ހަބަރު

ބްރިޖްގެ ދެބައިކުޅަ އެއްބައި ތަނބު ނިންމައިފި، މެއި މަހަށް އެއްކޮށް ނިމޭނެ

ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕްގެ ތަނބުތަކުގެ ދެބައިކޮށްފަ އެއް ބައި ތަނބަށްވުރެ ގިނަ ތަނބުގެ ކޮންކްރީޓް އަޅާ ނިމިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ. ތަނބުތަކަށް ކޮންކްރީޓް އަޅާ މެއި މަހުގެ ނިޔަލަށް ނިންމާނެ އެވެ.

ބްރިޖްގެ މަސައްކަތް ނޫސްވެރިންނަށް އިއްޔެ ދައްކާލުމަށްފަހު ބްރިޖް ސައިޓްގައި ހުންނަވާ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ، މެއިން ބްރިޖްގައި 35 ތަނބު ހުންނައިރު 22 ތަނބުގެ ކޮންކްރީޓް މިހާރު ނިމިފައިވާ ކަމަށެވެ. އެޕްރޯޗް ބްރިޖްގައި 88 ތަނބު ހުންނައިރު 40 ތަނބަށް ކޮންކްރީޓް އެޅިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތަނބުތަކުގެ މަސައްކަތް އަންނަ މެއި މަހުގެ ނިޔަލަށް ނިންމާލެވޭނެވަރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު ކުރިއަށް ހުރި މަސައްކަތުގެ ތެރެއިން މައި ބްރިޖްގެ ތަނބުތަކަށް ކޮންކްރީޓް އެޅުމުގެ މަސައްކަތާއި އެޕްރޯޖް ބްރިޖްގެ ތަނބުތައް އެޅުމުގެ މަސައްކަތް ފާހަގަކޮށްލެވޭ، މިހާރު ކުރިއަށްދާ ގޮތުންނަމަ މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ހުރިހާ ތަނބުތަކެއްގެ ކޮންކްރީޓްކޮށް ނިމޭނެ، މެއިން ބްރިޖް އަދި އެޕްރޯޗް ބްރިޖްގެ ތަނބުތައް ވެސް، ޝެޑިއުލްކޮށްފައިވަނީ މެއި މަހުގެ ނިޔަލަށް، ނަމަވެސް އެއަށްވުރެ ކުރިން ވެސް ނިންމާނެ ކަމަށް މި ބަލަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ތަނބުތައް ކޮންކްރީޓް މެއި މަހުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާއިރު އޭގެފަހުން ކުރާނެ މަސައްކަތަކީ ޕައިލްކެޕް އެޅުމުގެ މަސައްކަތެވެ. އެ މަސައްކަތް ވެސް އޯގަސްޓް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެފަހުން ސްޕަސްޓްރަކްޗާ، ނޫނީ ބްރިޖްގެ މައިގަނޑު އެޅުމުގެ ކަންކަން ފަށާނެ އެވެ. ސްޕަސްޓްރަކްޗާގެ ބައިތައް ހެދުމުގެ މަސައްކަތް މިހާރު ޗައިނާގައި ވަނީ ފަށާފަ އެވެ.