ކުޅިވަރު

ކިރިގިސްތާންގެ ޓީމު ބަލިކޮށް ޓީސީ ސެމީ ޔަގީން ކޮށްފި

Feb 20, 2017
1

ކިރިގިސްތާންގެ އަލްގާ އެފްސީގެ މައްޗަށް 2-1 ގެ ނަތިޖާ އަކުން ކަމިޔާބު ހޯދައި، ބަންގުލަދޭޝްގައި މިހާރު ކުރިއަށްދާ ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތުގެ ސެމީ ފައިނަލަށް ޓީސީ ސްޕޯޓްސް ކުލަބު ދަތުރު ކޮށްފި އެވެ.

ޗިޓަގޮންގްގެ އެމްއޭ އަޒީޒް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ޓީސީ ކާމިޔާބު ކުރީ، އަލްގާ އެފްސީއިން ލީޑް ނަގާ ފައި ވަނިކޮށެވެ.

މެޗުގެ ފުރަތަމަ ލަނޑު އަލްގާ އެފްސީން ކާމިޔާބު ކުރީ، 36 ވަނަ މިނެޓްގަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓީސީގެ އިބްރާހިމް ވަހީދު ހަސަން ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ޓީސީ މެޗުން މޮޅުކޮށްދިން ލަނޑު ކާމިޔާބު ކުރީ ބިދޭސީ ކުޅުންތެރިޔާ ކޯނިލިއަސް ސްޓެވާޓެވެ.

ޓީސީ އަކީ މި މުބާރާތުގައި މިހާތަން، ސެމީގެ ޖާގަ ކަށަވަރު ކުރި ހަމަ އެކަނި ޓީމެވެ.

މި ގުރޫޕްގައި މިއަދު ބަންގުލަދޭޝްގެ އަބްހާނީ ލިމިޓޭޑާއި ދެކުނު ކޮރެއާގެ ޕޮޗިއޮން ސިޓަޒަން އެފްސީ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އެ މެޗުން ޕޮޗިއޮން މޮޅުވި ނަމަ އެ ޓީމަށްވެސް ސެމީގެ ޖާފަ ޔަގީން ވީހެވެ. އެ ޓީމު ވަނީ، ފުރަތަމަ މެޗުގައި، އަލްގާ އަތުން މޮޅުވެފަ އެވެ.

މެޗު އެއްވަރުވުމުން އެ ގުރޫޕްގެ އެއް ވަނަ ލިބުނީ ޓީސީ އަށެވެ. ދެ ވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ ޕޮޗިއޮން އެވެ. ތިން ވަނައިގައި އަލްގާ އެވެ.