ކޮލަމް

ޓްރާންސްޕޯޓް އޮތޯރިޓީއަށް ސާބަސް! އެކަމަކު އަދި ހިތްވަރެއް!

Feb 21, 2017
5

މާލޭގެ ތޮއްޖެހިފައިވާ މަގުތަކުގައި، އެންމެ ބާރު ބޮޑުވާ ގަޑިތަކުގައި ޓްރެފިކް ތާށިކޮށްލައިގެން މުދާ އަރުވާ ބޭލުމަކީ، ސްކޫލްތަކަށާއި އޮފީސް އޮފީހަށް ދާ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާ ކަމެކެވެ. އެހެން އޮއްވާ އަންނަ ހަފްތާ އިން ފެށިގެން މާލޭގައި ފެނާއި ގޭސް ޑެލިވަރީ ކުރަން ވަކި ވަގުތަތަކެއް ކަނޑައެޅުމަކީ އެތަކެއް ޒަމާނަކަށް ދިގުދެމިފައިވާ ޝަކުވާތަކަށް ލިބިގެންދިޔަ ހައްލެކެވެ. މި ހައްލު ހޯދަންޖެހޭތާ އެތައް ދުވަހެކެވެ.

ކިތަންމެ ލަސްވިޔަސް، ރައްޔިތުންގެ އެ ޝަކުވާތައް އަޑު އަހައި އެކަމަށް ހައްލެއް ގެނައުމުން ޓްރާންސްޕޯޓް އޮތޯރިޓީއަށް އައްސަރިބަހާއި ސާބަހެއް ހައްގެވެ.

މިހާރު މިގެނައި ބަދަލާއި ގުޅިގެން އަންނަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން ލޮރީ އާއި ޕިކަޕް ފަދަ އުޅަނދުތަކުގައި ފެނާއި ގޭހާއި މުދާ އުފުލޭނީ ހެނދުނު 9:00 އިން 10:00 އަށް އަދި މެންދުރު ފަހު 3:00 އިން 5:00 އަށް އަދި އިރުއޮއްސި 6:30 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު ހަޔަކަށެވެ. އެ ނޫން ގަޑިތަކުގައި އެފަދަ ތަކެތި އުފުލަމަކީ ދެން މަނާ ކަމެކެވެ.

މީގެ މާނައަކީ، މައިގަނޑު ގޮތެއްގައި ސްކޫލްތަކަށާއި އޮފީސްތައް ފަށާގަޑި އާއި ނިމޭ ގަޑިތަކުގައި، ފެނާއި ގޭސް އުފުލާ ބޮޑެތި އުޅަނދުތަކުގެ އުނދަގުލުން ސަލާމަތްވީ އެވެ. އެހެން ނަމަވެސް މީގެ ފުރިހަމަ މަންފާ ކުރާނީ މި ގަވައިދު ތަންފީޒު ކުރެވޭނަމަ އެވެ. އެކަން އެންމެ ފުރިހަމަ އަށް ކުރާނެ ކަމަށް ބެލި ނަމަވެސް، އަދިވެސް މުޅިއަކުން ކަމަކު ނުދެ އެވެ. ސަބަބަކީ، ބަނދަރު ސަރަޙައްދުން ގުދަން ކުރުމަށް ގެންދާ މުދާ މީގެ ތެރޭގައި ނުހިމެނޭތީ އެވެ.

ފަހަރުގައި އެކަން ނުކުރެއްވުނީ ކަމަށް ވެސް ވެދާނެ އެވެ. ވަކި މުއްދަތެއްގެ ތެރޭގައި ބަނދަރުން މުދާ ކްލިއާ ކުރަންޖެހޭ އިރު، ވިޔަފާރިވެރިންނަށް ވެސް ގެއްލުން ނުވާ ގޮތަކަށް ޓްރެފިކް ގަވައިދުތައް ބައްޓަން ކުރުމަކީ ވެސް މުހިންމު ކަމެކެވެ.

އެކަމަކު އެ އުސޫލަށް ކުޑަ ބަދަލެއް ގެނެސްފި ނަމަ، ޓްރާންސްޕޯޓް އޮތޯރިޓީ ގެ މަގްސަދު މިހާރަށް ވުރެ ފުރިހަމައަށް ހާސިލްވެދާނެ އެވެ. އެހެން ގިނަ ގައުމުތަކުގައި މުދާ އުފުލާ އުޅަނދުތައް ދަތުރު ކުރަން ވަކި މަގުތަކެއް ކަނޑައަޅާފައި އޮވެއެވެ. މާލޭގެ މަގުތައް އޮންނަ ގޮތުންނާއި ގުދަންތައް އެކި މަގުތަކުގައި ހުންނާތީ މިކަން ކުރަން އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ގަބޫލު ކުރަމެވެ. ނަމަވެސް، މިހާރު އޮންނަ ގޮތުން، ހަތަރު ފުރޮޅިލީ އުޅަނދެއް ކިރިޔާ ވަދެވޭ މަގުތަކަށް ވެސް ހުންގާނު އަނބުރާލަނީ އެވެ. ގިނަ ފަހަރު ހަމަ މަގު ކުރުކޮށްލުމަށެވެ. އެ

ބޮޑެތި މަގުތަކުން ދެވެން އޮތަސް، ހަނި މަގުތަކަށް ވަންނަނީ ފަސޭހަކޮށްލުމަށެެވެ. ނަމަވެސް މީގެ ސަބަބުން، އޭގެ ފަހަތުގައި ތާށިވެގެން ފަސް މިނެއްޓުން ދެވޭ މަންޒިލަކަށް ދެ ގުނަ ތިން ގުނަ އަށް ވަގުތު އިތުރުވެ އެވެ. މިސާލަކަށް ބޮޑުތަކުރުފާނު މަގުން ދެވެން އޮންނަ މި ދެންނެވި ފަދަ ބޮޑެތި އުޅަނދުތައް، ހަނި ހަވީރީ ހިނގުމުން ދުއްވަނީ ހަމަ އެމީހުންނަށް ފަސޭހަވީމަ އެވެ.

ސްކޫލްތައް ފެށޭ އަދި ނިމޭ ގަޑިތަކުގައި އެ ސަރަހައްދަށް ބޮޑެތި އުޅަނދުތަކަށް ނުވަދޭވޭ ގޮތަށް ކޯނު އަތުރާލަ އެވެ. އެކަމަކު ދެން އެ ފަދަ އުޅަނދުތަކަށް ދެވެން އޮންނަ އަނެއް މަގުތަކަށް އެއްވެސް ސަމާލުކަމެއް ނުދެވެ އެވެ. މީގެ ސަބަބުން، ސްކޫލެއްގެ ކައިރީގައި އޮންނަ ހުރިހާ މަގެއް ހެން ފިތި ބާރުވެ އެވެ.

މި ކުޑަ ކުޑަ މާލޭގައި، ކޮންމެ މަގެއްގައި ޓްރެފިކް ތާށިވިޔަސް، އޭގެ އަސަރު ހުރިހާ މަގުތަކަށް ކުރެ އެވެ. އެންމެ މަގެއްގައި ދެ ތިން މިނެއްޓަށް ޓްރެފިކް ބެދުނަސް، ވަށައިގެންވާ ހުރިހާ މަގަކަށް އެކަމުގެ ނޭދެވޭ އަސަރު އެތަކެއް ގުނަ އެކުން ފޯރަ އެވެ.

އަދިވެސް އެއް ފަހަރު، ޓްރާންޕޯޓް އޮތޯރިޓީގެ މި ނިންމެވުމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. ނަމަވެސް، އަދި މިވަރުން ފުއްދާނުލައި، މާލޭގެ މަގުތަކުގައި މެދުވެރިވާ އިތުރު މައްސަލަތަކަށް ވިސްނުން ހިންގާލުމަށް އެދި ދަންނަވަމެވެ.