ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފި އެވެ. އެ ފުރުސަތު ހުޅުވާލީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ، އެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅަން ޖެހޭނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން، ޑިސެންބަރު 14 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރީވުމަށް ހުޅުވާލި ފުރުސަތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކާއި އަދި ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށަކަށް ނުވަތަ ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތަށް ކަމަށެވެ.
ރަށްވެހިވެފައިވާ ރަށް ނޫން ރާއްޖޭގެ އެހެން ރަށަކަށް ވޯޓުލުމަށް ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ދޫކުރުމާއި ފޯމުތަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި މާލޭ ސިޓީގައި ނަމަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ އިންތިހާބީ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ. އަދި
ރާއްޖޭން ބޭރުގައި ބަހައްޓާ ވޯޓުފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ދޫކުރުމާއި ފޯމުތަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޓްރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީހުންނާއި ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިންނެވެ.