ހަބަރު

އިންތިހާބުގެ ދެވަނަ ބުރު ފަށައިފި، ހުރިހާ ކަމެއް ދަނީ އޮމާންކޮށް

ލޯކަލް ކައުންސިލް އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހޭ ދެ ދާއިރާގައި ވޯޓުލުން ފަށައިގެން ކުރިޔަށް އެބަ ދެއެވެ. ދެވަނަ ބުރުގެ ވޯޓުލުން ކުރިޔަށް ދަނީ ތ. މަޑިފުއްޓާއި ށ. ކޮމަންޑޫގަ އެވެ.

އިލެކްޝަން ކޮމިޝަން (އީސީ)ގެ މެންބަރު އަހުމަދު އަކްރަމް "އަވަސް"އަށް މިއަދު ވިދާޅުވީ ދެ ރަށުގައި ވެސް ގަޑިއަށް ވޯޓުލުން 8:00 ހާއިރަށް ފަށާފައިވާ ކަމަށާއި ނަމަވެސް ކޮމަންޑޫގައި ބަހައްޓާފައި ހުރި އެއް ފޮއްޓަށް ވޯޓުލާ މީހަކު އައިސްފައި ނުވާތީ ފެށުނީ 8:11 ގައި ކަމަށެވެ. އަދި މަޑިފުށީގައި މިހާތަނަށް 106 އެއްހާ މީހުން ވޯޓުލާފައިވާ ކަމަށާއި މިހާތަނަށް އެއްވެސް ޝަކުވާއެއް ހުށަހެޅިފައި ނުވާ ކަމަށެވެ. ވެސް އަކްރަމް ވިދާޅުވި އެވެ.

"އިލެކްޝަން ކޮމިޝަނުން މިވަނީ ވަރަށް ބަރާބަރަށް ތައްޔާރުވެ ހުރިހާ ތަނެެއްގައި ގަޑިއަށް ފަށާފައި. ދެވަނަ ބުރުގެ ހުރިހާ ކަމެއް ވެސް މިހާތަނަށް މިދަނީ ވަރަށް އޮމާންކޮށް،" އަކްރަމް ވިދާޅުވި އެވެ.

އީސީން މަޑިފުށީގައި އެއް ފޮށި ބަހައްޓާފައިވާ އިރު ކޮމަންޑޫގައި ބަހައްޓާފައި ވަނީ ދެ ފޮއްޓެވެ. އޭގެ އިތުރުން މާލޭ ބާޖަމާލުއްދީން އިމާރާތުގައި ވެސް ފިއްޓެއް ބަހައްޓާފައި އެބަހުއްޓެވެ.

ކޮމަންޑޫގައި އަލުން ވޮޓުލާން އީސީން ނިންމީ ކުރިމަތިލީ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެެއްވަރުވެގެންނެވެ. އަދި މަޑިފުށީގައި އަލުން ބާއްވަނި ވޯޓުލާން ނުޖެހޭ މީހަކަަށް ވޯޓު ކަރުދާސް ދޫކުރެވި އަދި އޭގެ ސަބަބުން ނަތީޖާ ބަދަލުވާނެތީ އެވެ.