ރިޕޯޓް

ރާއްޖޭގެ ބަދަލުވަމުން އަންނަ އިގްތިސޯދީ ސިޔާސަތު

Feb 21, 2017
3

-- ލިޔުއްވީ: އަހުމަދު ޒުހޫރު --

ބަދަލުވަމުން އަންނަ އިޤްތިޞާދީ ފޭރާމާގުޅޭ ގޮތުން، ރާއްޖޭގެ އިޤްތިޞާދު ތަރައްޤީ ކުރުމަކީ ބޭނުންތެރިކަމެއްގެ ގޮތުގައި ބެލެވޭތީ، ހަތަރު ޓަވިޔަނި (ޓުއަރިޒަމް، ޓްރޭޑް، ޓްރާންސްޕޯޓް އަދި ޓެކްނޮލޮޖީ) ގެ މައްޗަށް އެކުލެވޭ 4-ޓީގެ މޮޑެލްގެ މައްޗަށް ބިނާކުރަންވަނީ ފެށިފައެވެ. އެހެންނަމަވެސް އަހާލަން އެންމެ މުހިންމު ސުވާލަކީ މިފަދަ މޮޑެލްއެއް ބޭނުންކޮށްގެން އަޅުގަނޑުމެންގެ ރާއްޖެއަށް ބޭނުންވާ ތަރައްޤީ ގެނެވޭނެތޯއޭ؟

އާދެ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ބަލާނަމަ، އެއީ ރަންބިސް އަޅާ ކުކުޅެވެ. 70 ގެ ކުރީގެ އަހަރުތަކުން ފެށިގެން، ފަތުރުވެރިކަމުގެ ދާއިރާ ދިޔައީ ފުޅާވަމުންނެވެ. އަދި، ފަހުގެ އަހަރުތަކުން، 2016 ވަނަ އަހަރުން ފެށިގެން، މި ދާއިރާ އިތުރަށް ކުރިއެރިއެވެ. މިގޮތުން، އެ އަހަރުތެރޭގައި އެކަނިވެސް 11 ރިޒޯޓު އަދި 200 ގެސްޓު ހައުސް ހުޅުވިގެން ދިޔައެވެ. މީގެ ނަތީޖާއަކަށްވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ފުރުޞަތު ލިބިގެން ދިއުމާއެކު އެތަކެއް ހާސް ވަޒީފާއެއް އުފެދިގެން ދިއުމެވެ.

ވިޔަފާރިއަކީ ޤައުމެއްގެ އިޤްތިޞާދީ ކުރިއެރުމަށް ވަރަށް މުހިންމު މާއްދާއަކަށްވާތީއާއެކު، ސަރުކާރުންވަނީ ރާއްޖޭގެ ބައެއް ޞަރަޙައްދުތަކަކީ ފްރީ ޓްރޭޑް ޒޯންތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް މަސައްކަތްފަށާފަ އެވެ. އަދި، ރާއްޖޭގެ ވިޔަފާރި ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ދަޅުމަސް ބަންދުކުރުމުގެ ސިނާޢަތް ފުޅާކުރުމުގެ ގޮތުން ދަޅުމަސް ބަންދުކުރާ ކާރުހާނާތައް އިތުރަށް އުފެއްދުމަށް މަސައްކަތް ކުރަމުންއެބަދެ އެވެ. ދިވެހިރާއްޖެއަކީ ކާނާގެ ގިނަ ބާވަތްތަކާ އަދި ދިރިއުޅުމަށް ބޭނުންވާ އެހެނިހެން ޒަރޫރީ ބާވަތްތައްވެސް ރާއްޖެއިން ބޭރުން އެތެރެކުރަން ޖެހިފައިވާ ޤައުމެއްކަމުން މުދާ އެތެރެކުރުމާއި ބޭރުކުރުމަށް ދިވެހިންވަނީ ވަރަށް ބޮޑަށް ބޭރު ޤައުމުތަކަށް ބަރޯސާވާން ޖެހިފަ އެވެ.

ވީމާ، ފަތުރުވެރިކަން ތަރައްޤީވެ، އިތުރު ރިޒޯޓުތައް ޤާއިމުކުރެވުމުގެ ސަބަބުން ރާއްޖޭގައި ވިޔަފާރީގެ އެހެން ދާއިރާތަކުގައި އިންވެސްޓުކުރަން ބޭނުންވާ ބޭރު ފަރާތްތައް އިތުރުވެ ދިވެހިންނަށް ބޭނުންވާ ކާނާގެ ބާވަތްތަކާ އެހެނިހެން ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް ފަސޭހަވެ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީވެ އާ މަރުހަލާއަކަށް ވާސިލުވުމަށް މަގު ހުޅުވޭނެ އެވެ.

ރާއްޖޭގައި ބޭރު ފަރާތްތަކުން ކުރާ އިންވެސްޓްމަންޓްތައް އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ ވައިގެ މަގުންނާއި ކަނޑުގެ މަގުން ދަތުރުފަތުރުކުރުމަށް ދިމާވެފައިވާ މައްސަލައަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެން ދިއުމެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ދޮރު ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމަށް 900 މިލިއަން ޑޮލަރު ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ކުރާނެއެވެ. މިފަދަ ބޮޑު ޚަރަދެއް ކޮށްގެން ރާއްޖޭގެ ބައިނަލްއަޤްވާމީ މައި ވައިގެ ބަނދަރު ތަރައްޤީކޮށް ނިމޭއިރު އެތަނުގައި އަހަރެއްގެ މައްޗަށް 7 މިލިއަން ފަތުރުވެރިންނަށް ޙިދުމަތް ދެވޭނެއެވެ. އަދި، މިއާއެކު އެތައް ހާސް ވަޒީފާގެ ފުރުޞަތެއް ހުޅުވިގެންދާނެ އެވެ.

މީގެ އިތުރުން، މާލެ ފިޔަވާ އެހެން ޞަރަޙައްދުތައް ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ރާއްޖޭގެ އެންމެ ދެކުނުގައިވާ އެއަރޕޯޓަކީ އިންޓަރނޭޝަނަލް އެއަރޕޯޓެއްކަމުގައި ހަމަޖައްސާ ރާއްޖެއިން ބޭރުގެ ފްލައިޓުތައް ގަމުގެ އެއަރޕޯޓަށް ޖައްސާ ގޮތަށް ހަމަޖެއްސުމަކީވެސް އަތޮޅުތެރޭގެ ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުވެގެންދާނެ ކަމެކެވެ. އަދި މިދެންނެވި ސިޔާސަތުގެ ދަށުން، އަތޮޅުތެރޭގެ އިތުރު 5 ރަށް ކަމުގައިވާ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ފ. ނިލަންދޫ، ގދ. މާވަރުލު އަދި ގދ. ފަރެސްމާތޮޑާގައި އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިހިނގާ 2017 ވަނަ އަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ. މީގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ހަލުއިކަމެއްއަންނާނެ އެވެ. ގެސްޓްހައުސް ވިޔަފާރިއާއި ވަޒީފާގެ މާރކެޓް ފުޅާވާނެއެވެ. އެހެންކަމުން އިޤްތިޞާދު އިތުރަށް ހެލިގަންނާނެ އެވެ.

ރާއްޖެއަކީ ޖަޒީރާ ޤައުމެއްކަމުގައި ވީނަމަވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ފަތުރު ކުރުމުގައި މިހާރު ވައިގެ މަގުން ކުރެވޭ ދަތުރުތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދަނީ ކަނޑަށް ޖައްސާ ބޯޓުގެ ޚިދުމަތްވެސް ރާއްޖޭގައި ލިބެން ހުންނާތީ އެވެ. ފަހުރުވެރިކަމާއެކު ފާހަގަކޮށްލަންޖެހޭ އެއް ކަމަކީ ރާއްޖެއަކީ ކުޑަ ޤައުމެއްކަމުގައި ވީނަމަވެސް، ދުނިޔޭގައި އޮތް މިފަދަ އެންމެ ބޮޑު ފްލީޓް ހަރަކާތްތެރިވަނީ ރާއްޖޭގައިކަމަށް ވުމެވެ.

ތަރައްޤީވަމުން އަންނަ ދުނިޔެއާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކުރުމަށްކުރެވޭ މަސައްކަތުގައި 4-ޓީ މޮޑެލްގެ މައްޗަށް ބިނާކޮށް ތަރައްޤީގެ މަޝްރޫޢުތައް ރާވަމުން މިދަނީ ވިޔަފާރީގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއާއި ދަތުރު ފަތުރު ކުރުމުގެ ދާއިރާ ތަރައްޤީކޮށް އަދި މި ޒަމާނަކީ ޓެކްނޮލޮޖީގެ ޒަމާންކަމުން ރައްޔިތުންނަށް ބޭނުންވާ ތަފާތު ޚިދުމަތް ފޯރުކޮށްދިނުމުގައި ޓެކްނޮލޮޖީގެ އެހީތެރިކަން ބޭނުންކުރަމުންނެވެ. މީގެ އެންމެ ފުރިހަމަ އެއް މިސާލަކީ، ރާއްޖޭގެ ޞިއްޚީ ޙިދުމަތްދޭ މައި މަރުކަޒު ކަމުގައިވާ އައި.ޖީ.އެމް.އެޗްގައި ދެވޭ ޚިދުމަތްތައްވެސް އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ދިނުމަށްކުރާ މަސައްކަތުގެ ދަށުން އެ ހޮސްޕިޓަލުގައި 2016 ވަނަ އަހަރުގެ ތެރޭގައި ނޭޝަނަލް ކާޑިއަކް ސެންޓަރަކާއި، ނޭޝަނަލް ޔޫރޯ-ރީނަލް އެންޑް ފަރޓިލިޓީ ސެންޓަރަކާއި އަދި ޑިޖިޓަލް އެކްސްރޭ ފެސިލިޓީސް ޤާއިމުކޮށް އަދި މި އަހަރުގެ މިހާތަނަށް މެމޯގްރަފީގެ އެހީގައި އުރަމަތީގެ ކެންސަރަށް ސްކްރީންކުރުމާއި އުރަމަތީގެ ބަލިތަކުގެ ޚާއްޞަ ކްލިނިކެއް ޤާއިމުކުރެވިގެން ދިޔުމެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށްޓަކައި ހުރިހާ ދާއިރާއެއްވެސް ތަރައްޤީކުރުމަކީ މުހިންމުކަމަކަށްވީތީ، ސަރުކާރުގެ ވަޢުދުތަކާ އެއްފަދައިން ހުރިހާ ދާއިރާއެއްވެސް ތަރައްޤީ ކުރުމަށް ސަރުކާރުގެ ފަރާތުން ކުރެވޭ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިޤްތިޞާދީ ދުވެލި 2016 ވަނަ އަހަރު ހުރި މިންވަރުކަމުގައިވާ %3.9 އަށްވުރެ އިތުރަށް ހަލުވިވެ، މި ހިނގާ 2017 ވަނަ އަހަރު %4.7 އަށް ކުރިއަރާނެކަމަށް ލަފާކުރެވެއެވެ. އަދި މި އަހަރުގެ ތެރޭގައި އައި-ހެވަން ޕްރޮޖެކްޓްފަދަ ބޭރު ފަރާތްތަކުގެ މާލީ އެހީގައި ކުރިއަށް ގެންދެވޭ މަޝްރޫޢުތައް އިތުރުވެ، ތަފާތު ދާއިރާތަކުން ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތަކާ ގުޅިގެންވެސް ޒުވާނުންނަށް ހުޅުވާލެވޭ ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެ އެވެ.

އެޑިޓަރުގެ ނޯޓް:

އަހުމަދު ޒުހޫރު މިހާރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމުގަ އެވެ. އޭނާ މިހާރު ގެންދަވަނީ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް ޗެއާގެ މަގާމު އަދާ ކުރައްވަމުން މީގެ ކުރިން އޭނާ ވަނީ މި ސަރުކާރުގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ. ޒުހޫރު ވަނީ ބިޒްނަސް އާއި އެކައުންޓިންގެ ދާއިރާ އަދި މެރިޓައިމްގެ ދާއިރާއިން، މަތީ ތައުލީމު ހާސިލް ކުރައްވައިފަ އެވެ.