މިއުޒިކް

ކޮޕީއޭ ބުނާ މީހުންނަށް ކުޑައިއްބެ ޗެލެންޖުކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ ކުޑައިއްބެ މި ހަފުތާގައި ނެރުނު އާ ވީޑިއޯ ލަވައިގެ ރާގަކީ ހިންދީ ލަވައަކުން ކޮޕީކޮށްފައިވާ ރާގެއް ކަމަށް ބުނާ ފަރާތްތަކަށް އޭނާ ނިކަން ވަރުގަދަ ޗެލެންޖެއްކޮށްފި އެވެ. -- މޯލްޑިވިއަން އައިޑޮލްގައި ޖަޖެއްގެ މަގާމު ވެސް ފުރަމުން އަންނަ ކުޑައިއްބެ ބުނަނީ "ލޯބިކަން" ގެ އެއްވެސް މިންވަރަކީ ކޮޕީއެއްކަން ސާބިތުކޮށްދެވިއްޖެ ނަމަ "ބަތަށް ލޮނު އަޅައިގެން ނުކާނެ" ކަމަށެވެ.

އިއްބެގެ މި ލަވައަކަށް ފާޑުކިޔުން އަމާޒުވެފައި ވަނީ ބޮލީވުޑްގެ ފިލްމު "އެއާލިފްޓް" ގެ މަޝްހޫރު ލަވައެއް ކަމުގައިވާ "ސޯޗުނާ ސަކޭ" ގެ ކޮޕީއެއް ކަމަށް ބުނެ އެވެ. ނަމަވެސް އިއްބެ ބުނަނީ އެ ލަވަ އަށް އިޝާރާތްކޮށް "ލޯބިކަމަށް" ފާޑުކިޔަނީ މިއުޒިކް އެނގޭ ބައެއް ނޫން ކަމަށެވެ.

"މިއުޒިކް އެނގޭ ބައެއް ނޫން ތިގޮތަށް ފާޑުތިކިޔަނީ. ސޯޗް ނާ ސަކޭއާ (ލޯބިކަން) އެއްވެސް ގޮތަކަށް ވައްތަރު ނަމަ، ވައްތަރު ތަންކޮޅެއް މި ލަވައިން ދައްކައިފިއްޔާމު، ބަތަށް ލޮނު ލައިގެން ނުކާނަން،" މިހާތަނަށް އެތައް ސަތޭކަ އޮރިޖިނަލް ލަވަތަކެއް އެހުންތެރިންނާ ހަމަ އަށް ގެނެސް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ލަވަކިޔުންތެރިޔާ އަދި މިއުޒިކް ކޮމްޕޯސަރު ބުންޏެވެ.

އިއްބެ ބުނީ "ލޯބިކަން" އަކީ ކޮޕީއެއް ނޫން ކަމަށާއި އެއީ އިންސްޕިރޭޝަނަކުން އައި އިއްތިފާގެއް ކަމަށެވެ.

"ހަލަބޮލި އަކީ 2012ގެ ލަވައެއް. ފިލްމު އާޝިގީގެ މިލްނެހޭ މުޖުސެ އާއީގެ ރާގު ހަލަބޮލި ލަވައާ އެއްގޮތްވާނެ. މިއީ އިއްތިފާގުން ދިމާވެފައި ހުންނަ ކަންތައްތައް. އަޅުގަނޑު މި ލަވަ ހެދީ އެދެމޭ ކަލާޔާ އިން އިންސްޕަޔާވެގެން،" އިއްބެ ބުންޏެވެ.

އޭނާ ބުނީ ވަޒަނަކަށް ޅެމެއް ހެދުމަކީ ކޮޕީއެކޭ ނުބުނެވޭނެ ކަމަށާއި އެގޮތަށް ފާޑުކިޔޭ ނަމަ ހިންދީ ލަވަ އަށް ވެސް އެގޮތަށް ފާޑުކިއިދާނެ ކަމަށެވެ.

"ވަޒަނަކަށް ޅެމެއް ހެދުމަކީ މައްސަލައެއް ނޫން. ވަޒަނަކީ ފްރީ އެއްޗެއް. ކޮންމެ ވަޒަނަކަށް ވެސް ލަވައެއް ހެދިދާނެ. އެހެންވީމަ އަޅުގަނޑަށް ބުނެވިދާނެ ދޯ އެދެމޭ ކަލާޔާ ކޮޕީކޮށްގެން ހަދާފައިވާ ލަވައެކޭ ސޯޗު ނާ ސަކޭއަކީ. މިއީ އެދެމޭ ކަލާޔާގެ ސީކުއެންސް ކޯޑްތައް ބޭނުންކޮށްގެން ހަދާފައިވާ ލަވައެއް އަޅުގަނޑު،" އިއްބެ ކިޔައިދިނެވެ.

"މިގޮތަށް މިއުޒިކް ހެދުމަކަށް ނުކިޔާނެ ކޮޕީކުރުމެކޭ. މިއަށް ކިޔާނީ އިންސްޕަޔާވުން."

ކުޑައިއްބެގެ މި ލަވައެއްގެ މައްސަލަ ބޮޑުވެ ފާޑުކިޔުންތަކެއް އަމާޒުވެގެން ގޮސްފައި ވަނީ އޭނާގެ ހިއްސާ އޮންނަ ޓޮނިކް ލައިވް ސްޓޫޑިއޯ އިން މިފަހުން މޯލްޑިވިއަން އައިޑޮލް ލައިޝާ ޖުނައިދަށް އުފައްދައިދިން ލަވަ އަށް ކޮޕީ ރާގެއްގެ ތުހުމަތުކުރެވި ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ނަމަވެސް އެ ލަވަ އަކީ ކޮޕީ ރާގެއް ނޫނެވެ. އެއީ ކުރީގެ ސްކޫލް ކުދިންގެ ލަވަ މުބާރާތަކަށް އިއްބެގެ ސްޓޫޑިއޯ އިން އުފެއްދި ލަވައެއްގެ ތާޒާ ވާޝަންއެކެވެ.

އެ ލަވައިގެ މައްސަލާގައި އިއްބެގެ ސްޓޫޑިއޯ އާއި ލައިޝާ ވެސް ވަނީ މައާފަށް އެދިފަ އެވެ.