ހަބަރު

ކައިވެނި ހަފުލާތަކުގައި ގައުމީ ސަލާން ކިޔުން ޗައިނާގައި މަނާކޮށްފި

ކައިވެނި ހަފުލާތަކާއި ޖަނާޒާ އާއި އިސްތިހާރުތަކުގައި ގައުމީ ސަލާން ކިޔުމަކީ ޗައިނާގައި އައިބު ކަމެއް ނޫނެވެ. އެކަމަކު ޗައިނާ ސަރުކާރުން މިހާރު ވަނީ މިކަން ހުއްޓުމަކަށް ގެންނަން ނިންމައިފަ އެވެ. ޗައިނާގެ ގައުމީ މީޑިއާ އިން ބުނީ މިފަދަ ކަންކަމުގައި ގައުމީ ސަލާން ކިޔުން މިހާރު މަނާކޮށްފައިވާ ކަމަށެވެ.

ގައުމީ ސަލާމާ ބެހޭ ގޮތުން އަލަށް ހެދި ގަވާއިދު ބުނާ ގޮތުން، ގައުމީ ސަލާން ކިޔޭނީ ސިޔާސީ އަދި ޑިޕްލޮމެޓިކް ބޮޑެތި ރަސްމިއްޔާތުތަކުގެ އިތުރުން ކުޅިވަރު އިވެންޓްތަކާއި ސްކޫލްތަކުގައި އެކަންޏެވެ.

ޒިންހުއާ ނިއުސް އެޖެންސީން ބުނީ ސަރުކާރުން މިގޮތަށް ހަމަޖެއްސީ ގައުމީ ސަލާން އޭގެ ހަގީގީ މާނާގައި އަދި އެ ކިޔަންޖެހޭ ގޮތަށް ކިޔުމަށް ކަމަށެވެ. އަދި އާ ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ގައުމީ ސަލާމުގައި ގައުމުގެ މިނިވަންކަމާއި ހައިބަތާއި ގަދަރު އަދި ރައްޔިތުންގެ ފުދުންތެރިކަން ދައްކުވައިދޭ ކަމަށާއި އެހެންވެ ގައުމީ ސަލާން ކިޔަން ޖެހޭނީ އެފަދަ ކަންކަމާ މުނާސަބު ހާލަތްތަކުގައި ކަމަށް ޒިންހުއާ އިން ބުންޏެވެ. އެގޮތުން ގައުމުގެ އެތުލީޓަކު މުބާރާތެއްގައި ވާދަކުރާއިރު ގައުމީ ރޫހު ދައްކުވައިދޭން ގައުމީ ސަލާން ކިޔުމުގައި މައްސަލައެއް ނެތް ކަމަށް ބުނެފައިވެ އެވެ. – ބީބީސީ