މިއުޒިކް

ޝަލަބީގެ އޮރިޖިނަލް ލަވައެއް: ލޯތްބާއެކު އަންހެނުންނަށް

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއް ފޯރީގައި ކުރިއަށްދާއިރު މި އައިޑޮލްއެއްގެ އަލަތު ސީޒަނުގެ ސުޕަސްޓާރުން މަތިން މިސްވުމަކީ ހަމަ ވެދާނެ ކަމެކެވެ. އަދި އެ ސުޕަސްޓާރުންގެ އޮރިޖިނަލް ލަވަތަކެއް އަޑުއަހާލަން ނުލިބުމަކީ ބަޔަކު މީހުން މޯލްޑިވިއަން އައިޑޮލްގެ ހުމުގައި ކޮށްފާނެ ޝަކުވާއެއް ވެސްމެ އެވެ.

ނަމަވެސް އެފަދަ ޝަކުވާއަކަށް ފުރުސަތު ދޭން ސީޒަން އެކެއްގެ ރަނަރަޕް ޝަލަބީ އިބްރާހިމް ބޭނުމެއް ނުވާ ކަހަލަ އެވެ. އޮރިޖިނަލް ލަވައެއްގެ މައްސަލަގަނޑު އެންމެ ބޮޑުވި ވަގުތު އޭނާ މި ވަނީ އޮރިޖިނަލް ލަވައެއް އެހުންތެރިންނާ ހަމަ އަށް ގެނެސްދީފަ އެވެ.

ޝަލަބީގެ އަމިއްލަ ސްޓޫޑިއޯގައި ރިކޯޑްކޮށް މާސްޓަކޮށްފައިވާ މި ހިތްގައިމު ލަވަ އަކީ "ފިސާރި ފިރިހެނަކީމު" އެވެ. މިއީ ލޯބީގެ ލަވައެއް ނޫނެވެ. އަދި ފިސާރި ފިރިހެނުންގެ ހައްގުގައި ޝަލަބީ ރިކޯޑްކޮށްފައިވާ ލަވައެއް ވެސް ނޫނެވެ. ލަވައިގެ ނަމުން އެހެން ހީވިޔަސް މިއީ ހުރިހައި ފިސާރި އަންހެން ކަނބަލުންނަށް ޝަލަބީ ހަދިޔާކޮށްފައިވާ ލަވަ އެވެ.

މޯލްޑިވިއަން އައިޑޮލް އިން ވިދާލި ލަވަކިޔުންތެރިޔާ ޝަލަބީ ތަފާތުވާ އެއް ސަބަބަކީ މިއީ އެވެ. ލިބުނު މަޝްހޫރުކަމާއި ތަނަވަސްކަމުން އޭނާ ބޭނުންވަނީ އަމިއްލަ އަށް މަޝްހޫރުކަން ލިބޭ ފަދަ ލޯބީގެ ލަވަތަކެއް ނެރޭކަށް ނޫނެވެ. އޭނާގެ ފުރަތަމަ ޒިންމާއަށް ހަދާފައިވަނީ މުޖުތަމައަށް ހިދުމަތްކުރުމެވެ.

އައިޑޮލްގެ ކާމިޔާބީ އަށް ފަހު ޝަލަބީ އެންމެ ފުރަތަމަ ނެރުނީ މަދަހަ އަލްބަމެކެވެ. އެއަށް ފަހު، މަދަހަ އަލްބަމެއް ރިކޯޑްކުރުމުގެ ހުވަފެން ދެކުނު އޯޓިސްޓިކް ކުއްޖަކަށް މަދަހަ އަލްބަމެއް ޝަލަބީގެ ޚަރަދުގައި ޕްރޮޑިއުސްކޮށް ދިނީ އެވެ. އެއަށް ފަހު މިހާރު އޭނާ ނެރެފައިވާ "ފިސާރި ފިރިހެނަކީމު" އަކީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅު ކެމްޕޭން ވަން ބިލިއަން ރައިޒިން ކެމްޕޭނަށް ހަދިޔާކޮށްފައިވާ ލަވައެކެވެ.

މިއީ ރާއްޖޭގައި އަންހެނުންގެ ހައްގަށް މަސައްކަތްކުރާ ހޯޕް ފޯ ވިމެން އާއި ޝަލަބީގެ ޓީމު ގުޅިގެން ކޮށްފައިވާ މަސައްކަތެކެވެ. ނަސްމާ އަބްދުލް މުހުސިންގެ ޅެމަކަށް ޝަލަބީ އާއި އަބްދުﷲ ވިމްފާޒު ތައްޔާރުކޮށްފައިވާ މި މެލޮޑީ އަށް މިއުޒިކް އުފައްދައި ރިކޯޑްކޮށްފައި ވަނީ މިއުޒިކް ހައުސް އިންނެވެ.

ޝަލަބީގެ ޓީމުން ބުނެފައި ވަނީ މިއީ ލަވަކިޔުންތެރިޔަކަށްވީތީ އަންނަ އިޖުތިމާއީ ޒިންމާގެ ތެރެއިން މުޖުތަމައަށް ހަދިޔާކޮށްފައިވާ ލަވައެއް ކަމަށެވެ. އަދި މި ލަވަ އަށް ފަހު އަންނަ މާޗު މަހު ޝަލަބީގެ އާ ވީޑިއޯ ލަވައެއް ނެރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ޝަލަބީގެ ޓީމުން ބުނެފައިވެ އެވެ.

އެ ލަވަ އަކީ ޝަލަބީ އަށް ނުކިޔޭނެ ކަމަށް މީހުން ބުނާ ޒާތުގެ ބޮޑު ލަވައެއް ކަމަށް ވެސް އޭނާގެ ޓީމުން ބުނެ އެވެ.