ކުޅިވަރު

ފާލުން ބުނެދެނީ ފުޓްބޯޅަ އަށް ރަނގަޅު އިރުވަރެއް ކަމަށް

ކަންކަމަށް ހޮޔޮ ވަގުތާއި ރަނގަޅު ހާލަތްތައް ދެނެގަތުމަށް ދިވެހިން ފާލު ބަލައި އުޅުނެވެ. އެއީ މާ ކުރީގައި ދިވެހިން ކޮށް އުޅުނު ކަމެކެވެ. އެކަން މާޒީވެ ހިނގައްޖެ އެވެ. ދިވެހިންވެސް، މިހާރު ކަންކަން ގަބޫލު ކުރަނީ، ބުއްދި އާއި ޒަމާނީ ހެކިތަކުގެ އަލީގަ އެވެ.

މިހާރު އިރުވަރު ދިމާ ކުރުމެއް ނޯވެއެވެ. ނަމަވެސް ރަނގަޅު ހެކިތަކާއި ބުއްދި އަށް ގަބޫލު ކުރެވޭ ދަލީލު ތަކާއެކު، އެވެނި ކަމެއް މިވެނި އެއްޗެއް ރަނގަޅު ވާހަަކަ ދިވެހިންނަން ވެސް ބުނަން އެނގެ އެވެ. އަދި އެވާހަކަ ބުނަނީ ދަތުރު ކޮށްފައި ދާ މުސާފިރެއްގެ ދުލަކުން ނޫނެވެ. އެކަމާ ގުޅޭ ފަންނީ މާހިރުން ނެވެ. ދައްކަން މިއުޅޭ ވާހަކައިގައި އެގޮތަކަށްވެސް ފާލު ބަލައި އިރު ވަރު ޖަހައިގެން ކަމެއް ބަލަން އުޅެނީކީ ނޫނެވެ. ނަމަވެސް މިވާހަކަ ދައްކަނީ މިކަމުގެ ތަޖުރިބާ ކާރުން ނެވެ. އަހަރު ތަކެއް ވަންދެން މިކަމުގައި ވަގުުތު ހޭދަ ކޮށް އެމީހުންގެ ވިސްނުމާއި ހަކަތަ މިކަމަށް ހޭދަ ކޮށްފައިވާ ފަރާތްތަ ކެވެ.

ދެ ހާސް ސާތަރަ ވަނަ އަހަރު، ދިވެހިންނަށް އަލިވިލީ، ދިވެހި ކުޅިވަރަށް ހާއްސަ ކޮށް ދިވެހި ފުޓްބޯޅަ އަށް ރަނގަޅު އުންމީދީ މެސެޖުތަކެއް ދެމުން ނެވެ. ބައިނަލްއަގްވަމީ ކުލަބު މުބާރާތުގައި ރާއްޖެއިން ވާދަ ކުރަމުން އަންނަ ކުލަބު ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކުލަބުގެ ނަތީޖާ އާ އެކު، ދިވެހި ފުޓްބޯޅަ އަށް މިއަހަރު ރަނގަޅު ސާއަތަކުން އިރު އަރާފައިވާ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން އެބަ ބުނެ އެވެ.

ޓީސީ ސްޕޯޓްސް ކުލަބު އޮތީ، ބަންގާޅުގައި ކުރިއަށް ދާ، ބައިނަލްއަގްވާމީ ކުލަބު މުބާރާތުގެ ސެމީ ފައިނަލު ޔަގީ ކޮށްފަ އެވެ. އޭއެފްސީ ކަޕް ޖާގަ ހޯދަން، ވެލެންސިއާ ކުރާ ދަތުރުގައި އެކުލަބުގެ ތައްޔާރީ ތަކާ ބަލާފައި، މާބޮޑަށް ވެސް ތަފާތު ކަމަށް އެންމެންވެސް އެއްބަސް ވެއެވެ.

"ހަމަގައިމުވެސް ދެ ކުލަބެއް، އެ ދެ ޓީމު އިންޓަނޭޝަނަލް މެޗުތަކުގައި ރަނގަޅު ނަތީޖާ އެއް ނިކުތުމަކީ، ދިވެހި ފުޓްބޯޅަ އަށް ލިބޭނެ ކުރި އެރުމަކަށް ވެގެންދާނެ،" ބަނގުލަދޭޝްގައި ހުރެ 'އަވަސް' އާ ވާހަކަ ދައްކަމުން، ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުންޏެވެ.

ވެލެންސިއާގެ ކޯޗުން ސްޓާފުންވެސް ގަބޫލު ކުރާ ގޮތުގައި، އެ ކުލަބަށްވެސް ދުރާލައި ތައްޔާރު ވެވުނު ނަމަ، މިހާރަށް ވުރެ ބޮޑަށް އެ ޓީމުގެ ނަތީޖާ ތައްވެސް ރަނގަޅުވީ ހެވެ.

"ގިނަ ޓީމުތައް ވަނީ ކުރިން ޕްރެކްޓިސް ފަށާފައި، ލީގް ކުރިއަށްދާ ވަރަކުން އެނގޭނެ، ޓީމު ތަކުގެތައްޔާރީ ތަކުން، އެ ޓީމަށް ކިހާ ވަރަކަށް ފައިދާ ހުރިކަން އެންމެ ފުރަތަމަ ކަމަކީ ރަނގަޅަށް ތައްޔާރު ވުން،" ނިޒާމް ބުންޏެވެ.

ރަނގަޅަށް ޓީމުތަކަށް ތައްޔާރު ވެވުމަކީ، ޓީމުގައި ތިބި ޒުވާން ކުޅުންތެރިން ޓެސްޓް ކޮށްލަން ލިބޭ ވަގުތެކެވެ. ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީ އާ ކުޅުންތެރިން އެންމެ ގިނައިން އުފައްދާ ކޯޗަކީ، ކުލަބު އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) އެވެ. ޕްރީ ސީޒަންގައި، އެންމެ ގިނަ ފްރެންޑްލީ ކުޅުނު އެއް ޓީމަކީ، އީގަލްސް އެވެ.

"އަޅުގަނޑުމެން އެންމެ ބޮޑަށް ބަލަނީ ޓީމުގައި ތިބި ހުރިހާ ކުޅުންތެރިން ފުރުސަތު ދެވޭތޯ، އޭރުން އެއިން ކޮންމެ ކުޅުންތެރިޔެއްގެ ފެންވަރު ވަކިވަކިން ދެނެގަނެވޭނެ" ޕްރީ ސީޒަންގައި އީގަލްސް ކުޅުނު މެޗަކަށް ފަހު އަވަސްއާ ވާހަކަ ދައްކަމުން ސާންތީ ބުންޏެވެ.

މިހަރު ތިބި ޒުވަން ކުޅުންތެރިންނާ އެކު، ގައުމީ ޓީމުގެ ކުރި މަގުގައި ތަފާތު ގެންނާނެ ކުޅުންތެރިންވެސް ރާއްޖޭގައި ތިބި ކަމަށް، ނިޒާމް ބުނެއެވެ. އެފަދަ ބައެއް ކުޅުންތެރިން އެހެން ކުލަބު ތަކާއި ޓީސީއިން އޭނާ ފާހަގަ ކުރި އެވެ. އެކޫލުންތެރިންނަށް ވެސް ބޭނުންވަނީ ދަނޑުމަތީގަޔާއި ދަނޑުން ބޭރުގައިވެސް ޑިސްޕްލިން ހިފެހެއްޓުމެވެ.

"މި ކުޅުންތެރިންގެ ކިބައިގައި އެބަހުރި އެ ގާބިލު ކަން، ރާއްޖޭގެ ގައުމީ ޓީމުގައި ކުރިއަށް އޮތްތަނުގައި ތަފާތު ގެންނާނީ މިކުޅުންތެރިން، ނަމަވެސް އޭގެ ކުރިން މި ކޫލުންތެރިންގެ ޓެކްޓިކަލް ޑިސިޕލިން ހިފެހެއްޓުން އެއީ ވަރަށް މުހިންމު ކަމެއް،" ނިޒާމް ބުންޏެވެ.