ކުޅިވަރު

"ވެލެންސިއާ އަށް ބަލިނުކުރެވޭހާ މޯހަންބަގާން ތަފާތެއް ނޫން"

އިންޑިއާގެ ލީގަކީ، އޭޝިއާ ސަރަހައްދުގައި ފާހަގަ ކުރެވޭ ލީގެކެވެ. އިންޑިއާގެ ކުލަބު ތަކަކީ، އޭޝިއާގެ މެދުފަންތީ ލެވަލުގައި ފާހަގަ ކުރެވޭ ކުލަބު ތަކެކެވެ. އޭއެފްސީ ކަޕުގެ ފައިނަލަށް އިންޑިއާގެ ބެންގަލުރު އެފްސީ ދަތުރު ކުރުމުން، އިންޑިއާގެ ކުލަބުތަކުގެ ހައިބަތު ހާމަ ކޮށްދެ އެވެ.

އޭއެފްސީ ކަޕު ފައިނަލަށް ބެންގަލޫރު އެފްސީ ދަތުރު ކުރީ، އޭގެ ކުރީގެ ޗެމްޕިއަން މެލޭޝިއާގެ ޖޯހަރު ދާރުލް ތާޒިމް އެފްސީ ބަލި ކުރުމަށް ފަހު އެވެ. ފައިނަލުގައި އިރާގްގެ ވަރުގަދަ އަލް ގުވާ އަލް ޖަވިއްޔާ އަތް ދަށު ވިޔަސް، އެއީ މީގެ ކުރީގައި، ދެކުނު އޭޝިއާގެ އެހެން ކުލަބަކަށް ދެވުނު ހިސާބެއް ނޫނެވެ.

އޭއެފްސީ ކަޕުގައި، މިދިޔަ ދެ އަހަރަކީ، ރާއްޖޭގެ ކުލަބުތަކަށް، އިންޑިއާގެ ކުލަބުތަކާ ވާދަ ކުރަން ޖެހުނު ދެ އަހަރެވެ. ރާއްޖޭގެ މާޒިޔާ ވަނީ މިދިޔަ އަހަރު އިންޑިއަގެ މޯހަންބަގާންއާ ވާދަ ކޮށްފަ އެވެ. އޭއެފްސީ ޕްލޭއޮފްގައި މިފަހަރު ވެލެންސިއާ އާ ލައްވާލީ މޯހަންބަގާން އެވެ. ފުޓްބޯޅައިގެ ވަރުގަދަ ތަރީހެއް އޮތް ކުލަބެކެވެ.

މާދަމާ ހަވީރު މާލޭގައި ކުޅޭ މެޗުގެ ކުރިން، މީޑއާ ވާހަކަ ދައްކަމުން ވެލެންސިއާ ހެޑްކޯޗްގެ މަސްއޫލިއްޔަތު އުފުލަމުންދާ، ފެސްކޯ ބުނީ، މޯހަންބަގާން އަކީ ވެލެންސިއާ އަށް ބަލި ނުކުރެވޭނެ ޓީމެއް ނޫން ކަމަށެވެ.

"މޯހަންބަގާން ކުރިން ކުޅުނު މެޗު އަޅުގަނޑުމެން ބަލައިފިން، އަޅުގަނޑުމެން ޓެކްނިކަލް ޓީމުން އެލައިސް ކޮށްފިން، އަލުގަނޑުމެންނަށް ނުކުޅެވޭ ވަރު ޓީމެއް ނޫން އެއީކީ، އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެޓީމާއެކު ރަނގަޅަށް ވާދަ ކުރެވޭނެ، ފެސްކޯ ބުންޏެވެ.

އެހެން ޓީމުތައް ސީޒަނަށް ވަރުގަދަ އަށް ތައްޔާރުވި އިރު، ވެލެންިސއާ އަކީ އެންމެ ލަހުން ތައްޔާރުވާން ފެށި އެއް ޓީމެވެ. ޕްލޭއޮފް މެޗުގެ ކުރިން އެ ޓީމަށް އޮތް ހަމަ އެކަނި ތަޖުރިބާ އަކީ، ވަރުގަ ތިން މެޗު ކުޅެފައި ވުމެވެ.

ފެސްކޯ ވެސް ބުނީ، އެ ތިން މެޗު ކުޅެފައި ވުމަކީ، ޓީމަށް އޮތް ބޮޑު ހިތްވަރެއް ކަމަށާއި، އެ ތިން މެޗުން ގިނަ ކަންކަން ދަސްވެފައިވާ ކަމަށެވެ.

އިންޑިއާގެ މޯހަންބަގާން އިން މާލެ އައިރު އެ ޓީމުން ދެއްކި އެންމެ މުހިންމު ވާހަކަ އަކީ، މުހިންމު ތިން ކުޅުންތެރިނާއި ޓީމުގެ ހެޑް ކޯޗް ނުލައި އައި ވާހަކަ އެވެ. އެވާހަކަ އަށް ފެސްކޯ ދިނީ ވަރުގަދަ ޖަވާބެކެވެ.

"އިންޑިއާގެ ގިނަ ޓީމު ތަކުން ގެންގުޅޭ އުކުޅެއް އެއީ، ސާފް ގޭމްސް އަށް ދުވަހަކުވެސް އިންޑިއާގެ (ފުލު) ޓީމު ދިޔަ ވާހަކަ އެއް އަޑު އެހިންތޯ، ކޮންމެ އަހަރަކުވެސް އެމީހުން ދައްކަނީ 19 އަހަރުން ދަށުގެ ޓީމު ދިޔަ ވާހަކަ، ނެޝަނަލް ޓީމުގެ އެތައް ބަޔަކު ނުލާ ދާ ވާހަކަ، އެކަމަކު ދަނީ ނެޝަނަލް ޓީމު މިތަނަށް މޯހަންބަގާންގެ ކޮންމެ ބަޔަކު އަޔަސް އަދި ނަޔަސް، މިތަނަށް އައިސް އެއޮތި މޯހަންބަގާން،"

ފެސްކޯ ބުނީ މޯހަންބަގާން އެގޮތަށް ވާހަކަ ދައްކަނީ އިދިކޮޅު ޓީމަށް މެޗު ފަސޭހަ ކޮށްލަން، ސަބަބެއް ދެއްކުމުގެ ގޮތުން އެޓީމުން ގެންގުޅޭ އުކުޅެއް ކަމަށެވެ. ނަަމވެސް އެކަމަށް ވެލެންސިއާ އިން އެ ފުރުސަތު ނުދޭނެ ކަމަށެވެ.