ދިވެހި ސިނަމާ

"މަލިކާ" ގެ ވިޔަފާރި ވަރަށް ސަޅި، ރެޑްކާޕެޓް މާ ސަޅިވާނެ

އަންނަ މާޗު މަހުގެ ދެ ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "މަލިކާ" ގެ ވިޔަފާރި ކުރިއަށް ދާގޮތާ މެދު ހިތްހަމަޖެހޭ ކަމަށާއި ފިލްމުގެ ރެޑް ކާޕެޓް ހަފުލާ ވަރަށް ތަފާތުވެފައި ހިތްގައިމުވާނެ ކަމަށް ފިލްމުގެ މާކެޓިން މެނޭޖަރު ހުސެއިން ނޫރައްދީން ބުނެފި އެވެ.

މައްލާ ނާސިރު އާއި އިބްރާހިމް ރަޝީދު ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ރަސްމީ ޝޯތައް ފަށާނީ މާޗު މަހުގެ ދެ ވަނަ ދުވަހުން ފެށިގެންނެވެ. ފުރަތަމަ ދުވަހު ބާއްވާ ޝޯ އަކީ ނޫސްވެރިންނާއި ފިލްމު ކްރިޓީކުންނަށް ހާއްސަކޮށްފައިވާ ޝޯއެކެވެ.

ފިލްމުގެ ޓިކެޓްތައް އޮލިމްޕަހުން 100ރ. އަށް ވިއްކަމުން އަންނައިރު ޕްރިމިއާ ނައިޓުގެ ޓިކެޓް ވިއްކާ އަގަކީ 200ރ. އެވެ. ގާތްގަނޑަކަށް ފަސް ޝޯ މިހާރު ވަނީ ހައުސް-ފުލްވެފަ އެވެ.

މި ފިލްމަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދުގެ ސްކްރިޕްޓަކަށް އަލީ މުސްތަފާ ޑައިރެކްޓްކޮށްފައިވާ ނިކަން އަސަރުގަދަ އާއިލީ ފިލްމެކެވެ. ފިލްމުގެ ޕްރޮޑަކްޝަންގެ ގިނަ މަސައްކަތްތަކެއްގައި މަޝްހޫރު ޑައިރެކްޓަރު މޫމިން ފުއާދު ބައިވެރިވެފައިވާއިރު މިއީ ތަފާތެއް ފެންނާނެ ފިލްމެއް ކަމަށް ވަރަށް ގިނަ ބަޔަކު އުއްމީދުކުރެ އެވެ.

ފިލްމުގެ ތަރިންގެ ތެރޭގައި މުހައްމަދު ޖުމައްޔިލް އާއި ފާތިމަތު އާޒިފާ އާއި އަލީ އާޒިމް އަދި ނީނާ ސަލީމް އާއި މަރިޔަމް ޝަކީލާ ފަދަ ތަރިން ފެނިގެންދާނެ އެވެ. ޓައިޓްލް ރޯލުން ފެނިގެންދާނީ ނުޒުހަތު ޝުއައިބު އެވެ.