުނު ޝަނީޒާވެސް މުސްތަގުބަލު އޮތީ މިދާއިރާ އާއި ގުޅުވާލާފަ އެވެ. ދާއިރާއިން ގެއްލޭކަށް އޭނާ ބޭނުމެއް ނޫނެވެ. ލިބޭ ފުރުސަތުތަކުގައި ހިފައިގެން އުދުހިގަންނަން އޭނާވެސް ހުރީ ތައްޔާރަށެވެ.

"އެންމެ ފުރަތަމަ ހިއެއް ނުކުރަން ތިއޭޓާ ރައުންޑަށްވެސް ދެވޭނެ ކަމަކަށް. އެކަމަކު އެހާ ހިސާބުން އެނގިއްޖެ އަމިއްލަ މީހާއަށް ކުރެވޭ ކަންތައްތަކެއް ފެނިއްޖެ. ދެން އިނގޭ އޭތި އެސިމްޓޯޓް ކުރެވޭނެކަން. އެއަށް ދެން މަސައްކަތް ކުރާނީ" ޝަނީޒާ ބުންޏެވެ.

އެކަމަކު ހުކުރ ދުވަހުގެ ރޭ ޖަޖުންގެ ފަރާތުން ލިބުނު ކޮމެންޓް ތަކާއެކު އޭނާއަށް އެތައް އުންމީދެއް ލިބުނެވެ. ރޭގައި ވަކިވެގެން ދާން ޖެހިދާނެ ކަމަށް ކުޑަކޮށްވެސް ހިއެއް ނުކުރެ އެެވެ. އެކަމަކު ޖަޖުން އަދި ބެލުންތެރިންގެ ނިންމުން އޭނާ އުފަލާއެކު ގަބޫލު ކުރެ އެވެ. އެއީ އެންމެ އިންސާފުވެރި ގޮތް ކަމަށެވެ. އަދި މުބާރާތުގެ ކޮންމެ ބައިވެރިއަކަށް "މޯލްޑިވިއަން އައިޑޮލް" ތާޖު އަޅަން ލިބުނަސް އޭނާ އުފާވާނެ އެވެ. އެކުގައި ހޭދަކުރެވުނު މަދު ދުވަސްކޮޅު އާއިލާގެ ބަޔަކަށް މި މުބާރާތުގެ އެހެން ބައިވެރިންވެސް ވެގެން ދިޔައީމަ އެވެ.

"ކެޓިޔަސް އޯކޭ ކަމަށް ހުރީ. އެކަމަކު ހިއެއް ނުކުރަން. އައި އަންޑަސްޓޭންޑް ކޮންމެސް ބަޔަކު ކަޓާނެ. އައިމް އޯކޭ ވިތް އިޓް" ޝަނީޒާ ބުންޏެވެ.

މިއުޒިކްގެ ދާއިރާއިން ކުރިއަށް ދާން ސައްޔާހު ނިންމީ އެއީ އެންމެ ފުރަތަމަ އޭނާ މި މުބާރާތުގައި ބައިވެރިވި މަގްސަދުކަމަށްވެސް ވީތީ އެވެ. އޭނާ މި މުބާރާތާއި ގުޅުނީ މިއުޒިކީ ދާއިރާ އަށް ނުކުންނަށް ބޭނުންވެ އަދި މިއީ އެކަމަށް އެންމެ ރަނގަޅު ޕްލެޓްފޯމް ކަމަށް ފެނުނީތީ އެވެ. އެކަމަކު މުބާރާތުގެ މިހާ ހިސާބަށް އާދެވޭނެ ކަމަކަށް އޭނާ އުންމީދެއް ނުކުރެ އެވެ. ކުދިންގެ މެދުގައި އޮތް ވާދަވެރިކަން ބޮޑުވެ ހުރިހާ ކުދިންވެސް އެހާ ހުނަރުވެރިވީމަ އެވެ.