ހަބަރު

ސައުދީ ފަންޑުން އެއާޕޯޓާއި ހުޅުމާލޭގެ ތަރައްގީއަށް ލޯނު ދެނީ

Mar 21, 2015
2

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއަށާއި އެހެން ވެސް ބޮޑެތި މަޝްރޫއުތަކަށް ސައުދީ ފަންޑުން އިންޓަރެސްޓް ވަރަށް ކުޑަ ލޯނެއް ދިނުމަށް އެއްބަސްވެ އެކަމުގެ މަޝްވަރާތައް ފަށައިފި އެވެ.

ސައުދީ ރަސްގެފާނު ސަލްމާންގެ ދައުވަތަކަށް ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން އެ ގައުމަށް ކުރެއްވި ދަތުރުފުޅަށް ފަހު އެނބުރިވަޑައިގަތް އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ރާއްޖެއިން ދިޔައީ ވަރަށް ގިނަ ދާއިރާތަކާ ގުޅުން ހުރި މަޝްރޫއުތަކެއްގައި އެ ގައުމުގެ އެހީތެރިކަމަށް އެދުނު ކަމަށެވެ. އަދި އެ މަޝްރޫއުތަކުގެ ތެރޭގައި ސިއްހީ، ތައުލީމް، އަސްކަރީ، ދީނީ ގޮތުން އަދި ބޮޑެތި އިންވެސްޓްމަންޓްތަކަށް އެއްބާރުލުން ދިނުމަށް އެއްބަސްވި ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ސައުދީ ފަންޑްގެ ފަރާތުން ވަރަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި އެއާޕޯޓްގެ ޑިވަލޮޕްމަންޓަށާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމަށް ލޯނު ދިނުމަށް އެއްބަސްވި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ހުޅުމާލޭގެ ޝޯ ޕްރޮޓެކްޝަން މަސައްކަތަށް އޭގެ ތެރެއިން ފައިސާ ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޓީމެއް އެނބުރި ސައުދީއަށް ގޮސް މިކަންކަމުގެ އެއްބަސްވުންތަކުގައި ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ސޮއި ކުރާނެ. އަޅުގަނޑުމެން އެދުނު މަޝްރޫއުތަކަށް ވުރެ ގިނައިން ސައުދީ ފަންޑުން އަޅުގަނޑުމެންނަށް އެހީތެރިވުމަށް އެބޭފުޅުން ހުށަހެޅުއްވި. ދެން އޮތީ އަޅުގަނޑުމެން މިކޮޅުން ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުން،" ރައީސް ވިދާޅުވި އެވެ.

ސައުދީ ފަންޑުން ދޭ އެހީތަކުގެ އިތުރު ތަފްސީލް ދެއްވަމުން، ފިޝަރީޒް މިނިސްޓަރު ޝައިނީ ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމަށް މީގެ ކުރިން ވެސް ސައުދީ ފަންޑުން އެހީތެރިވެފައިވާތީ އެކަން އެގޮތަށް ކޮށްދިނުމަށް ސައުދީ އިން އޮތީ ތައްޔާރަށް ކަމަށެވެ. އެގޮތުން ދެ ޕަސެންޓްގެ އިންޓަރެސްޓް ރޭޓްގައި އެ ލޯނު ދޫކުރުމަށް އެއްބަސްވެފައިވާ ކަމަށް ޝައިނީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިކޮނޮމިކް ޒޯންތަކާއި ޕޯޓް ފެސިލިޓީތައް ތަރައްގީ ކުރުމުގައި ވެސް ސައުދީ އިން ރާއްޖެއަށް އެހީތެރިވުމަށް އޮތީ ތައްޔާރަށެވެ.

"އެބޭފުޅުން ވަރަށް ބޮޑަށް މި މަޝްރޫއުތަކަށް ޝައުގުވެރިވެ ވަޑައިގެން ތިއްބެވީ. ސައުދީ ރަސްގެފާނުގެ ބަހުރުވައިން ނަމަ އަޅުގަނޑުމެން 100 ޕަސެންޓް މި ދިވެހިރާއްޖެ އަކީ އެބޭފުޅުންގެ އެއްބަޑު އެއްބަފައި އަހުންގެ ގޮތުގައި ދެކިވަޑައިގެންނެވީ. އަދި ރާއްޖެއަށް އެހީވުމުގެ ކަންކަން ކުރުމަށް މިނިސްޓަރުންގެ ގާތު ރަސްގެފާނު ދެންނެވި،" ޝައިނީ ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެޑިއުކޭޝަންގެ ދާއިރާއިން ރާއްޖެއަށް ދޭ ސްކޮލަޝިޕްގެ އަދަދު 150 އަށް އިތުރުކޮށްދެއްވުމަށް ރަސްގެފާނު އެއްބަސްވެ ވަޑައިގަތް ކަމަށެވެ. އަދި ސްކޮލަޝިޕްތައް ލަސްވެގެން ދިމާވަމުން އައި ދަތިތައް ހައްލުކޮށްދެއްވުމަށް ރަސްގެފާނު އެއްބަސްވެ ވަޑައިގަތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ސިއްހީ ދާއިރާއަށް ދިމާވާ ދަތިތަކަށް ވެސް އެހީތެރިކަން ދެއްވުމަށް އެއްބަސްވެ ވަޑައިގަތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.