ކުޅިވަރު

ޓީސީގެ ކެޕްޓަނަށާއި ޑިފެންޑަރަށް އަނިޔާގެ މައްސަލަ

Feb 22, 2017

ބަންގުލަދޭޝްގައި މިހާރު ކުރިއަށްދާ ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތުގައި މިޙާރު ވާދަ ކުރަމުން އަންނަ ޓީސީ ސްޕޯޓްސް ކުލަބުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ، ކެޕްޓަން އަލީ ނާފިއު (ކަޅޭ) އާއި ޑިފެންޑަރު އިމްޝާދު އަށް އަނިޔާ ވުމުން، ގުރޫޕްގެ ފަހު މެޗުގައި މާދަމާ ދެކުނު ކޮރެއާގެ ޕޮޗެއޮން ސިޓިޒެން އެފްސީ އާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗުގައި ނުކުޅެވޭނެ އެވެ.

ބަންގަޅު ގައި ހުރެ ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ދިވެހި މީޑިއާ ތަކަށް ފޮނުވި މެސެއްޖެއްގައި ބުނެފައިވަނީ، ކަޅޭ އާއި އިމްޝާދު އަށް އަނިޔާވީ، މިދިޔަ ހޯމަ ދުވަހު، ކިރިގިސްތާންގެ އަލްގާ އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށެވެ.

ކަޅޭ، ގެ ކުޑަހުޅަށް ވަނީ އަނިޔާ ވެފަ އެވެ. އަދި އިމްޝާދުގެ ފައިގެ ޓީޝޫ އަށް އަނިޔާވެ ތަދެއް އަރާފައިވާ ކަމަށް ނިޒާމް ބުންޏެވެ..

ނިޒާމް ބުނީ، އެ ކުޅުންތެރިންނަށް އަނިޔާ ވުމުން، މެޗުގެ ފުރަތަމަ 11 އަށް ދެތިން ބަދަލެއް ގެންނާނެ ކަމަށެވެ.

އެގޮތުން މާދަމާ މެޗުގެ ފުރަތަމަ 11 އިން، ޔާމީން އިބްރާހިމް (ޔާންބެ) އާއި ތަޖުރިބާކާރު މީޑްފީލްޑާ ޝަމްވީލް ގަސިމް (ބޮންޑާ) އާއި އައްޒާމް އަބްދުﷲ އާއި ޒުވާން ކުޅުންތެރިޔާ އަހްމަދު އައިހަމް އަށް ފުރުސަތު ދޭނެ ކަމަށެވެ.

މާދަމާ މެޗުގައި ކެޕްޓަން ބޭންޑް އަޅާނީ، ވައިސް ކެޕްޓަން އަހްމަދު ފައްރާހް އެވެ.

އެއް ވަނަ މަގާމުގައި އޮވެ، ގުރޫޕް ސްޓޭޖު ނިންމާލުމަށް، މާދަމާގެ މެޗު ޓީސީ އަށް ވަރަށް މުހިންމެވެ. މެޗުން އެޓީމު ބަލި ވެއްޖެނަމަ ގުރޫޕްގެ އެއް ވަނަ ލިބޭނީ ޕޮޗެއޮން އަށެވެ.