ހަބަރު

"ލަފާކުރި ވަރަށްވުރެ ފުނަށް ތަނބު ޖެހި، އެކަމަކު އަގަށް ބަދަލެއް ނާދެ"

  • 100 މީޓަރު އަޑިއަށް ތަނބުޖަހަން ޖެހުނު
  • 62 ތަބު އެޅުމުގެ މަސައްކަތް ވަނީ ނިމިފައި
  • ތަނބުތަކުގެ މަސައްކަތް މޭ މަހަށް ނިމޭނެ

ހުޅުލެ އާއި މާލެ ގުޅުވައިދޭ ބްރިޖު، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ތަނބުތައް ކުރިން ދިރާސާކުރި ވަރަށްވުރެ ފުނަށް ޖަހަން ޖެހުނު ކަމަށާއި ނަމަވެސް އެކަމަކުގެ ސަބަބުން ބްރިޖުގެ އަގަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ބްރިޖުގެ އެންމެފަހުގެ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލުމަށްފަހު ބުރިޖު ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ދިރާސާތަކުގައި އަންދާޒާ ކުރި ފުންމިނަށް ވުރެ ވެސް މާބޮޑަށް ފުނަށް ބައެއް ސަރަހައްދުގެ ތަނބުތައް ޖަހަން ޖެހުނު ކަމަށެވެ. އަދި ބައެއް ތަނބުތައް ލަފާކުރި ވަރަށް ވުރެ ތިލަކޮށް ވެސް ޖަހަން ޖެހުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދިރާސާއެއްވިއްޔާ ހުންނާނެ ޕްލައިސް އޯ މައިންސް ހުންނަ ވޭރިއޭޝަން ލިމިޓްތަކެއް ގެންގުޅޭނެ. އޭރުގައި އަންދާޒާކުރި ފުންމިނަށްވުރެ ފުންކޮށް ބައެއް ތަނބުތައް ޖަހަން ޖެހުނު، އަދި ބައެއް ތަނބުތައް އެއަށްވުރެ ތިލާގައި ވެސް ޖަހަން ޖެހިފަ އެބަހުރި، އެކަމަކު އެވްރެޖްގަ ބަދަލެއް ނާދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެންމެ ފުނަށް ޖަހާފައިވާ ތަބަކީ ކަނޑުގެ ސީބެޑުން އަޑިއަށް 100 މީޓަރަށް ޖަހާފައިވާ ތަބެއް ކަމަށެވެ. އެއީ ގާތްގަނަޑަކަށް 80 މީޓަރުގެ ފުންމިނަށް ޖަހާފައިވާ ތަނބެކެވެ. އެހެން ތަބުތައް ޖަހާފައިވަނީ ގާތްގަނޑަކަށް 60 މީޓަރާއި 70 މީޓަރުގެ ފުންމިނުގަ އެވެ.

"ޕްރޮޖެކްޓްގެ އަގަށް މިކަމުގެ ސަބަބުން އެއްވެސް ބަދަލެއް ނާދޭ، ޕްރޮޖެކްޓްގެ އަގު ފިކްސްޓް، އެއްވެސް ބަދަލެއް އަގަށް ނާންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މެއިން ބްރިޖްގައި 35 ތަނބު ހުންނައިރު 22 ތަނބުގެ ކޮންކްރީޓް މިހާރު ނިމިފައިވާ ކަމަށެވެ. އެޕްރޯޗް ބްރިޖްގައި 88 ތަނބު ހުންނައިރު 40 ތަނބަށް ކޮންކްރީޓް އެޅިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ތަނބުތަކުގެ މަސައްކަތް އަންނަ މެއި މަހުގެ ނިޔަލަށް ނިންމާލެވޭނެވަރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު ކުރިއަށް މަސައްކަތުގެ ތެރެއިން މައި ބްރިޖްގެ ތަނބުތައް ކޮންކްރީޓް އެޅުމުގެ މަސައްކަތާއި އެޕްރޯޖް ބްރިޖްގެ ތަނބުތައް އެޅުމުގެ މަސައްކަތް ފާހަގަކޮށްލެވޭ، މިހާރު ކުރިއަށްދާ ގޮތުންނަމަ މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ހުރިހާ ތަނބުތަކެއްގެ ކޮންކްރީޓްކޮށް ނިމޭނެ، މެއިން ބްރިޖް އަދި އެޕްރޯޗް ބްރިޖްގެ ތަނބުތައް ވެސް، ޝެޑިއުލްކޮށްފައިވަނީ މެއި މަހުގެ ނިޔަލަށް، ނަމަވެސް އެއަށްވުރެ ކުރިން ވެސް ނިންމާނެ ކަމަށް މި ބަލަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ތަނބުތައް ކޮންކްރީޓް މެއި މަހުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާއިރު އޭގެފަހުން ކުރާނެ މަސައްކަތަކީ ޕައިލްކެޕް އެޅުމުގެ މަސައްކަތެވެ. އެ މަސައްކަތް ވެސް އޯގަސްޓް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެފަހުން ސްޕަސްޓްރަކްޗާ، ނޫނީ ބްރިޖްގެ މައިގަނޑު އެޅުމުގެ ކަންކަން ފަށާނެ އެވެ. ސްޕަސްޓްރަކްޗާގެ ބައިތައް ހެދުމުގެ މަސައްކަތް މިހާރު ޗައިނާގައި ވަނީ ފަށާފަ އެވެ.

"ވަރަށް ބާރުމިނުގަ މަސައްކަތް ދަނީ ކުރިއަށް، ޝެޑިއުލްގައި އޮތް ގޮތަށް ހަމަ ވަރަށް ރަނގަޅަށް ހުރިހާ މަސައްކަތްތަކެއް ވެސް ދަނީ ކުރިއަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، 2018 ގެ ސެޕްޓެމްބަރު މަހަށް ބްރިޖްގެ މަސައްކަތް ނިންމައި، ބޭނުން ކުރަން ފެށޭވަރުވާނެ ކަމަށެވެ.