ހަބަރު

ރާއްޖޭގެ ހައްޖު ކޯޓާ 2،000 އަށް ސައުދީން އިތުރުކޮށްދީފި

ސައުދީ އަރަބިއްޔާގެ ފަރާތުން ރާއްޖެއަށް ދޫކުރާ ހައްޖު ކޯޓާ 2،000 ކޯޓާއަށް އެ ގައުމުން އިތުރުކޮށް ދީފި އެވެ.

އެ ގައުމުގެ ރަސްގެފާނު، ސަލްމާންގެ ދައުވަތަކަށް ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން، އެ ގައުމަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު، މިއަދު މާލެ ވަޑައިގެން އެ ދަތުރާގުޅޭ ގޮތުން އެއާޕޯޓްގައި ދެއްވި ނޫސްކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ރާއްޖޭގެ ދާއިމީ ހައްޖު ކޯޓާއަށް އިތުރު 1،000 ކޯޓާ ދިނުމަށް އެ ގައުމުން ނިންމި ކަމަށެވެ. މިހާރު ރާއްޖެއަށް ދީފައި ވަނީ 1،000 ކޯޓާ އެވެ. ޝަހީމް ވިދާޅުވި ގޮތުގައި މިހާރު ރާއްޖެއަށް ލިބުނު ކޯޓާގެ އަދަދު، 2،000 އަށް މަތިކޮށްދޭން އެއްބަސްވުމަކީ އެ ގައުމުން އެހެން ގައުމުތަކަށް ނުކޮށްދޭނެ ފަދަ ބޮޑު ކަމެއް ކަމަށެވެ.

"މިއީ އެހެން ގައުމުތަކަށް އެ ގައުމުން ނުދޭނެ ވަރުގެ ބޮޑު އެހީއެއް. މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް އަދި އެހީތެރިކަމެއް. މިކަމުން ގިނަ ބަޔަކަށް ފަސޭހަ ވާނެ،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހި ހައްޖާޖީންނަށް ހާއްސަކޮށްގެން މައްކާގައި ހަދާ ހޮޓަލަށް ބިމެއް ހާއްސަކޮށްދެއްވުމަށް ވެސް އެ ގައުމުން ވަނީ އެއްބަސްވެފަ އެވެ. ޝަހީމް ވިދާޅުވީ އެކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. ރައީސްގެ އެ ދަތުރު ސިފަ ކުރެއްވީ މިއީ ފަހުގެ ތާރީހެއްގައި ރާއްޖެ އާއި ސައުދީއާ ދެމެދު ގުޅުން ބަދަހި ނުވާނެ ވަރަކަށް ގުޅުންތައް ބަދަހިވެގެން ދިޔަ ދަތުރެކެވެ.