ޕޯޗުގީޒުންގެ އަތް ދަށުން ރާއްޖެ މިނިވަން ކުރުމުގެ ޖިހާދުގައި ބޭނުންކުރި އުޅަނދު ކަޅުއޮއްފުންމި ނަމޫނާ މޮޑެލް އެއް އަލުން ބަނުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ފަށައިފި އެވެ.
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ހިންގާ ހަރަކާތްތަކުގެ ދަށުން ކަޅުއޮއްފުންމި އަލުން ބަނދެ ފެންނަ ގޮތަށް ބޭއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި އުޅަނދު ބޭއްވުމަށް ހަމަޖެހިފައިވަނީ ސަލްޓަންޕާކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
" ކަޅުއޮއްފުން ބަނުމުގެ އަމަލީ މަސައްކަތެއް އަދި ނުފެށޭ. އެކަންތައް ކުރުމަށް ލިޔެކިޔުންތައް ބަދަލު ކުރަމުން މިދަނީ. ގައުމިއްޔަތު ކޮމެޓީއާ މަޝްވަރާ ކުރެވި ރާއްޖޭގައި ހުރި ތާރީހާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރެވިގެން މިކަން ކުރިއަށް ދާނީ،" މާޒް ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 15 ރިޔަނުގެ ކަޅުއޮއްފުންމި ބަންނަނީ ދުއްވޭ ފެންވަރަށް ކަމަށެވެ.
" ކަޅުއޮއްފުންމި ބާލައިގެން ޖުލައި 26 ވަނަ ދުވަހު ދަތުރެއް ކުރާނެ. އެ އަށްފަހު މި އެހެލަނީ މޯލްޑިވްސް ސްޓޯރީ ތެރެއަށް،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަލްޓަންޕާކުގައި ތައްޔާރުކުރާ މޯލްޑިވްސް ސްޓޯރީން ރާއްޖޭގެ ތާރީހު ވަރަށް ރަނގަޅަށް ފެނިގެންދާނެ ކަމަށެވެ.
" ލެޑުން ހަދާފައިވާ ގަސް ބޭނުންކޮށްގެން ޕާކުތެރޭގައި ބަހައްޓަން 20 ފޫޓުގެ ގަސްތަކެއް. މިއީ ރާއްޖެއަށް އާ ކަމެއް،" ސަލީމް ވިދާޅުވި އެވެ.
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ސަރުކާރުން ވަނީ ރާވާފަ އެވެ. އެގޮތުން އެންމެ އަވަހަށް ބާއްވާނީ މާލެ އިން ވިލިނގިއްޔާ ދެމެދު ބާއްވާ "ރައިވެރިބޭ" ގެ ފެތުމެވެ. މި ފެތުމުގައި 2،000 އެއްހާ ފެތުންތެރިން ބައިވެރިވެ އެވެ. މީގެ އިތުރުން މާލޭގައި ބާއްވާ މޫދުކުޅިވަރުތަކާއި ސްކޫލްތަކުގެ ބޭންޑުތައް ބައިވެރިވެގެން ބާއްވާ ބޮޑު ލޮރީބުރެއް ވެސް ހިމެނެ އެވެ. އަދި މުޅިރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މިނިވަން ފުނަ އާއި މާލޭގައި ބާއްވާ ވެދުމާދިނުމުގެ ހަރަކާތް ހިމެނެ އެވެ. އަދި ދިވެހި ޒުވާނުން ބައިވެރިވެގެން ބާއްވާ ސްކައި ޑައިވް ޝޯވްއެއް ވެސް ހިމެނެ އެވެ.