ކުޅިވަރު

ޓީސީ އަށް ސެމީ ކަށަވަރުވުމުގެ އުންމީދު ބޮޑު

ބަންގުލަދޭޝްގައި މިހާރު ކުރިއަށްދާ ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތުގައި، މިއަދު، ކިރިގިސްތާންގެ އެފްސީ އަލްގާ އާ ދެކޮޅަށް ނިކުންނަނީ، މުބާރާތުގެ ސެމީފައިނަލުގެ ޖާގަ ތަނަވަސް ކުރުމުގެ އުންމީދު ގައި ކަަމަށް ޓީސީގެ ކޯޗް މުހައްމަދު ނިޒާމު (ނިޒާންބެ) ބުނެފި އެވެ.

ކިރިގިސްތާން ލީގްގެ ކުރީގެ ޗެމްޕިއަން ޓީމާ ދެކޮޅަށް، މިއަދު ޓީސީ ކުޅޭ މެޗު ފެށޭނީ ރާއްޖޭގަޑިން ހަވިރު 6:00 ގަ އެވެ.

އެ ޓީމަކީ، މިދިޔަ އަހަރު ކިރިގިސްތާން ލީގްގެ ތިން ވަނަ ޓީމެވެ.

މެޗާ ބެހޭގޮތުން ދިވެހި މީޑިއާތަކަށް ނިޒާމް ފޮނުވި މެސެޖުގައި ބުނެފައިވަނީ، މެޗަށް، ނިކުންނަނީ އަލްގާ އަކީ ވަރުގަދަ ޓީމެއް ކަން ދެކިގެން ކަމަށާއި، ނަމަވެސް ޓީސީވެސް އޮތީ މެޗު ކާމިޔާބު ކުރުމަށް ފުރިހަމަ އަށް ތައްޔާރަށް ކަމަށެވެ.

މުބާރާގެ ފުރަތަމަ މެޗުގައި، އަލްގާ، ވަނީ ދެކުނު ކޮރެއާގެ ޕޮޗެއޮން ސިޓަޒަން އެފްސީއާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން ބަލިވެފަ އެވެ.

"އެ މެޗުން އެޓީމު ބަލިވެފައި އޮތުމުން، އެ ޓީމުން މިއަދު ނިކުންނާނީ ސީދާ މޮޅުވާން، އެހެންވެ އެ ޓީމުން އިތުރަށް މަސައްކަތް ކުރާނެ، ކުޅުންތެރިންނަށް ވިސްނައި މިދެނީ މެޗު ފަސޭހަ ނުވާނެ ކަން، އަދި ޓީސީ އިން ސެމީ ފައިނަލުން ޖާގަ ހޯދާނަމަ އިތުރަށް މަސައްކަތް ކުރަންޖެހޭނެ،" ނިޒާމް ބުންޏެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިދިޔަ ހޮނިހިރު ދުވަހު ޓީސީ ކުޅުނު މެޗު އެ ޓީމުން ކާމިޔަބު ކުރީ މުބާރާތް ބާއްވާ ބަންގުލަދޭޝްގެ އަބްހާނީ ޔުނައިޓަޑްގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ.

ޓީސީ އާއި އަލްގާ ކުޅޭ މެޗުގެ ކުރިން، މިއަދު އަބްހާނީ ނިކުންނާނީ ޕޮޗެއޮން އާ ދެކޮޅަށެވެ.