ހަބަރު

ޖައިލަމް ހޯދަން ސިފައިން ކަނޑު އަޑީގައި އަތްފުނާ އަޅަނީ

  • ޖައިލަމްގެ ޑައިވް ކުރުމުގެ އެއްވެސް ތަޖުރިބާއެއް ނެތް
  • އޭނާގެ ހަށިގަނޑު އޮންނާނެ ކަމަށް ބެލެވެނީ އަޑީގައި
  • ކަނޑުގެ 1000 ނޯޓިކަލް މޭލު ސަރަހައްދެއް ބަލައިފި

އދ. ހުރުއެޅި ނަމަކަށް ކިޔާ ފަޅުރަށެއްގެ ކައިރިއަށް ހުއިފިލަނޑާ ނެގުމަށް ފީނަން ފޭބި އަހުމަދު ޖައިލަމްއަކީ ޑައިވިންގެ އެއްވެސް ތަމްރީނެއް ހަދާފައިވާ މީހެއް ނޫން ކަމަށާއި މިހާތަނަށްކޮށްފައިވާ މަސައްކަތުން އޭނާ ހޯދިފައި ނުވާ ކަމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ބުނެފި އެވެ.

ޅައިމަގަށް ނިސްބަތްވާ އެރަށު އެވަރެސްޓް، އުމުރުން 23 އަހަރުގެ ޖައިލަމް ހޯދުމުގެ މަސައްކަތް ކުރިޔަށް ދާ ގޮތާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑިރެކްޓާ، ލެފްޓިނަންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ ޑައިވް ކުރަންވާ ގޮތް ނޫން އެހެންގޮތަކަށް އެކަން ކޮށްފި ނަމަ އެއީ ވަރަށް ނުރައްކާތެރިކަމެއް ކަމަށެވެ. އޭގެ ސަބަބުން މިހާތަނަށް ވެސް ގިނަ ހާދިސާތައް ހިނގާފައިވާ ކަމަށް ކާނަލް ސަލީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ޖައިލަމްއާއެކު ޑައިވިންއަށް ދިޔަ މީހުންގެ ފަރާތުން އެނގުނީ އޭނާއަކީ މީގެ ކުރިން ޑައިވިންގެ އެއްވެސް ޓްރެއިނިންއެއް ހޯދާފައި ނުވާ ފަރާތެއް ކަމަށް ސަލީމް ވިދާޅުވި އެވެ.

"ދުނިޔޭގެ ހުރިހާ ކަންކޮޅުގައި ވެސް ޑައިވް ކުރާ މީހުންނަކީ ވަކި ކަހަލަ ތަމްރީންތަކެއް ހަދާގެން ވަކި ގޮތަކަށް މަސައްކަތް ކުރަމުން އަންނަ ބައެއް. ރާއްޖެއަކީ އެވަރޭޖް ގޮތެއްގައި ގިނަ އަދަދަކަށް ޑައިވް ކުރާ ތަނެއް. އެހެންނަމަވެސް ތަމްރީންވެފައި ތިބި ފަރާތްތަކުން ކުރާ ޑައިވްތަކުގައި އިންސިޑެންޓެއް ދިމާވުން ނިސްބަތުން ކުޑަ. ނަމަވެސް ހިތާމަވެރި ހާދިސާތައް ހިނގަމުން މިދަނީ ޓްރެއިން ނުކޮށް ނުވަތަ އަޅަން ޖެހޭ ފިޔަވަޅުތައް ނޭންގި ޑައިވް ކުރުމުގެ ސަބަބުން،" ސަލީމް ވިދާޅުވި އެވެ.

އާންމުގޮތެއްގައި ޕްރޮފެޝަނަލް ޑައިވަރުންނަށް ވެސް ރޭގަނޑު އެއް ޑައިވް ހިމަނައިގެން ކުރެވޭނީ ތިން ޑައިވްއެވެ. ނަމަވެސް ހުއިފިލަނޑާ ނެގުމަށް ޖައިލަމް ވަނީ 45 މިނެޓަށް ވުރެއް ގިނަ އިރުވަންދެއް ޖެހިޖެހިގެން ތިން ޑައިވް ހަމަ އެ ދުވަހު ކޮށްފައި ކަމަށް އެނގިފައިވެ އެވެ.

ސަލީމް ވިދާޅުވި ގޮތުގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި މީހާގެ ފުރާނަ ހުއްޓާ ހޯދޭނީ 73 ޕަސަންޓު މީހުންނެވެ. އަދި ތިން ދުވަސްވީ އިރު ޖައިލަމްގެ ހަބަރެއް ހިލަމެއްވެސް ފެނިފައި ނުވީނަމަވެސް އޭނާ ސަލާމަތުން ހޯދޭނެ ކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ބުނަން އުނދަގޫ ކަމަށް ސަލީމް ވިދާޅުވި އެވެ. ނަމަވެސް ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ވަރަށް ކަނޑުއަޑިޔަށް ފޯކަސްކޮށްގެން ކުރިޔަށް ގެންދާ ކަމަށާއި ބޮޑަށް ބެލެވެނީ އަޑީގައި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖައިލަމް ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވާލާ ސަލީމް ވިދާޅުވީ މިހާތަނަށް ކަނޑަުގެ 1000 ނޯޓިކަލް މޭލު ސަރަހައްދެއް ހޯދާފައިވާ ކަމަށެވެ. އަދި އެކަމުގައި ޑައިވަރުންގެ ތިން ޓީމާއި ކޯސްޓްގާޑުގެ ތަފާތު އުޅަނދުތަކުގެ އިތުރުން މޯލްޑިވިއަންގެ ސީޕްލޭންއަކާއި ކޮންރެޑް މޯލްޑިވްސް ރިސޯޓުގެ އުޅަނދެއް ބޭނުން ކުރި ކަމަށެވެ. އޭގެ އިތުރުން ސަން އައިލެންޑްގެ ޑައިވަރުންގެ ޓީމަކާއި އުޅަނދެއްގެ އެހީވެސް ހޯދާފައިވާ ކަމަށާއި ފުލުހުންވެސް ޖައިލަމް ހޯދުމުގައި އެހީވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އިންޓަނޭޝަނަލް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުތަކަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެގޮތުން މި ސަރަހައްދުން ދަތުރު ކުރާ ބައިނަލްއަގުވާމީ ދަތުރުވެރިންނަށްވެސް އެ ސެންޓަރުތަކުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ސަލީމް ވިދާޅުވި އެވެ. ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް އާންމު ގޮތެއްގައި ކުރިޔަށް ގެންދަނީ ތިނެއް ނޫނީ ހަތަރު ދުވަހަށެވެ. އަދި ޖައިލަމް ހޯދުމުގެ އޮޕަރޭޝަންތައް ހުއްޓާލާނެ ތާރީހެއް ވަރަށް އަވަހަށް ނިންމަވާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.