ކުޅިވަރު

ޝާހްގެ ހާލު އަންނަނީ ރަނގަޅު ވަމުން

Feb 21, 2017

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު ހާޓް އެޓޭކެއް ޖެހުމުން، އައިޖީއެމްއެޗްގައި ފަރުވާން ދޭން ފެށި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އިސްމާއީލް (ސާޔާ) ގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް، އޭނާ ގެ އާއިލާއިން ބުނެފި އެވެ.

ސާޔާ އަށް މިހާރު ފަރުވާ ދެމުން އަންނަނީ، އައިޖީއެމްއެޗްގެ އާޖެންޓް ކެއާ ސެންޓާގަ އެވެ.

"[އާޖެންޓް ކެއާ ސެންޓާގެ] އެތެރެއަށް ދޭތެރެދޭތެރެއިން އަޅުގަނޑުމެން ވެސް ވަދެވޭ، ކޮންމެވެސް ވަރަކަށް ވަހަކަ ދެއްކާ ހަދާ، 72 ގަޑިއިރު ވަންދެން އެތަނުގައި ބާއްވާ ގޮތަށް ޑޮކްޓަރުން ނިންމާފައި އޮތީ... ހަތްދިހަ ދެ ގަޑިއިރު ފަހުން، އިތުރަށް ޑެޕްތު ބަލާނެ، އެއަށްފަހު ޑޮކްޓަރުން އިތުރު ގޮތެއް ނިންމާނީ، އަލުގަނޑަށް ހީވަނީ އިތުރު ސީރިއަސްކަމެއް ނޫޅެންޏާ ދޫކޮށްލާނެ ކަމަށް،" ޝާހްގެ އެއްބަނޑުއެއްބަފާ ބޭބޭ، ކްރިކެޓް ބޯޑުގެ ނައިބު ރައީސް މާދިހް އިސްމާއީލް ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ސާޔާ ކުރިން ހުންނެވީ، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގަ އެވެ. އަދި އޭނާއަކީ ގައުމީ ކުޅިވަރު މަޖިލީހުގެ ވެސް މެންބަރެކެވެ.

އޭއެފްސީ، މެޗު ކޮމިޝަނަރުގެ ލައިސެންސް ވެސް އޮންނަ ސާޔާ ވަނީ ކުރިން އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީގެ މަގާމުވެސް ފުރުއްވާފަ އެވެ.

ދެ ހާސް ތިން ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ރާއްޖެ ކުޅުނު އިރު، ޓީމުގެ ކެޕްޓަނަކީވެސް އޭނާ އެވެ.