ހަބަރު

ކައުންސިލަރުން ހުވާކުރުން އަންނަ މަހު ތިނެއްގައި

May 15, 2017

އާ ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރު އަންނަ މަހުގެ ތިނެއްގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ، އެލްޖީއޭ އިން ބުނެފި އެވެ.

އެލްޖީއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ އޮތޯރިޓީ އިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ޖޫން މަހުގެ ތިން ވަނަ ދުވަހު ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށެވެ. އަދި ހުވާކުރުމުގެ ރަސްމިއްޔާތު ރަށްތަކުގައި ބާއްވާނީ އެ ރަށެއްގެ ކައުންސިލް އިދާރާއިން ކަނޑައަޅާ ތަނެއްގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި މާލޭ ސިޓީގެ ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެތަނެއް އަދި ނުނިންމާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުވާކުރުމުގެ ރަސްމިއްޔާތަށް ތައްޔާރުވަމުން ދިޔަ ނަމަވެސް، ދެ ކެންޑިޑޭޓެއްގެ ވޯޓް އެއްވަރުވެގެން އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހޭ ށ. ކޮމަންޑު އާއި ތ. މަޑިފުށީ ކައުންސިލްގެ އިންތިހާބު ނުކުރެވެނިސް ހުވާކުރުމުގެ ރަސްމިއްޔާތު ނުބޭއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ދެ ރަށުގައި ބާއްވާ އިންތިހާބުގެ ދެވަނަ ބުރު އަދި ބާއްވާނެ ދުވަހެއް އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާނެއް ނުކުރެ އެވެ.

"އެގޮތަށް ދިމާވެއްޖެ ނަމަ އަޅުގަނޑުމެން ޖެހޭނީ ހުވާކުރާ ދުވަސް ފަސްކުރަން،" އޮފިޝަލް ވިދާޅުވި އެވެ.

މި މަހުގެ ހަވަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއްޔެ ވަނީ އިއުލާންކޮށް ނިމިފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި ދާއިމީ ނަތީޖާ އިއުލާންކުރަން ކޮމިޝަން ވަނީ ނިންމައިފަ އެވެ. މުޅި ރާއްޖެއިން އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް އަދި ތިން ސިޓީ ކައުންސިލަށް ޖުމްލަ 655 ފަރާތެއް ވަނީ އިންތިހާބުކޮށްފަ އެވެ. ބޮޑެތި ސިޓީތަކުގެ އަގުލަބިއްޔަތުން ނަގައިގެން އިންތިހާބުގެ ގިނަ ގޮޑިތައް ވެސް ކާމިޔާބު ކުރީ އެމްޑީޕީ ހިމެނޭ ގޮތުން އިދިކޮޅު އިއްތިހާދުންނެވެ.