ކުޅިވަރު

ވެލެންސިއާ ދެކޮޅަށް ނުކުންނާނީ މޯހަންބަގާންގެ އެންމެ ވަރުގަދަ ޓީމު

Feb 20, 2017

އޭއެފްސީ ކަޕު ޕްލޭއޮފް ފުރަތަމަ މެޗުގައި، މާދަމާ ވެލެންސިއާ އާ ދެކޮޅަށް ނެރޭނީ، މޯހަންބަގާންގެ އެންމެ ވަރުގަދަ ޓީމު ކަމަށް، އެ ޓީމުގެ އެސިސްޓެންޓް ކޯޗް، ޝަންކަރުލާލް ޗަކްރަބޯޓީ ބުނެފި އެވެ.

އެ ޓީމުން ރާއްޖެ އައިރު، ޓީމުގެ ހެޑްކޯޗް ސެންޖޯއީ ސެން އާއި ޓީމުގެ މުހިންމު ކުޅުންތެރިން ގެނެސްފަ އެއް ނުވެ އެވެ.

މާދަމާ ހަވީރު ވެލެންސިއާ އާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން މީޑިއާއާ ވާހަކަ ދައްކަމުން، ޗަކްރަބޯޓީ ބުނީ، ވޭތުވެ ދިޔަ ތިން އަހަރު އެޓީމުން ސްކޮޑް މެއިންޓެއިން ކޮށްފައި ވަނީ އެއް ގޮތަކަށް ކަމަށާއި، ވަރުގަދަ ކުޅުންތެރިޔަކާ، ނުވަތަ ތަޖުރިބާ މަދު ކުޅުންތެރިޔަކާ ދެމެދު ތަފާތެއް ނުގެންގުޅޭ ކަމަށެވެ.

"މި މެޗަށް އައިސް މިތިބަ ކުޅުންތެރިންނަކީ، އަހަރުމެންގެ ފުރަތަމަ އެގާރައިގެ ވެސް ވާދަ ކުރެވޭ ކުޅުންތެރިން، ފުރަތަމަ 11 އެކޭ 18 ކުޅުންތެރިންނެކޭ ތަފާތެއް ނެތް، މޮޅު ކުޅުންތެރިޔެކޭ، މޮޅު ނޫން ކުޅުންތެރިޔެކޭ ތަފާތެއް ނެތް،" ޗަކްރަބޯޓީ ބުންޏެވެ.

އެކަމުގެ ސަބަބުން އަހަރެމެންގެ ގޭމްޕްލޭނަކަށް އަދި ނެރެން ބޭނުންވާ ނަތީޖާ އަކަށް ބަދަލެއް ނާންނާނެ،"

އޭނާ ބުނީ، ޚަބަރުތައް ލިބިފައި އޮތީ، ވެލެންސިއާ އަކީ ވަރުގަދަ ޓީމެއް ކަމަށާއި، މެޗަށް ނިކުންނާނީ އެގޮތަށް ދެކިގެން ކަމަށެވެ.

އޭނާ ބުނީ، ފުރަތަމަ ލެގް އަވޭ ގައި ކުޅެން ޖެހުމަކީ، ޒަމާނީ ޓޯޓަލް ފުޓްބޯޅާއިގައި ތަފާތެއް އަންނާނެ ކަމަށެް ނޫން ކަމަށާއި، އެހެންވެ އެކަމުގެ އަސަރެއް އެ ޓީމަކުން ނުފެންނާނެ ކަމަށެވެ.