ފެޝަން

ބޭނުންކުރާ މޭކަޕް ހަލާކުވީމަ ހަދާނީ ކިހިނެއް؟

Feb 22, 2017
3

މިއީ އަންހެން ކުދިންގެ ހިތަށް އެންމެ އަސަރު ކުރާ އެއް ކަންތަކެވެ. އަގު ބޮޑުކޮށް ގަނެގެން ގެންގުޅޭ ލިޕްސްޓިކް ނުވަތަ އައިޝެޑޯ ވެއްޓި ނުވަތަ އެހެން ކަމެއް ދިމާވެގެން ހަލާކުވުމަކީ ވަރަށް އަސަރު ކުރާ ކަމެކެވެ. އަދި ބައެއް ފަހަރު ގެންގުޅޭ އަތް ދަބަހަށް ލައިގެން އުޅެފައި ބަލާލާއިރު އޮންނާނީ މުޅި ދަބަހަށް އައިޝެޑޯ ޕެލެޓް ތަޅައިގެން ގޮހެވެ. ނުވަތަ ލިޕްސްޓިކަށް ބިންދައިގެން ގޮހެވެ.

ނަމަވެސް މިގޮތަށް މޭކަޕް ހަލާކުވި ނަމަވެސް އެއްލާނުލައި އަލުން އޭތި ބޭނުން ކުރެވިދާނެ އެވެ.

ނެއިލް ޕޮލިޝް

ނިޔަފަތީގައި ޖައްސަން ގެންގުޅޭ ނެއިލް ޕޮލިސް ހިކި ބޭނުން ނުކުރެވޭނަމަ އޭތި އެއްލާނުލާށެވެ. ހިކިފައި ހުރި ނެއިލް ޕޮލިޝް ފުޅީގެ ތެރެއަށް އެސެޓޯން ކޮޅެއް އަޅާލާށެވެ. އަދި ފުޅީގެ މަތިޖެހުމަށްފަހު ރަނގަޅަށް ތަޅުވާލާށެވެ. މިހާރު ހުންނާނީ ގަތްއިރެކޭ އެއްގޮތަށް ނެއިލް ޕޮލިޝް ޖެއްސޭ ވަަރުވެފަ އެވެ. އެސެޓޯން އަކީ ނިޔަފަތީގައި ޖައްސާ ކުލަ ފިލުވުމަށް ބޭނުންކުރާ ނެއިލް ޕޮލިޝް ރިމޫވާ އެކެވެ. އެސެޓޯން ބައެއް ޕްރޮޑަކްޓް ތަކަކީ ތަންތަން ސާފު ކުރުމަށް ވެސް ބޭނުން ކުރެ އެވެ.

އައިޝެޑޯ

މިއީ އެންމެ ފަސޭހައިން ތަޅައިގެންދާ އެކައްޗެވެ. ނަމަވެސް ހާސްވާނެ ކަމެއް ނެތެވެ. ތަޅައިގެންދިޔަ އައިޝެޑޯތައް ޕްލާސްޓިކް ކުޑަ ކޮތަޅަކަށް އަޅާށެވެ. އަދި ސަމްސަލަކުން ރަނގަޅަށް ހުރިހާ އައިޝެޑޯ ކުނޑިތައް ހިމުން ކޮށްލާށެވެ. އަދި އައިޝޭޑޯތައް އަޅަށް ބޭނުންވާ ކޮންޓެއިނާގެ ތެރެއަށް ކުޑަ ފެންފޮދެއް ޖަހާށެވެ. އެއަށްފަހު ފުނޑުކުރި އައިޝެޑޯގެ ކުނޑިތައް އެ ކޮންޓެއިނާތެރެއަށް އަޅާލުމަށްފަހު، އަނެއްކާވެސް ފެންފޮދެއް ކުނޑިތަކުގެ ތެރެއަށް އަޅާށެވެ.

ކޮންޓެއިނާގައި ހުރި އައިޝެޑޯ ކުނޑިތަކުގެ މަތީގައި ޓިޝޫ އެޅުމަށްފަހު ރަނގަޅަށް އައިޝެޑޯ ކުނޑިތައް ބާރުކޮށްލާށެވެ. ޓީޝޫދެން ނަގާލާށެވެ. މިހާރު ހުންނާނީ ކުރިއެކޭ އެއްގޮތަށް އައިޝެޑޯތައް ހަރުވެފަ އެވެ.

މަސްކަރަ

މަސްކަރަ ހިކި ބޭނުންނުކުރެވޭ ގޮތް ވެއްޖެނަމަ ހޫނުފެން އެއްޗެއްގެ ތެރެއަށް މަސްކަރަލާށެވެ. އަދި އިރުކޮޅެއް ވަންދެން މަސްކަރަ ހޫނު ކޮށްލުމަށްފަހު ނަގާށެވެ.

ލިޕްސްޓިކް

ޖައްސަން ގެންގުޅޭ ލިޕްސްޓިކް ބިންދައިގެން ގޮއްސި ނަމަ ހާސްވާނެ ކަމެއް ނެތެވެ. ބިންދައިގެން ދިޔަ ލިޕްސްޓިކްގެ ބުޑު ލައިޓަރަކުން ހޫނު ކޮށްލާށެވެ. އަދި ބިންދައިގެން ދިޔަބައި ގެނެސް އަލުން ބުޑުގައި ތަތްކޮށްލާށެވެ.