ރިޕޯޓް

ޓެކްސީގެ ވިޔަފާރީގައި ހަމައެއް ނެތް، ހިތަށް އެރިގޮތަކަށް

  • ޓެކްސީގެ ހިދުމަތަށް އޮތް ޝަކުވާތަކަށް ނިމުމެއް ނެތް
  • މައްސަލައިގައި އެންމެންގެ ވެސް އިހުމާލު ބޮޑު
  • ހިދުމަތަކަށް ވުރެ ބޮޑަށް ފައިސާ ހޯދުމާ ދިމާލަށް

މިދިޔަ ބުދަ ދުވަހުގެ ރޭ ޓެކްސީއަކަށް އެރި އަންހެން ކުއްޖަކު ގަދަކަމުން އެހެން ތަނަކަށް ގެންދިޔަ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައާ ގުޅިގެން އެ ހިދުމަތާ މެދު އަނެއްކާ ވެސް މި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފަ އެވެ. މާލޭގައި އޮތް ހަމައެކަނި އާންމު ދަތުރުފަތުރާ މެދު އޮތް ޝަކުވާތަކުގެ އަޑު މިވަނީ އަނެއްކާ ވެސް އިތުރަށް ބޮޑުވެފަ އެވެ. ޓެކްސީގެ ހިދުމަތުގައި ހުރި މައްސަލަތަކަކީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. އެ ހިދުމަތް ހޯދުމަށް އުފުލަން ޖެހޭ ތަކްލީފާއި ހިދުމަތުގެ ރައްކާތެރި ކަމާ މެދު ޒަމާނުއްސުރެ ވެސް ޝަކުވާ ބޮޑެވެ. ކޮންމެ ދުވަހަކު އެތައްސަތޭކަ ބަޔަކު ބޭނުން ކުރާ މި ހިދުމަތާ މެދު މި ހުރީ އާދައިގެ ޝަކުވާތަކަކަށް ވުރެ ބޮޑެތި މައްސަލަތަކެކެވެ.

ޓެކްސީއަށް އެރި އަންހެން ކުއްޖާ ތަކުރާރުކޮށް ބުނުމުން ވެސް ނުބައި ދިމާލަކަށް އޭނާ ގޮވައިގެން ޑްރައިވަރަށް ދުއްވުނީ އެ ޓެކްސީ ނިސްބަތްވާ ޓެކްސީ ސެންޓަރުން ބުނި ގޮތުގައި ޑްރައިވަރަކީ ބީރު މީހަކަށް ވުމުން ކިޔާ ނުކިޔާއެއް ނޭނގިގެންނެވެ. މިއީ ވެސް ހަމަ ވެދާނެ ގޮތެކެވެ. ކޮންމެ އަކަސް އެ މައްސަލައިގެ ހަގީގަތް އިނގޭނީ ފުލުހުން މައްސަލަ ތަހުގީގުކޮށް ނިމުނީމަ އެވެ. އެކަމަކު ސުވާލަކީ، ކޮންމެ ދުވަހަކު އެތައް ބަޔަކު އުފުލާ ޓެކްސީ ޑްރައިވަރަކަށް ބީރު މީހަކު އިންނަންވީ ކީއްވެ ހެއްޔެވެ؟ ހަގީގަތުގައި ބީރު މީހަކު ޓެކްސީ ދުއްވުމަކީ ޓެކްސީއަށް އަރާ މީހުން ނުރައްކަލަކަށް ވެއްޓިދާނެ ކަމެކެވެ. ހަމަ ޔަގީނުން ވެސް ޑްރައިވަރުގެ އެ މައްސަލަ ހުރިކަން އެނގި ޓެކްސީ ސެންޓަރުން އެކަމުގައި ފިޔަވަޅު ނާޅައި އޮތީ ކީއްވެ ހެއްޔެވެ؟ އެ ސެންޓަރުން ބުނެފައިވާ ގޮތުގައި ހަމަ އެ ޑްރައިވަރަށް ކިޔާ އެއްޗެއް ސާފުނުވެގެން މީހުން ނުބައި އެޑްރެސްތަކަށް ގެންގޮސްދީފައިވާކަމުގެ ޝަކުވާ މީގެ ކުރިން ވެސް ބައެއް މީހުން ކޮށްފައިވެ އެވެ. އެހެން ވީމާ މި ޑްރައިވަރެއްގެ ކިބައިން މިކަހަލަ ކަމެއް ދިމާވި މިއީ ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. ޝަކުވާތަކާ އެކުވެސް އެކަމަށް އަޅާނުލައި އެ ޑްރައިވަރު ޓެކްސީ ކުރަން ދޫކޮށްލާފައި ހުރުމަކީ ސެންޓަރުގެ ވަރަށް ވެސް ބޮޑު އިހުމާލެކެވެ. ދޭހަވާ އެއްކަމަކީ ޓެކްސީ ކުރުމުގެ ވިޔަފާރިއަކީ ރަނގަޅު ހިދުމަތެއް ދިނުމަށް ވުރެ ބޮޑަށް، ކޮންމެ ގޮތަކުން ނަމަވެސް ފައިސާ ހޯދުމަށް ބައްޓަން ކޮށްފައި އޮތް ވިޔަފާރިއެއް ކަމެވެ. ހަގީގަތުގައި މިކަން ބެލުމުގެ އިދާރާ ޓްރާންސްޕޯޓް އޮތޯރިޓީއަށް ވެސް މި މީހުންގެ ކޮންޓްރޯލް ނެތި ބާރު މިއޮތީ ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުންގެ އަތްމަތީގަ އެވެ.

ޓެކްސީ ކުރުމުގެ ގަވާއިދުގައިވާ ގޮތުގައި، ޓެކްސީ ކުރުމުގެ ހުއްދަ މީހަކަށް ދިނުމުގެ ކުރިން ކުށުގެ ރިކޯޑާއި މެޑިކަލް ޗެކަޕް ހަދައި، ފުރަތަމަ އެހީގެ ތަމްރީންތައް ވެސްދެ އެވެ. ސުވާލަކީ މި ޑްރައިވަރަށް ލައިސަންސް ދީފައި އޮތީ ކިހިނެތް ހެއްޔެވެ؟ ހަމަ ގައިމު ވެސް މެޑިކަލް ޗެކަޕްތަކެއް ހެދިފައި އޮތް ނަމަ މި ޑްރައިވަރަށް ލައިސަންސް ދިނުމާ މެދު ދެވަނަ ވިސްނުމަކަށް ދާނެ އެވެ. އެކަމަކު ޓެކްސީ ސެންޓަރުން ބުނެފައި ވަނީ ޑްރައިވަރުގެ އެ މައްސަލަ ހުރި އިރުވެސް އޭނާއަށް ލައިސަންސް ދީފައިވާ ކަމަށެވެ. ކޮންމެ އަކަސް ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރެއިން ވެސް މި އޮތީ ޓެކްސީގެ ހިދުމަތުގައި ގޯސްތަކެއް ހަދައިފަ އެވެ. ޓެކްސީގެ ގަވާއިދު ކިތަންމެ ފުރިހަމަކޮށް އޮތް ނަމަވެސް ތަންފީޒު ކުރުން މިއީ ހަމަ ނުކުރެވިފައި އޮތް ކަމެކެވެ. މާލޭގައި އޮތް ހަމައެކަނި ޕަބްލިކް ދަތުރުފަތުރަކީ ޓެކްސީ ކަމަށްވާތީ އެކަމުގެ ނާޖާއިޒު ފައިދާ ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކުން އަންނަނީ ކިތަންމެހާ ވެސް ރަނގަޅަކަށް ނަގަމުންނެވެ.

އެކަށީގެންވާ ގޮތުގައި ގަވާއިދު ތަންފީޒު ކުރުމުގައި އުނދަގޫތަކެއް ހުރިކަން ޓްރާސްޕޯޓް އޮތީރިޓީ އިން ވެސް ފާހަގަ ކުރެ އެވެ. އެ އޮތީރިޓީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެހެން ވަނީ ޒަމާނުއްސުރެ ޓެކްސީގެ ގަވާއިދުތައް ނުހިފެހެއްޓި ދިގުލައިގެން ގޮސްފައި ވުމެވެ. އަދި ޕަބްލިކް ޓްރާސްޕޯޓްގެ ގޮތުގައި މާލޭގައި ހުރި ގޮތްތައް މަދުވުމަކީ ވެސް މައްސަލައެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. ނަތީޖާއަކަށް ވަނީ އެ ހިދުމަތް އިސްލާހު ކުރަން ފިޔަވަޅު އަޅަން ވެސް އުނދަގޫވުމެވެ.

"މީގެ ކުރިން ވެސް ގަވާއިދަށް ބަދަލު ގެންނަ ކޮންމެ ފަހަރަކު އެ އަންނަ އިސްލާހުތައް ތަންފީޒު ކުރަން ވެސް އުނދަގޫ ކަމަކަށްވަނީ. މިކަން އެބަވޭ ވަރަށް އުނދަގޫ ކަމަކަށް. ޕަބްލިކް ޓްރާސްޕޯޓްގެ ގޮތުގައި އާންމުން ބޭނުން ކުރަން ހުންނަ ހިދުމަތްތައް އިތުރުކުރުން އެބަ މުހިންމުވޭ،" އޮފިޝަލް ވިދާޅުވި އެވެ.

މި ހިދުމަތުގެ އުސޫލެއް ނެތްކަމުގެ އެންމެ ކުޑަކުޑަ މިސާލަކީ، ޓެކްސީގެ މަތީގައި ހުންނަ ދިއްލޭ ޓެކްސީ ބޯޑުގެ މާބޮޑު ބޭނުމެއް ގިނަ ފަހަރަކަށް ނޯވެ އެވެ. ދަތުރެއް ނަގައިގެން ދާއިރުވެސް، އިންނަނީ ފެހި ކުލައިގަ އެވެ. ނަތީޖާއަކަށް ވަނީ މަގުމަތިން ޓެކްސީއެއް ހޯދަން އުޅޭ މީހަކަށް އޮޅުންބޮޅުންވުމެވެ. އަދި މިފަހަކަށް އައިސް ދިމާވާ އެހެން މައްސަލައެއް ވެސް އެބަ އޮތެވެ. ޓެކްސީ ޑްރައިވަރުގެ ފުރަތަމަ ސުވާލަކަށް ގިނަ ފަހަރަށް މިހާރު ވަނީ ދާން ބޭނުން ވަނީ ކޮން ސަރަހައްދެއްތޯ ބެލުމެވެ. ޓެކްސީ ދަތުރެއްގައި ނެތަސް ދާން ބޭނުން ސަރަހައްދެއްގެ ގޮތުން ގިނަ ޑްރައިވަރުން އެ ދަތުރު ނަގަން ބޭނުމެއް ނުވެ އެވެ. ބައެއް ޑްރައިވަރުން ބުނާ ގޮތުގައި އެހެން ހަދަން މިހާރު މަޖުބޫރު ވަނީ މާލޭގެ މަޖީދީ މަގުގެ ބޮޑު ބައެއް ބަންދުކޮށްފައި ވާތީ ބައެއް ސަރަހައްދުތަކަށް ދިޔުމަށް ކުރަން ޖެހޭ ދަތުރު ދިގުވެ އުނދަގޫ ކަމަކަށް ވާތީ އެވެ. އެހެންވެ ގިނަ ޑްރައިވަރުން މިހާރު އަމަލު ކުރާ ގޮތަކީ އެއިރެއްގައި ޓެކްސީ އޮންނަ ކައިރި ސަރަހައްދުތަކަށް ދުއްވުމެވެ. މީގެ ސަބަބުން އުފުލަން ޖެހޭ ތަކުލީފު އާންމުންނަށް ކިތަންމެހާ ތަނެއް ވެސް ބޮޑެވެ. މިހެން ގޮސް އެތައް މައްސަލައެކެވެ.

ދަތުރެއްގައި މީހަކު އަރުވައިގެން ޓެކްސީ ދުއްވަމުން ގޮސް، ކުއްލިއަކަށް މަގުގެ ވަކި ހިސާބަކަށް މަޑުކޮށް މީހުން އެރުވުމުގެ މައްސަލައަކީ ވެސް ބޮޑު މައްސަލައެކެވެ. ބައެއް ޑްރައިވަރުން އެކަން ކުރަނީ ކުރިން އިންނަ މީހާ ކައިރީގައި އަހާލުމެއް ވެސް ނެތި އެވެ. އަދި އަހާލި ނަމަވެސް، ނޫނެކޭ ނުބުނި ނަމަވެސް ގިނަ ފަހަރަށް އޭގެ ސަބަބުން ދާން ޖެހޭ ތަނަށް ދިޔުމުގައި ލަސްތަކެއް ދިމާވެ އެވެ. މިއީ ޒަމާނުއްސުރެ ހައްލު ނުވެފައި އޮތް މައްސަލައެކެވެ. ޓެކްސީ ސެންޓަރަށް ގުޅައިގެން ޓެކްސީއެއް ނުލިބުމުގެ މައްސަލައަށް އަދިވެސް ހައްލެއް ނާދެ އެވެ. ހާއްސަކޮށް، ވިއްސާރަ ދުވަސްތަކުގައި ޓެކްސީއަކަށް އިންތިޒާރު ކުރުން ވާނީ ހަމަ މޮޔަ ކަމަކަށެވެ. އަދި ޑިކީއަށް ދާގީނާ ލާނަމަ، ބައެއް ފަހަރަށް އޯވަ ޗާޖް ކުރަން މަސައްކަތް ކުރާ ޑްރައިވަރުން މަދުން ނަމަވެސް އެބަ ތިއްބެވެ.

އެކަމަކު، މި ހުރިހާ ވާހަކަތަކެއް ޓެކްސީ ސެންޓަރުތަކުން ދޮގު ކުރެ އެވެ. އެ މީހުން ބުނަނީ، އެކަށީގެންވ ރަނގަޅު ހިދުމަތެއް ދިނުމަށް އެ މީހުންގެ ވަރުން މަސައްކަތް ކުރާ ކަމަށެވެ. ސެންޓަރުތަކުން ވެސް ބުނަނީ އެކަން މޮނީޓާ ވެސް ކުރާ ކަމަށެވެ. އެކަމަކު ފެންނަ މަންޒަރަަށް ބަލާ އިރު، މިއީ އަދި މިއީ މުޅިން ތެދެއް ހެނެއް ހިއެއް ނުވެ އެވެ.

ދާދި ފަހުން އިކޮނޮމިކް މިނިސްޓްރީ އިން ނިންމާފައި ވަނީ، ޓެކްސީ ގަވާއިދަށް އަނެއްކާ ވެސް ބަދަލުތަކެއް ގެންނާށެވެ. އެގޮތުން، ޓެކްސީގައި މީޓަރު ހަރުކުރުމާާއި އޮންލައިންކޮށް ޓެކްސީތަކަށް ފައިސާ ދެއްކޭނެ ނިޒާމަކަށް ދިޔުމަށް ގަވާއިދަށް ބަދަލު ގެންނަން ވަނީ މަސައްކަތް ފަށައިފަ އެވެ. މީގެ އިތުރަށް ޓެކްސީ ނުލިބޭ މައްސަލައް ހައްލު ކުރަން އިތުރު ޓެކްސީތަކަށް ހުއްދަ ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ. އަދި ފެންވަރު ރަނގަޅު ޕްރިމިއަމް ޓެކްސީގެ ހިދުމަތް ވެސް މިއަހަރު ފެށޭތޯ މަސައްކަތް ފަށާފައިވެ އެވެ.

މިފަހުން ފެށި ސައިކަލް ޓެކްސީ ހިދުމަތާ އެކު، ޕަބްލިކް ޓްރާސްޕޯޓަށް މި ވަނީ އިތުރު ބޮޅެއް ވެސް އައިސްފަ އެވެ. މިއީ ޓެކްސީ ހިދުމަތުގެ ވާދަވެރިކަން އިތުރު ކުރުމަށް އޮތް ރަނގަޅު ހައްލަކަށް ވެދާނެ އެވެ. މިނިސްޓްރީގެ އުންމީދަކީ ވެސް އެއީ އެވެ. ޓެކްސީތަކާއި، ޓެކްސީ ސެންޓަރުތަކުން ހިތުހުރިހާ ގޮތަކަށް ދޭ ހިދުމަތެއްގެ ގޮތުގައި އޮންނަ ޓެކްސީގެ ހިދުމަތަށް ހަމަތަކެއް އަންނަން ވެއްޖެ އެވެ. އެކަން ނިމުމަކަށް އައިސް އެ ހިދުމަތް ވެސް ތަހުޒީބުވާން މި އޮތީ ޖެހިފަ އެވެ. ހަމައެކަނި ފައިސާ ހޯދުމަށް ބުރަވެފައި އޮތް ހިދުމަތަކަށް ވުރެ ބޮޑަށް އާންމުންނަށް ދޭ ފެންވަރުގެ ހިދުމަތަކަށް ޓެކްސީ ހިދުމަތް ބަދަލު ކުރަން މި އޮތީ މަސައްކަތް ކުރަން ޖެހިފަ އެވެ.