މިއީ ދިވެއްސަކަސް ކުރެވިދާނެ ކަމެއް ކަން މީގެ ކުރިން ހީވެސް ނުކުރަން ދޯ އެވެ. މިފަދަ ކަމެއް ކުރަން އުޅޭ ވާހަކައެއް ދައްކާލިއަސް ގިނަ ބަޔަކަށް މިކަން ވާނީ ބޮޑު ޖޯކެއް ނުވަތަ "އިމްޕޮސިބަލް" ކަމަކަށެވެ. ނަމަވެސް މީހުން ދައްކާވާހަކައެއް ވާހަކައަކަށް ފުވަމުލަކު ސިނަމާގޭ މުހައްމަދު އާސިފް ނުބަލައެވެ. އާސިފް އަންނަނީ އޭނާގެ ހުވަފެން ތެދަކަށް ހަދާ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ފްލައިޓެއް ހެދި މީހާ ކަމުގެ ޝަރަފު ލިބިގަތުމަށް ވަރަށް އުންމީދާއެކު ހުއްޓުމެއް ނެތި އެ މަސައްކަތް ކުރަމުންނެވެ. -- މީގެ ކުރިން އިނގިރޭސީންގެ ދުވަސްވަރު އައްޑު އަތޮޅުގައި ވެސް މީހަކު މިފަދަ މަސައްކަތެއް ކޮންމެވެސް ސިފައެއްގައި ކުރި އެވެ. އެހެން ނަމަވެސް މި ފެންވަރަކު ނޫނެވެ.
އާސިފްއާއި އޭނާގެ މަސައްކަތު ޕާޓްނަރު މުހައްމަދު ހަސަން (މެކޯ) އަންނަނީ ކުއިކްސިލްވާ ޖީޓީ500 މޮޑަލްގެ ފްލައިޓެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް ކުރަމުން އަންނަތާ މިހާތަނަށްވީ އެންމެ 34 ދުވަހެވެ. އިންޖީނިއަރިންއާއި އެރޮޓިކްސް ދާއިރާއިން އެއްވެސް ތަމްރީނެއް ހާސިލްކޮށްފައި ނުވާ އާސިފް، މިއަދު ފްލައިޓެއް ހެދުމާ ހަމަޔަށް އައީ ކިހިނެތްތޯ ސުވާލު އުފެދޭ ނޫންތޯ އެވެ. – އަވަސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އާސިފް ވަނީ އޭނާގެ މުޅި ހަޔާތް ފްލައިޓް އިންޖީނިއަރިންއާ ދިމާލަށް އެނބުރުނު ގޮތުގެ ވާހަކަ ކިޔާދީފައެވެ.
އެންމެ ކުޑައިރުއްސުރެއް އާސިފްއަކީ ކާރާއި ސައިކަލު ފަދަ ތަކެތި ރޫޅާ ހެދުމާއި، އެފަދަ މަސައްކަތް ކުރުމަށް ވަރަށް ލޯބި ކުރާ މީހެކެވެ. އިންޖީނިއަރިން ދާއިރާގައި މަސައްކަތް ނުކުރި ނަމަވެސް އާސިފް ވަނީ މީގެ ކުރިންވެސް ގިނަ ބަޔަކު އާޝޯހުކޮށްލާ ފަދަ ތަކެތި އަމިއްލަ އަތުން ހަދާ ނިންމާފަ އެވެ.
އެގޮތުން އުމުރުން އެންމެ 25 އަހަރުގައި ވެސް 53 ފޫޓުގެ ދޯންޏެއްގެ އިންޖީނުއަޅާ އެއްކޮށް ބަނުމުގެ 75 ޕަސަންޓު ނިންމާލީ އާސިފް އެކަންޏެވެ. އޭގެ އިތުރުން ވެސް ތަފާތު މަސައްކަތްތައް އަމިއްލައަށް ދަސްކޮށް ހެދުމުގެ ޝައުގުވެރިކަން އޭނާގެ ހުރެއެވެ. އާސިފް އަކީ އަމާޒެއް ހިފާއިފިއްޔާ އެކަމެއް ނިންމާފައި ނޫނީ ދޫނުކުރާ މީހެކެވެ. އެގޮތުން ފްލައިޓް އިންޖީނިއަރިންއަށް އާސިފް އަމާޒު ހިފީ 2003 ވަނަ އަހަރު އޭނާގެ ގާތް އެކުވެރިންތަކެއް ބޮއްކުރައެއްގައި މަހަށް ނިކުމެ އުޅެނިކޮށް އެމީހުން ކަނޑުމައްޗެއް ގެއްލުމުން ހޯދުމުގެ މަސައްކަތް ކުރަން އުޅުމުގެ ތެރޭގައިއެވެ.
"ގާތް އެކުވެރިންތަކެއް މަހަށް ދިޔަ ބޮއްކުރާ ގެއްލިގެން ހޯދުމުގައި އިސްވެ ކޯސްޓުގާޑަށާއި އެހެން މުއައްސަސާތަކަށް އެންގި މީހެއް އަޅުގަނޑަކީ. ކޯސްޓްގާޑަށް ގުޅާފަ އަޅުގަނޑު ދެންނެވިން ބަޔަކު ކަނޑުމައްޗައް ގެއްލިގެނޭ މި އުޅެނީ އަނބުރާ ނައިސްގެން. އެ މީހުން ހޯދަން އެހީތެރިވެދިނުމަށް އަޅުގަނޑު އެދުނިން. މުޅި ރޭ ތިބީ ބަނދަރުގައި ހޭލާ އެމީހުން ހޯދުމުގެ މަސައްކަތުގައި. ނަމަވެސް ކަނޑުގަދަކަމުން ކުދި ކުދި ދޯނިތަކުގައި އެމީހުން ހޯދުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި. އެރޭ އަޅުގަނޑު އިންޓަނެޓުން ހޯދީ ދުނިޔޭގައި ކަނޑުމަތިން މީހުން ހޯދުމުގައި އެންމެ ކާމިޔާބުކަމާއެކު މަސައްކަތްކޮށްފައިވާ ވަސީލަތްތަކަކީ ކޮބާތޯ. ދެން ބެލި އިރު ކުދި ކުދި ފްލައިޓުންނާއި ހެލިކޮޕްޓަރު ފަދަ ތަކެތިން ވަރަށް ތިރި ތިރިން އެ ހޯދޭކަން އެނގުނު. އެހެންވެ އަޅުގަނޑު އެރޭ ނިންމިން ފުވަމުލަކުން ގެއްލިގެން ދާ މީހުން ހޯދޭނެ ފްލައިޓެއް ފުވަމުލަކުގައި ބަނުމަށް،" އާސިފް ބުންޏެވެ.
އާސިފްގެ އެކުވެރިން ފުވަމުލަކު އިރުމަތީ ފަރާތުން 72 މޭލު ބޭރުން ހޯދާ ސަލާމަތްކޮށްގެން ގެނެވުނެވެ. ނަމަވެސް އެރޭ ކަނޑައެޅި އަޒުމަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. އެގޮތުން ފުވަމުލަކު ސޮނީ ހަސަން އިބްރާހިމް (ޕާޕަރޭ) އާއެކު އެކަން ކުރުމަށް މަޝްވަރާ ކުރުމަށް ފަހު ވެލްޑިން މަސައްކަތްތަކަށް އެ ރަށު ނޫރާނީމާގޭ އާދިލްގެ އެހީ ތެރިކަމާއެކު އާދައިގެ ކުޑަ ފްލައިޓެއްހެދުމުގެ މަސައްކަތް ފެށި އެވެ. އެއީ 2005 ވަނަ އަހަރުގެ މެދު ތެރޭގައެވެ. ނަމަވެސް މާލީ ހާލަތު ތަން ނުދިނުމާ ގުޅިގެން އާދިލްއަށް ޖެހުނީ ފުރާގެން ދާށެވެ. އެހާ ހިސާބުން ފްލައިޓު ހެދުމުގެ މަސައްކަތް އޮތީ މެދުކެނޑިފަ އެވެ.
"ކުއްލިއަކަށް މަސައްކަތް ހުއްޓުނު. ނަމަވެސް އޭރުވެސް އުންމީދެއް ދޫނުކުރަން. އޭރު ފްލައިޓުގެ ފަހަތުބައި ވަރަށް ބޮޑަށް ހަދާފަ އޮންނާނީ. ދެން މަސައްކަތް ހުއްޓުނީމަ އޭގެ ފޮޓޮއެއްލާފަ އިންނާނެ މައި ޑްރީމްއޭ ޖަހާފަ ފޭސްބުކްގަ. ދެން އޭތި އެކަން އެހެން އޮއްވާ ދާދި ފަހުން އަޅުގަނޑަށް ދިމާވީ ވެލްޑިން މަސައްކަތަކާއި ޓެކްނިކަލް ގިނަ މަސައްކަތް ކުރާ މުހައްމަދު ހަސަންއާ. އެހާ ހިސާބުން އޭނައާ އެވާހަކަ ދެއްކެވުމަށް ޝައުގުވެރިކަން ހުރުމުން އަލުން އެ މަސައްކަތް ފެށީ،"
މެކޯއާއެކު އާސިފް ފެށީ ކުއިކް ސިލްވާ ގީޓީ500 މޮޑަލްގެ ފްލައިޓެއް ހެދުމުގެ މަސައްކަތެވެ. އެކަމަށް ބޭނުންވާ ދިރާސާތައް ހަދާ ހުރިހާ ކަމެއް ކުރީ އިންޓަނެޓުނެވެ. އެގޮތުން އެ މޮޑަލްގެ ފްލައިޓު ހަދާ ޓެސްޓު ކުރާ ގޮތާއި ކުރެހުމާ ޑިޒައިނިން ދިރާސާ ކުރުމަށްފަހު އާ ހިތްވަރަކާ އެކު އާސިފް އަލުން އެ މަސައްކަތް ފެށި އެވެ. އެގޮތުން ހަސަނުގެ ގޭ ބިއްދޮށުގައި ގަރާޖެ ހެދި އެވެ. އޭރު އާސިފްގެ ވިސްނުން ހުރީ މާބޮޑު ހަރަދެއް ނުކޮށް ފަސޭހައި ލިބޭނެ ވަސީލަތްތައް ބޭނުންކޮށްގެން މުޅި ފްލައިޓު ހަދާ ނިންމާލުމަށެވެ.
"ކުއިކްސިލްވާ ބްރޭންޑުގެ ފްލައިޓު ހެދުމަށް ދުނިޔޭގެ އެކި ކަންކޮޅުގައި ބޭނުން ކުރޭ ލަކުޑިވެސް ދަނގަނޑުވެސް. އަދި ލުއިކޮށްލުމަށް ކާސްޓިލް ދަނގަޑާއި އެލިމެނިއަމް މެޓީރިއަލް އެކު އެއްކޮށްފައި ހުންނައެއްޗަކުން ވެސް ބުރަފަތި ހާދާފައި ހުރޭ. އެހެންވެ އެގޮތަށް ބަލާފައި އަޅުގަނޑު ބުރަފަތި ހެދީ ފުވަމުލަކު ދަނބު ލަކުޑި ހޯދައިގެން ވަޑާންގެޔަކަށް ގޮސް އަންހެނުންގޭގައި އޮތް ޗޭނުކީހެއް ހިފައިގެން ގޮސް ބުރަފަތި ކުރަހާ ކަފާ ނިންމާލީ. އެގޮތަށް ބޮޑީއާ ފަހަރަކު ބައެއް ނިންމަމުން އޭގެ 80 ޕަސަންޓު ނިންމާފަ ދެން ބުރަފަތި ޓެސްޓު ކުރީ. އެކަން ކުރުމަށް މަސްދޯނީގައި ހުންނަ ޑީސަލް ފެން ޕަންޕުގެ އިންޖީނު އަޅާގައި ބުރަފަތި ޓެސްޓު ކުރުމަށް އެނބުރީ 800 އާރްޕީއެމް ބާރު މިނުގައި. ނަމަވެސް އުދުއްސަން އެބަ ބޭނުންވޭ 3200 ނުވަތަ 3600 އާރްޕީއެމްގެ ބާރު މިނުގައި ބުރަފަތި އަނބުރަން،"
އެހެންކަމުން އެކަށީގެންވާ ބާރު މިނަށް އާރްޕީއެމް ގެނެވޭނ ފްލައިޓުގެ އިންޖީނެއ އާސިފް ބޭނުންވި އެވެ. ނަމަވެސް ކޮންޑިޝަން ދަށް ބޭނުންކޮށްފައި ހުރި އިންޖީނެއް ގަތުމުގެ އަގުވެސް 200،000 އަށް ވުރެ މައްޗައް އަރާ ކަމަށް އާސިފް ބުންޏެވެ. އަދި ބޭނުންވާ ކޮންޑިޝަނަކަށް ގެނައުމަށް އިތުރު ހަރަދުތައް ކުރަން ޖެހޭތީ އާސިފް ނިންމީ ފްލައިޓު ހެދުމަށް ރާއްޖެއިން ލިބެން ހުރި ވަސީލަތްތައް ބޭނުން ކުރުމަށެވެ.
އާސިފް ބުނި ގޮތުގައި ފްލައިޓު އުދުއްސަން ބޭނުން ވާނީ އެކަށީގެންވާ ސްޕީޑެއްގައި ބުރަފަތި އެނބުރުމާ އެތީގެ ބަރުދަނާ ބުރަފަތީގެ ޕިޗް އެނބުރިފައި އިންނަ މިންގަނޑާ ބުރަފަތި ސައިޒުނެވެ. އެގޮތަށް އިންޖީނެއް ހޯދަން ކުރި މަސައްކަތުން ފުލުހުން ނީލަން ކިޔާފައި އޮތް 150 ސީސީ ސައިކަލެއްގެ އިންޖީނު އަޅައިގެން ޓެސްޓު ކުރި އެވެ. ނަމަވެސް އެންމެ މައްޗައް އެރީ 1377 އާރްޕީއެމްއަށެވެ.
"އެހާ ބާރު މިނަށް އަރުވާލަން ފްލައިޓު ސްޓާޓް ކުރީ މުޅި އެތި ވާޖަހާ ހައްޔަރުކޮށްފައި. 800 އާރްޕީއެމްއިން މައްޗައް ނަގާއިރު އޮތް ތަނުގައި އޮވެފައި ފްލައިޓު ދުއްވާގަނޭ. ދެން އަޅުގަނޑުމެން މުޅި އެތި ފަހަތައް ޖައްސާފަ 1000 އާރްޕީއެމްއަށް ނެގީމަ ވެސް ދެ މީހުންނަށް އޭތި ކިރިޔާ ހިފަހައްޓާލެވެނީ. ދެން ކޮންމެއަކަސް އޭތި ބަނދެފައި 1377 އާރްޕީއެމްއަށް ހިންގީ. ނަމަވެސް އެއީ އެރުވެން އޮތް އެންމެބޮޑު މިންވަރު އެއީ 150 އެއް އިންޖީނަކުން ބުރަފަތި އަނބުރާލެވޭ ބާރުމިން. އެއީ 48 އިންޗިގެ ބުރަފައްޗެއް. ދެން ދިރާސާ ކުރުމަށް ފަހު ނިންމީ ބެންޑިތު 250 ސީސީގެ ސައިކަލަކުން ފްލައިޓު އުދުއްސަން ބޭނުންވާ ހޯސްޕަވަރު ލިބޭނެ ކަމަށް. އެ އިންޖީނުގެ އާރްޕީއެމްއަކީ 7500،"
ބެންޑިތު އިންޖީނެއް ހޯދުމަށް ކުރި މަސައްކަތައް ކުރިއެރުމެއް ނުލިބި ހުއްޓާ އާސިފްގެ މަސައްކަތުގެ ހަބަރު ލިބިގެން ރައްޔިތުން މަޖިލީހުގެ ފުވަމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އާސިފަށް ގުޅުއްވާ ބައްދަލު ކުރުމަށް ވިދާޅުވި އެވެ. އަދި ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލެއްގެ ޓީމެއް އެ ފްލައިޓު ބަލައި އެބޭފުޅުންގެ ހުރި މައުލޫމާތު ހިއްސާކޮށް އެހީތެރިވެދިނުމަށް ބޭނުންވާ ކަމަށް ފަޒާދު ވިދާޅުވި އެވެ. އަދި ފްލައިޓު ހަދާ ގަރާޖަށް އެ ބޭފުޅުން ގެނެސް މައުލޫމާތުތައް ބަދަލު ކުރި އެވެ. އެހާ ހިސާބުން އިންޓަނެޝަލް ސްކޫލުގެ އޯނަރު އައްޑޫ ފްލައިން ސްކޫލުގެ އޯނަރާ ގުޅުއްވާ އާސިފްގެ މަސައްކަތުގެ ވާހަކަ ހިއްސާކުރި އެވެ. އަދި އިންޓަނޭޝަނަލް ސްކޫލުގެ އޯނަރު ބޭނުންވީ ފްލައިޓުގެ މަސައްކަތް ހުއްޓިފައި އޮތް ހިސާބުން ފެށުމަށެވެ. އެހެންކަމުން އެއަށް ބޭނުންވާ ބެންޑިތު އިންޖީނު އާސިފްއަށް ހޯދައިދިނެވެ. އަދި އައްޑޫ ފްލައިން ސްކޫލުގެ އޯނަރު ވެސް ރާއްޖެ ވަޑައިގެން އާސިފްގެ މަސައްކަތް ބެލުމަށް ފަހު ޓެކްނިކަލް ހުރިހާ އެހީއެއް ދެއްވާނެ ކަމަށާއި ފްލައިޓު އުދުއްސާ އިރު އެހީވެ ތިބޭނެ ކަމުގެ ޔަގީންކަން ދިނެވެ.
"މިހާރު އިންޖީނު ލިބިއްޖެ. އެ އިންޖީނު އަޅުގަނޑުމެން ބޭނުންވާ ކޮންޑިޝަނަށް ސާވިސް ކުރުމުގެ މަސައްކަތް ހޯދާފަ އޭތި ބޭނުންވާ ފެންވަރަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން މިދަނީ. އިރާދަ ކުރެއްވީއާ ދެ ދުވަހެއް ތެރޭގައި އިންޖީނުގެ މަސައްކަތް ކޮށްނިމޭނެ. ދެން އޮތީ މެއިން ވެންގު ހެދުމާ މައްޗައް އަރާފައި އެކި ގޮތްގޮތަށް ދުވުމަށް ބޭނުންވާ ފްލިޕްތައް އޭގެ އިތުރުން ބޮޑީ ޝީޓުގެ މަސައްކަތް ކުރުން،" އާސިފް ބުންޏެވެ. "އަޅުގަނޑުގެ އަބަދުވެސް ނިންމުމަކީ ދިމާލަށް އަންނަ ކަމަކީ ކުރެވޭ ވަރުގެ ކަމެއްކަން ސާބިތު ކޮށްދޭނެކަން. އަޅުގަނޑަށް 100 ޕަސަންޓު ގެރެންޓީ އެބައޮތް މިކަން ވެސް ކާމިޔާބު ވާނެ ކަން،"
މުޅި ފްލައިޓުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާ ކުރަނީ އަންނަ މަހުގެ 20 ގައެވެ. އަދި ޓެސްޓު ކުރުމަށް އޭވިއޭޝަންގެ ހުއްދަ ނެގުމަށް ފަހު މުޅިން ހިލޭ ދުއްވާނެ ޕައިލެޓެއް ވެސް އެކަން ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އާސިފް ބުންޏެވެ. އާސިފްގެ މި މަސައްކަތް ބަލައިގަނެ ޕްރޮފެސާ ހަސަން އުގައިލް ވެސް އޭނާގެ މަސައްކަތް ބަލައިގަނެ މަޝްވަރާ ކުރުމަށް ވަނީ އެދިފައެވެ.
އާސިފް ބުނިގޮތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަދާ މި ފްލައިޓު ބަހައްޓާނީ މީހުންނަށް ދައްކާލާ ފިޒިކްސް ފަދަ މާއްދާތައް ކިޔަވާ ކުދިންނަށް އެ މައުލޫމާތު ލިބޭނެ ގޮތަށް ކަމަށެވެ. ނަމަވެސް އެ މަސައްކަތައް ފަހު ދުރު ވިސްނުމަކީ ބޮޑު ޓީމަކާއި ގިނަ ވަސީލަތްތައް ހޯދާ މޯލްޑިވިއަންގެ ފްލައިޓެއް ގޮތަށް ދެ ފިޔަގަނޑުގަ ދެ އިންޖީނު އަޅާފަ ހަ މީހުންގެ ޖާގައިގެ ފްލައިޓެއް ހެދުމުގެ މަސައްކަތް ފެށުން ކަމަށް ވެސް އާސިފް ބުންޏެވެ.