މިއުޒިކް

މިއޮތީ ކުޑައިއްބެގެ އާ ވީޑިއޯ ލަވަ: މިއީ ކޮޕީއެއް ނޫން!

އާ ވީޑިއޯ ލަވައަކުން ތަފާތު ދައްކަން ވައުދުވި މަޝްހޫރު ލަވަކިޔުންތެރިޔާ ކުޑައިއްބެގެ ވައުދު ފުރިހަމަކޮށްފި އެވެ. "ލޯބިކަން" ގެ ނަމުގައި ވަރަށް ހިތްގައިމު ވީޑިއޯ ލަވައެއް މިއަދު އާންމުކޮށްފައިވާއިރު އުފާވެރި ޚަބަރަކީ މިއީ ލައިޝާ ޖުނައިދު އަށް ކުޑައިއްބެގެ ޓޮނިކް ސްޓޫޑިއޯ އިން އުފެއްދި ޒާތުގެ ލަވައެއް ނޫން ކަމެވެ.

މި ލަވައިގެ ފަހު ކަޑިން އިއްބެގެ މަޝްހޫރު ލަވަ "އެދެމޭ ކަލާޔާ" ގެ ބައެއް އަޑުއިވިގެން ދިޔަ ނަމަވެސް މިއީ ހަމަ އޮރިޖިނަލް ލަވައެކެވެ. އއ. ތޮއްޑޫގައި މަންޒަރުތައް ނަގާފައިވާ މި ލަވައިގެ ޅެންވެރިކަމާއި އޭގެ މިއުޒިކަށް ވުރެން އަދި ހިތްގައިމީ ލަވައިގެ ވީޑިއޯއޭ ބުނުން ގޯހަކަށް ނުވާނެ ކަމަށް ބަލަމެވެ. މަޝްހޫރު ސިނެމެޓޯގްރަފާ އަދި ޒުވާން ޑައިރެކްޓަރު ހުސެއިން މުނައްވަރު މި ލަވައިގެ މަސައްކަތުގައި ބުނެފައި ވަނީ މިއީ އޭނާގެ އެންމެ ބުރަ އެއް މަސައްކަތް ކަމަށެވެ.

ޔަގީނަށް ވެސް މި ލަވަ ބެލި ކޮންމެ މީހަކަށް ވެސް ވީޑިއޯ ލަވައިގެ ހިތްގައިމުކަމާއި ލަވަ މިވަރަށް ހިތްގައިމުކުރުމަށް އިއްބެއާ އެކު ހުސެއިން ކޮށްފައިވާ މަސައްކަތް ފެންނާނެ އެވެ. ފަހުގެ ތާރީޚެއްގައި، މިހައި ހިތްގައިމު ވީޑިއޯ ލަވައެއް ނުނިކުންނަހެން ހީވާ ވަރަށް މިލަވައިގެ ވީޑިއޯގެ ހިތްގައިމުކަން ބޮޑެވެ.

އިއްބެ އާއި ހުސެއިން ބުނެފައި ވަނީ މި ލަވަ އެމީހުން ހުށަހަޅައިދީފައި ވަނީ ކުރު ފިލްމެއްގެ ގޮތުގައި ކަމަށާއި ލަވައިގައި ދައްކުވައި ދެނީ ދަތުރަކުން އިއްބެއަށް ފެންނަ ރީތި އަންހެން ކުއްޖެއްގެ ސަބަބުން އިންސްޕަޔާވާ ލަވައެއް އިއްތިފާގަކުން އިއްބެގެ ފޭނަކަށް ހަދިޔާކުރެވޭ ގޮތް ކަމަށެވެ. މިއީ ލޯބިވެރިންގެ ދުވަސް ފަހަނަޅައި ދިޔަ ނަމަވެސް ލޯބިވެރިންނަށް ކޮށްފައިވާ ހަދިޔާއެއް ކަމަށް ބުނެފައިވެ އެވެ.

"ބުނެދޭން ބޭނުންވަނީ ކޮންމެ ދުވަހަކީ ވެސް ކޮންމެވެސް ބައެއްގެ ލޯބީގެ ދުވަހެކޭ. އެއީ ލަވައިން ބުނެދޭން ބޭނުންވާ މެސެޖަކީ. އިއްބެގެ މި ލަވަ ވަރަށް ފުރިހަމަ. އަލީ ވަހީދުގެ ޅެންވެރިކަން ވެސް ވަރަށް ފުރިހަމަ،" ތޮއްޑޫގައި ޖުމްލަ މަންޒަރުތައް ޝޫޓްކޮށްފައިވާ ލަވައާ ބެހޭ ގޮތުން ހުސެން ބުނެފައިވެ އެވެ.