ވިޔަފާރި

އެއްލައިދޫ ރިސޯޓުގައި "ޗަވާނާ" ބްރޭންޑުގެ ސްޕާއެއް ހުޅުވައިފި

Mar 21, 2015

މަޝްހޫރު "ޗަވާނާ" ބްރޭންޑުގެ ސްޕާއެއް ސްރީލަންކާގެ ޗާޔާ ގްރޫޕުން ރާއްޖޭގައި ހިންގާ އެއްލައިދޫ ރިސޯޓުގައި ހުޅުވައިފި އެވެ.

ސިނަމަން ބްރޭންޑުގައި މަތީ ފަންތީގެ ހޮޓެލްތައް ހިންގަމުން ގެންދާ ޗާޔާ ގްރޫޕުން ރާއްޖޭގައި ހިންގާ އެއްލައިދޫ ރިސޯޓުގައި ހުޅުވި މި ސްޕާގައި މި ބްރޭންޑުގެ ސާމާނު ވިއްކުމަށް ހާއްސަ އޭރިޔާއެއްވެސް ހަދާފައިވެ އެވެ.

މި ސްޕާ އޮޕަރޭޓްކޮށް ހިންގާ މަންދަރާ ސްޕާ އޭޝިޔާ ލިމިޓެޑުގެ ޗީފް އޮޕަރޭޓިން އޮފިސަރު ޖެފް މެތިއު ވިދާޅުވީ މިއީ އެ ކުންފުންޏަށް ހުޅުވިގެން ދިޔަ ރަނގަޅު ފުރުސަތެއް ކަމަށެވެ.

"ސިނަމަން ހޮޓެލް އާ ގުޅިގެން ރާއްޖޭގައި ސްޕާއެއް ހިންގުމުގެ ފުރުސަތު ލިބުމަކީ ލިބިގެން ދިޔަ ރަނގަޅު ފުރުސަތެއް. އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނީ ރަނގަޅު މަތީ ފަންތީގެ ހިދުމަތެއް މެހުމާނުންނަށް ދިނުމަށް،" މެތިއު ވިދާޅުވި އެވެ.

"ޗަވާނާ" ބްރޭންޑުގެ މި ސްޕާތައް މިސްރާއި މެލޭޝިޔާ އަދި ރަޝިޔާގެ ބައެއް ހޮޓެލްތަކުގައި ވެސް ހިންގަމުންދެ އެވެ.