ހަބަރު

ސިފައިންނަށް ވޯޓު ނުލެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ތާއީދު: ޕީޕީއެމް

  • ސިފައިންނަށް ވޯޓު ލެވޭނަމަ ސަރުކާރަށް ފައިދާ ބޮޑު
  • ސިފައިން ސިޔާސީ ބަޔަކަށް ހަދާކަށް ބޭނުމެއް ނޫން
  • އިދިކޮޅު ފަރާތްތަކުން މިކަމާ ވަރަށް ބޮޑު ދެކޮޅު

ސިފައިންނަކީ ގައުމުގެ މިނިވަންކަމާ އިސްތިގުލާލަށް މަސައްކަތް ކުރުމުގައި ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ ތިބެން ޖެހޭ ބައެއް ކަމަށާއި އެގޮތުން ސިފައިނަށް ވޯޓު ނުލެވޭ ގޮތަށް ގާނޫން އިސްލާހު ކުރުމަށް ތާއީދު ކުރާ ކަމަށް ޕީޕީއެމްއިން ބުނެފި އެވެ. އެ ޕާޓީ އިން އެހެން ބުނި އިރު އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމަށް ފާޅުގައި ދެކޮޅު ހަދަމުންނެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރަންސްއެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ ސިފައިންނަށް ވޯޓު ލެވޭ ގޮތަށް އޮތުމަކީ އެ މީހުން ސިޔާސީ ކަންކަމުގެ ތެރެއަށް ވެއްދުމަށް މަގުފަހިވެގެންދާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ސިފައިންނަކީ އެއްވެސް ހާލެއްގައި ސިޔާސީ ބަޔަކަށްވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއް ރަހީމް ވިދާޅުވީ ގޮތުގައި ސިފައިންނަށް ވޯޓު ލެވޭ ގޮތަށް އޮތުމަކީ އެއިރެއްގެ ސަރުކާރަށް އަދި ހާއްސަކޮށް ޕީޕީއެމްއަށް އެންމެ ފައިދާވާނެ ގޮތެެވެ. ނަމަވެސް އޭގެ މަންފާ ނަގާކަށް މި ސަރުކާރުން ބޭނުން ނުވާ ކަމަށާއި ސިފައިންނަކީ ގައުމަށް ދިމާވާ ހާލަތްތަކުގައި ގައުމާއި ހުރިހާ ރައްޔިތުންގެ ދިފާއުގައި ނިކުންނަ ބަޔަކަށް ވުމުން އެ ބޭފުޅުންނަށް މިނިވަންކަމާއެކީ މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމްކޮށްދިނުން މުހިންމު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މާޒީއަށް ޖެހިލާއިރު މީގެ ކުރިން އޮތް ގާނޫނުގެ ދަށުން ސިފައިންނާއި ފުލުހުންނަކީ ވޯޓު ދެވޭ ގޮތަށް އޮތް ބައެއް ނޫން. އެގޮތަށް އޮތް އިރު ސިފައިންގެ ތެރޭގައި އެއްވެސް ކަހަލަ ސިޔާސީ ނުފޫޒުތަކެއް ނެތް. ނަމަވެސް 2008 ގެ ފަހުން ސިފައިންގެ ތެރޭގައި އަދި ފުލުހުންގެ ތެރޭގައި ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ވަދެފައި އެބަހުރި،" އަބްދުއް ރަހީމް ވިދާޅުވި އެވެ. "ސިފައިންނަށް އިންތިހާބުތަކުގައި ވޯޓު ނުލެވޭ ގޮތަށް އޮތުމަކީ ޕީޕީއެމްއިން ވަރަށް ބޮޑަށް މަރުހަބާކިޔާ ތާއީދު ކުރާ ކަމެއް. އަޅުގަނޑުމެން ބޭނުމަކީ ސިޔާސީ ކަންކަމުން އެއްކިބާވެފައިވާ ބަޔަކަށް ހަދަން އަދި އެ މުއައްސަސާއަކީ ސިޔާސީ އެއްވެސް ނުފޫޒެއް ނުވަންނާނެ ގޮތަށް ކަންކަން ބައްޓަން ކުރުން އެއީ ޕީޕީއެމްއިން އަބަދުވެސް ތާއީދު ކުރާ ކަމެއް،"

ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ ސަރުކާރުން ބުރަ މަސައްކަތެއް ކޮށްގެން ސިފައިންގެ ވެލްފެއާގެ ކަންކަން ރަނގަޅު ކުރުމުގެ ގޮތުން، ސިފައިންނާއި ފުލުހުންނަށް ފްލެޓުތައް އެޅުމާއި މުސާރާ އާއި އިނާޔަތް އިތުރު ކުރުމަށް ވެސް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުގެ މަތިން ސިޔާސީ ހިސާބު ޖަހާނަމަ، ސިފައިންނަށް ވޯޓު ލެވޭ ގޮތަށް އޮތުމުން އެންމެ ބޮޑަށް ފައިދާ ވާނީ ސަރުކާރެއްގައި ތިބޭ ބަޔަކަށް ކަމަށް ނިހާން ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުގެ މި ނިންމުމަކީ ސިޔާސީ ގޮތުން ސިފައިންގެ ނާޖާއިޒު ފައިދާ ނުނެގުމަށް، ދުނިޔޭގެ ފެންވަރުގައި ދައްކާދޭ ނަމޫނާއެއް ކަމަށް ނިހާން ވިދާޅުވި އެވެ.

ސިފައިންނަށް ވޯޓު ނުލެވޭ ގޮތަށް ގާނޫނު ބަދަލު ކުރަން އުޅޭ ކަން އިއުލާން ކުރެއްވީ ސިފައިންގެ ހަފްލާއެއްގައި ޑީފެންސް މިނިސްޓަރު އާދަމް ޝަރީފް އެވެ.