ހަބަރު

ކައުންސިލް އިންތިހާބުގައި 66 ޕަސަންޓް މީހުން ވޯޓުލި

މި މަހު ހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 66 ޕަސަންޓު މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ބޮޑު މައްސަލައެއް ދިމާނުވެ ހުރިހާ ކަމެއް ދިޔައީ އޮމާންކޮށް ކަމަށާއި ރައްޔިތުން ބޭނުންވާ ފަދަ އިންސާފުވެރި އިންތިހާބެއް ބޭއްވުނު ކަމަށެވެ. އަދި މުޅި ރާއްޖެއިން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 66 ޕަސަންޓު މީހުން ވޯޓުލި ކަމަށް އަކްރަމް ވިދާޅުވި އެވެ.

"ޝަކުވާތައް ހުރި ނަމަވެސް ޖުމުލަކޮށް މުޅި އިންތިހާބު ދިޔައީ އަމަން އޮމާންކޮށް. ބޭރުގެ އޮބްޒާވަރުން މުޅި އިންތިހާބަށް ރަނގަޅަށް ބެލުމަށް ފަހު ލިބުނު ފީޑް ބެކްތައް ވަރަށް ރަނގަޅު،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ އިންތިހާބާ ގުޅޭގޮތުން 116 މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އޭގެ ތެރެއިން ނުނިމި ހުރީ އެންމެ މައްސަލައެއް ކަމަށެވެ. އަދި މައިގަނޑު ގޮތެއްގައި ހުށަހެޅިފައި ވަނީ ވޯޓު ގުނުމާ ގުޅޭ މައްސަލަތައް ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާފައި ވަނީ މި މަހުގެ ހަވަނަ ދުވަހު އެވެ. ކައުންސިލްގެ ރަސްމީ ނަތީޖާ ވެސް އިއްޔެ ވަނީ އެކީ އިއުލާޏްކޮށް ނިންމައިފަ އެވެ. ލޯކަލް ގަވަރުމަންޓް އޮތޯރިޓީ، އެލްޖީއޭ އިން މިހާރު ނިންމާފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށެވެ. އެހެން ނަމަވެސް އެލްޖީއޭ އިން ބުނެފައި ވަނީ އެ ދުވަހު ހުވާކުރުން ބާއްވާނީ އިންތިހާބުގެ ދެވަނަ ބުރެއް ވާއްވަން ޖެހޭ ދާއިރާތަކުގެ ވޯޓުލުން ނިމި، ނަތީޖާ އޭގެ ކުރިން އިއުލާން ކޮށްފައިވާ ނަމަ ކަމަށެވެ.