ކުޅިވަރު

ވެލެންސިއާ ފުރުމުން، ނިއުގެ ފުރަތަމަ މެޗު ފޯރިގަދަ ވެއްޖެ

Feb 22, 2017

ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ، މާލޭ ލީގްގެ ދެ ވަނަ މެޗުގައި ކުރިން ވާދަ ކުރުމަށް ހަމަޖެހިފައި އޮތީ، ނިއުރޭޑިއަންޓާއި ވެލެންސިއާ އެވެ. މާލޭ ލީގު ފަށައި ދޭނީ، މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަން މާޒިޔާ އާއި ޕްރެޒިޑެންޓް ކަޕް ޗެމްޕިއަން ކުލަބު އީގަލްސް އެވެ.

ނަމަވެސް، ވެލެންސިއާ އިން، އޭއެފްސީ ކަޕް ޕްލޭއޮފްގެ ދެ ވަނަ ލެގް މެޗަށް، އިންޑިއާ ފުރަން ޖެހޭތީ، ވެލެންސިއާ އަށް ވަގުތު ދިނުމުގެ ގޮތުން، އެފްއޭއެމުން ވަނީ، އެ މެޗު ފަސް ކޮށްފަ އެވެ.

އެހެންކަމުން، މިހާރު ނިއު އަށް އޮތީ މާ ފޯރިގަދަ މެޗެކެވެ. ވާދަވެރި ވިކްޓަރީ އާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ އަންނަ މަހު ތިން ވަނަ ދުވަހު އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ތާރިހުގައި އެންމެ ވާދަވެރި ކުރިމަތި ލުމަކީ، ނިއުރޭޑިއަންޓާއި ވިކްޓާރީގެ ކުރިމަތި ލުމެވެ. މިދިޔަ ފަސް އަހަރު، ވިކްޓަރީ ބަލި ކަށި ކޮށް އޮތުމުން، އެ ވާދަވެރިކަން ފެނުނީ މުޅިން ހިނދިފައި ވަނިކޮށެވެ.

ނަމަވެސް، މިއަހަރު ވިކްޓަރީވެސް ވަރުގަދަ ކޮށްފައި ވުމުން އެ ވާދަވެރިކަން އަލުން އުތުރިގެންދާނެ ކަމަށް ބެލެވެ އެވެ.

ޕްރީ ސީޒަންގައި މި ދެޓީމު ކުޅުނު މެޗް 2-1 އިން ނިއު ކާމިޔާބު ކުރި ނަމަވެސް، ވިކްޓާރީގެ ފަރާތުން ވަނީ ވަރުގަދަ ފައިޓެއް ނިއު އަށް ދީފަ އެވެ.

މޭލާ ލީގް އެންމެ ފަހުން ބާއްވާފައި ވަނީ 2006 ވަނަ އަހަރު އެވެ.

ނަމަވެސް، މިއަހަރު ލީގް ސިސްޓަމަށް ގެނައި ބަދަލާ ގުޅިގެން، ދިވެހި ޕްރިމިއާ ލިގް ޖާގަ ހޯދަން، މާލޭގެ ޓީމުތަކަށް އޮތީ މާލޭ ލީގެވެ. ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ވާނީ މާލޭ ލީގުން ގަދަ ހަތަރު ޓީމެވެ. އަނެއް ހަތަރު ޖާގަ ލިބޭނީ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމަށެވެ.

ލީގް ގައި ވަދަ ކުރާ ޓީސީ ސްޕޯޓްސް ކުލަބު ވެސް ބަންގުލަދޭޝްގައި ކުރިއަށްދާ ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތު ގައި ވާދަ ކުރާތީ، އެ ޓީމު ކުޅެން ހަމަޖެހިފައިވާ މެޗުތައް ވެސް ވަނީ ފަސް ކޮށްފަ އެވެ.

ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައިވާ ޓީސީ، ލީގްގައި ކުލެންޖެހޭ ފުރަތަމަ މެޗް އޮންނާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ މާޒިޔާއާ ދެކޮޅަށެވެ.