މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް ޒައިދު އަލީ ނުވަތަ އެންމެންވެސް ދަންނަ ނަމުން ނަމަ ކުޑައިއްބެ މިދިޔަ ހަފުތާ އެކުގައި އުޅުނީ ކަރުތާފެނުގަ އެވެ. އެއީ މޯލްޑިވިއަން އައިޑޮލްގެ ލަވަކިޔުންތެރިޔާ ލައިޝާ ޖުނައިދަށް ކުޑަ އިއްބެގެ ޓޮނިކް ލައިވް ސްޓޫޑިއޯ އިން އުފެއްދި "އޮރިޖިނަލް" ލަވައަކާ އެކު ގެނބިގެން ދިޔަ ގޮތަށެވެ.
ހަފުތާއެއްކޮށްލާފައި ކަރުތާފެނުން މައްޗަށް އެރިތަނުން މަޝްހޫރު ލަވަކިޔުންތެރިޔާ އަށް މި ވަނީ އަނެއްކާވެސް ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އިއްބެ މިފަހަރު ވެއްޓިފައި ވަނީ ކުރިއަށް ވުރެން ވެސް ހޫނުފެނަށް ފެންގަނޑަކަށެވެ. މައްސަލަ ގޯސްވެގެން އުޅެނީ ކުޑައިއްބެ މި ހަފުތާގައި ނެރުނު އޭނާގެ އާ ވީޑިއޯ ލަވަ "ލޯބިކަން" އާ އެކުގަ އެވެ.
ލައިޝާގެ "އޮރިޖިނަލް" ލަވަ ފަދައިން މި ލަވަ ވެސް ވައިރަލްވެގެން ގޮސްފައިވާއިރު ގިނަ ބަޔަކު ބުނަމުން ދަނީ މިއީ ބޮލީވުޑްގެ ފިލްމު އެއާލިފްޓްގެ މަޝްހޫރު ލަވައެއް ކަމަށްވާ "ސޯޗުނާ ސަކޭ" ގެ ކޮޕީއެއް ކަމަށެވެ. އެހެންވީމަ އެންމެ ފުރަތަމަ "ސޯޗު ނާ ސަކޭ" އަޑުއަހައިލަމާ ހިނގާށެވެ.
"ސޯޗު ނާ ސަކޭ" އަކީ ބޮލީވުޑްގެ މަޝްހޫރު މިއުޒިކް ކޮމްޕޯސަރު އަނޫ މަލިކަށް ބޮޑުބޭބެކިޔާ ޒުވާން މިއުޒީޝަނެއް ކަމުގައިވާ އަމާލް މަލިކުގެ އުފެއްދުމެކެވެ.
ދެން މިހައިހިސާބުން ކުޑައިއްބެގެ "ލޯބިކަން" އަޑުއަހައިލަމާ ހިނގާށެވެ.
މި ދެ ލަވަ އަޑުއެހުމަށް ފަހު ބޮލީވުޑް ލަވައިގެ ފޭނުން ބުނަމުން ދަނީ މިއީ އަރްޖީތު ސިންގާއި ތުލްސީ ކުމާރު އަދި އަމާލް މަލިކު ކިޔާފައިވާ ލަވައިގެ ރާގުގެ އިތުރުން އޭގެ ޅެންވެރިކަން ވެސް ހިސާބަކަށް ކޮޕީކޮށްގެން އުފައްދާފައިވާ ލަވައެއް ކަމަށެވެ. މި ތުހުމަތަށް ޓޮނިކް ސްޓޫޑިއޯ އިން ބަޔާނެއް ނެރުމަށް ވުރެން، ލޯބިކަން އަށް ވެފައި އޮތް ގޮތް ކުޑައިއްބެ އޭނާގެ ފޭނުންނާއި އެހުންތެރިންނަށް އޮޅުންފިލުވައިދޭނެ ކަމަށް އުއްމީދު ކުރަމާ ހިނގާށެވެ.
އެކަމަކު އޭގެ ކުރިން ތިރީގައި މިއޮތީ އިއްބެގެ ލަވަ އާއި އެ ބުނާ ހިންދީ ލަވައެއް އެއް ވާނެއްގައި އަޑުއަހައިލެވޭނެ ލިންކެކެވެ.