ވިޔަފާރި

ކޫއްޑޫގައި ހަދާ ރިސޯޓު މިމަހު ހުޅުވަނީ

Feb 21, 2017

ފަރަންސޭސި ވިލާތުގެ "އެކޯހޮޓެލްސް" އިން ގއ. ކޫއްޑޫގައި ތަރައްގީ ކުރާ 68 ކޮޓަރީގެ ރިސޯޓު ހުޅުވުމުގެ ފަހުގެ މަސައްކަތްތައް ފަށައިިފި އެވެ. މިއީ އެއާޕޯޓެއް ހުންނަ ރަށެއްގައި ރިސޯޓެއް ތަރައްގީކޮށް ހުޅުވާ ފުރަތަމަ ފަހަރެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ސައިޓުތަކުގައިވާ ގޮތުގައި މާކެއުރީ ކޫއްޑޫގެ ނަމުގައި ބްރޭންޑް ކޮށްގެން ތަރައްގީ ކޮށްފައިވާ މި ރިސޯޓުގެ މަސައްކަތް ވަނީ މިހާރު ނިމިފަ އެވެ. އަދި މި މަހުގެ ތެރޭގައި އެ ރިސޯޓު ހުޅުވާނެ އެވެ. މި ރިސޯޓުގައި މޫދު ކުޅިވަރުގެ ސެންޓަރަކާއި ޑައިވް ސެންޓަރެއްގެ އިތުރުން ސްޕާގެ ހިދުމަތާއި ޖިމްފަދަ ވަސީލަތްތަކުގެ އިތުރުން 43 ކޮޓަރި އާއި 25 ބީޗު ކޮޓަރި ހުންނާނެ އެވެ

ފްރާންސުގެ މި ކުންފުނިން މިއީ ހުވަދު އަތޮޅުގައި ހުޅުވާ ފަސްވަނަ ރިސޯޓެވެ. އަދި މިއީ ސަރަހައްދީ އެއާޕޯޓެއްގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ. މި ރިސޯޓު ތަރައްގީ ކޮށްފައިވާ ކޫއްޑޫއަކީ ސަރުކާރުގެ މައި މަސް ކުންފުނީގެ އެއް ފެކްޓްރީ ހުންނަ އެއް ރަށެވެ.

ރާއްޖެއަށް ޓޫރިޒަމް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުން މި އަހަރު އިތުރު 20 ރިސޯޓެއް ހުޅުވާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގައި 50 ރިސޯޓު ބާޒާރަށް ނެރުމެވެ.