ހަބަރު

ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށް ނިންމައިފި

May 14, 2017
2

މި މަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލްކައުންސިލް އިންތިހާބުގެ ހުރިހާ ދާއިރާއެއްގެ ވަގުތީ ނަތީޖާތައް އިއުލާންކޮށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމާލައިފި އެވެ.

އިއުލާން ނުކުރެވި އޮތް 17 ދާއިރާއެއްގެ ވަގުތީ ނަތީޖާ މިއަދު ވަނީ އިއުލާންކޮށްފަ އެވެ. އެއާ އެކު ހުރިހާ ދާއިރާއެއްގެ ވަގުތީ ނަތީޖާ އިއުލާން ކުރެވުނީ އެވެ. ވަގުތީ ނަތީޖާތައް އިއުލާން ކުރަން ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ. ވަގުތީ ނަތީޖާ އިއުލާން ކުރުން ލަސްވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން، ހދ. ކުރިނބީ ކައުންސިލާއި ށ. ފޯކައިދޫ ކައުންސިލް އިންތިހާބު އެއްވަރުވެފައި ވާތީ، ދެވަނަ ބުރެއް ބާއްވަން ވަނީ ޖެހިފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ދާއިމީ ނަތީޖާ އިއުލާން ކުރެވޭނީ މި ދެ ކައުންސިލްގެ ދެވަނަ ބުރު ބޭއްވިގެން ކަމަށެވެ.

ގާނޫނުގައި ބުނާ ގޮތުން އިންތިހާބު ބާއްވާތާ 14 ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާން ކުރަން ޖެހެ އެވެ.