- ތަމްރީނެއް ނެތި ފީނާ ދިވެހިން ވަނީ އިތުރުވެފައި
- ކޮމާޝަލް ޑައިވިންއާ ބެހޭ ގަވާއިދެއް ހެދިފައެއް ނެތް
- މައްސަލައިގައި ވިޔަފާރިވެރިންގެ ޒިންމާވެސް ބޮޑު
މުޅި ދުނިިޔޭން ކަނޑުއަޑީގެ ރީތި ކަމަށް އެންމެ މައްޝޫރު އެއް ގައުމަކީ ރާއްޖެ އެވެ. މުޅި ރާއްޖޭގެ 97 ޕަސަންޓު ކަނޑު ހިއްސާކުރާއިރު އެ ކަނޑުގައި ފީނާލައި ރީތިކަން ބަލާލުމަށް ކޮންމެ އަހަރަކު އެތަށް މިލިއަން ފަތުރުވެރިން ރާއްޖެ އާދެ އެވެ. ކޮންމެ ވަގުތެއްގައި ވެސް އެތަށްހާސް ފަތުރުވެރިންތަކެއް ރާއްޖޭގެ ކޮންމެވެސް ހިސާބެއްގެ މޫދުގައި އެއްވަގުތެއްގައި ތިބެ އެވެ.
ރާއްޖެ މަޝްހޫރުވެގެން ދަނީ ހަމައެކަނި ކަނޑުގެ ރީތި ކަމަށާއި އެންމެ ރީތި ޑައިވް ޑެސްޓިނޭޝަނެއްގެ ގޮތުގައި އެކަންޔެއް ވެސް ނޫނެވެ. ބައިނަލްއަގުވާމީ ތަފާސްހިސާބުތަކުން ރާއްޖެ މަޝްހޫރުވެފައި ވަނީ، ޓޫރިސްޓުން ޑައިވް ކުރުމަށް އެންމެ ރައްކާތެރި މަންޒިލުގެ ގޮތުގަ އެވެ. މިއީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް އޮންނަ ވަރަށް ބޮޑު އިތުބާރެކެވެ. އަދި ރާއްޖެއަށް ލިބިފައިވާ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ބައިނަލްއަގުވާމީ ހިސާބުތަކުން ޑައިވް ކުރުމުގައި އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ރާއްޖެ އޮތް ނަމަވެސް ރާއްޖޭގައި ހިނގާފައިވާ ހިތާމަވެރި ހާދިސާތަކަށް ބަލާއިރު ރައްކާތެރިކަމުން ހިތްހަމަ ޖައްސާލައިގެން ތިބެވޭ ވަރެއް ނޫނެވެ. ކޮންމެ އަހަރަކުވެސް ޑައިވިންއަށް ގޮސް ގެއްލޭ މީހުންނާއި، ޑީކޮމްޕްރެސް ވެގެން، ނުކުޅެދޭ މީހަކަށްވެ މުޅި ހަޔާތް ގޮނޑިއެއްގައި އިންނަން ޖެހޭ ހާލަތައް ގޮސްފައިވާ މީހުންގެ އަދަދު އަންނަނީ ވަރަށް ބާރަށް އިތުރުވަމުންނެވެ. މި މަސް ތެރޭގައި ވެސް ވަނީ އޭގެ ހިތާމަވެރި ބޮޑު ދެ ހާދިސާއެއް ހިނގާފަ އެވެ. އެއީ ސަފާރީއަކުން ޑައިވް ކުރަން ފޭބި ފަތުރުވެރިއެއް މަރުވުމާއި ހުއިފިލަނޑާ ނަގަން ފަޅަކަށް ފޭބި، އުމުރުން އެންމެ 23 އަހަރުގެ ޅައިމަގު އަހުމަދު ޖައިލަމް ވީނުވީއެއް ނޭނގި ގެއްލުމެވެ. -- ކޯސްޓް ގާޑުން މިހާރު ވަނީ ޖައިލަމްގެ ފުރާނަ ހުއްޓާ ފެންނާނެ ކަމުގެ އުންމީދު ކަނޑާލާފަ އެވެ. އަދި އޮޕަރޭޝަންތައް ވެސް ވަނީ ހުއްޓާލާފަ އެވެ.
ކޮންމެއަކަސް ޑައިވިންއަށް ދާ މީހުން ގެއްލިގެން ހޯދުމަށް ކޯސްޓްގާޑުން ފުރާނައަށް ލައިގެން މުޅި ކަނޑު އަތްފުނާ އަޅަމުން ދާއިރު އެ ފަދަ ހާދިސާތައް ގިނަވުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ކޮންބައެއް ހެއްޔެވެ؟ އަދި ސަރުކާރުގެ ތެރެއިން މި މައްސަލައަށް ހައްލު ކުރުމަށް އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިބާ އެވެ؟
ކުރިން ބުނިހެން، ރާއްޖެ މަޝްހޫރުވެފައި ވަނީ ރެކްރިއޭޝަނަލް ޑައިވް ނުވަތަ ޓޫރިސްޓު ގޮވައިގެން ޑައިވް ކުރަން ދާދިޔުމުގެ އެންމެ ރައްކާތެރި މަންޒިލެއްގެ ގޮތުގަ އެވެ. އެގޮތުން ރިސޯޓުތަކާއި ގެސްޓް ހައުސްތައް މެދުވެރިވެގެން ޑައިވް ކުރަން ދާ މީހުންގެ ތެރެއިން ހާދިސާއެއް ދިމާވާ މިންވަރު ނިސްބަތުން އަދި މަދެވެ. އެހެން ދިމާވަނީ، ޓޫރިސްޓުންނަށް ދޭ ޑައިވިންގެ ހިދުމަތުގައި ގަވާއިދުތަކާއި އުސޫލުތަކަށް ތަބާވެގެން އެ ހިދުމަތް ދޭތީ ކަމަށް ވުން ކައިރި އެވެ. އެހެން ވީމާ، މައްސަލައަކީ ރެކްރިއޭޝަނަލް ޑައިވަރުންނެއް ނޫނެވެ. މައްސަލަ ދިމާވަނީ، ވިޔަފާރީގެ ބޭނުމަށް، މިސާލަކަށް އިހިނެގުމާއި ހުއިިފިލަނޑާ އަދި އެންނެގުމަށް ފީނާ ފަރާތްތަކުން ސަލާމަތީ ގޮތުން އެކަށީގެންވާ ފިޔަވަޅު ނާޅައި އެކަމުގެ މައުލޫމާތު ވެސް ރަނގަޅަށް ނޭނގި ފުން ސަރަހައްދުތަކަށް ފީނުމެވެ. މީގެ ސަބަބުން ނުރައްކާތެރި ހާދިސާތަކަށް އަބަދުހެންމެ މި އޮންނަނީ ހުށަހެޅިފަ އެވެ.
"އާންމުކޮށް ރާއްޖޭގައި މަރުވެ ނުވަތަ ޑީކޮމްޕެރެޝަން ޖެހިފައި ތިބީ މަހަށް އެން ނަގަންދާ ޒުވާން ކުދިނާއި ހުއިފިލަނޑާ ނަގަންދާ ކުދިން. އޭގެ ތެރެއިން ގިނައީ އެއްވެސް ކަހަލަ ތަމްރީނެއް ނުހަދާ ހުރި މީހުން އަނެކަކު އަންގައި ބުނެ ކިޔާލައިގެން ދާ މީހުން. އެހެންވެ ރާއްޖޭގައި ޑައިވް ކުރަން ނިކުންނަ ދިވެހިންނަށް ދިމާވެފައިވާ ހިތާމަވެރި ހާދިސާތަކުގެ އަދަދު ވަރަށް ގިނަ. ރ. އަތޮޅުގައި ވެސް އެއް ރަށެއްގައި ހުންނާނެ 12 އަށް ވުރެ ގިނަ ޒުވާން ފިރިހެން ކުދިން. އެންްމެނަކީވެސް ޕެރެލައިޒްވެ ނުވަތަ އެނދުމަތީ އުމުރަށް އޮންނަން ޖެހިފައި ތިބި މީހުން. އެންމެ ކުޑަ މިސްޓޭކަކުން މުޅި ހަޔާތް އެ ނިމުނީ،" ދުނިޔޭގެ 55 ޕަސަންޓް މީހުން ޑައިވް ތަމްރީން ހޯދަމުން އަންނަ ޕްރޮފެޝިނަލް އެސޯސިއޭޝަން އޮފް ޑައިވިން އިންސްޓްރަކްޓާ (ޕެޑީ)ގެ ކޯސް ޑައިރެކްޓާއެއް އަދި ވިލާގެ ޑައިވިން ސެންޓަރުގެ އެގްޒެކެޓިން ޑައިރެކްޓާ ހުސެން ރަޝީދު (ސެންޑި) ވިދާޅުވި އެވެ.
ވިޔަފާރީގެ ބޭނުންތަކަށް ފީނާ މީހުންނަށް ދިމާވާ ހާދިސާތައް ނިސްބަތުން ގިނަ ވުމުގެ އެއް ސަބަބަކީ ކޮމާޝަލް ބޭނުންތަކަށް ޑައިވް ކުރާ މީހުން އަމަލު ކުރަން ޖެހޭ އެއްވެސް ގަވައިދެއް ނެތުމެވެ. ޓޫރިސްޓުން ގޮވައިގެން ޑައިވް ކުރުމާ ގުޅޭ ގޮތުން ހަރުދަނާ ގަވާއިދެއް ޓޫރިޒަމް މިނިސްޓްރީ އިން އޮތީ އެކުލަވާލައިފަ އެވެ. ގިނަ ތަންތަނުން އެ ގަވާއިދަށް އަކުރުން އަކުރަށް އަމަލުވެސް ކުރެ އެވެ. އެހެން ނަމަވެސް، ވިޔަފާރީގެ ބޭނުމަށް ފީނާ މީހުންގެ ކަންކަން މި އޮތީ ހަމައެއް ލަމައެއް ނެތި ދޫކޮށްލައިފަ އެވެ.
"ރެކްރިއޭޝަނަލް ޑައިވްގެ އެންމެ ފުންމިނަކަށް މި އިންނަނީ 40 މީޓަރަށް ޑައިވް ކުރުން. ނަމަވެސް ކޮމާޝަލް މަސައްކަތްތަކަށް ދާ މީހުން ޖެހި ޖެހިގެން ތިން ޑައިވް އެބަ ކުރޭ 50 މީޓަރަށް ނުވަތަ އެއަށް ވުރެ ގިނައިން. މިއީ ވަރަށް ނުރައްކާތެރިކަމެއް. މިއީ އެއްވެސް އެއްޗެއް ނުކިޔަވާ ކުރެވޭނެ ކަމެއް ނޫން. ވަރަށް ހަރުކަށި ސަލާމަތީ ފިޔަވަޅުތަކެއް މިކަން ކުރުމުގައި ހިމެނޭ. ވަކި ފުންމިނަކަށް ގޮއްސައި ވަކި ވަގުތަކަށް ނާރައިފި ނަމަ މީހާއަށް ގެއްލުންވޭ. ނަމަވެސް ބައެއް މީހުން 60 އިން 70 މީޓަރު އަޑިއަށް ކޮންމެ ދުވަހު ޑައިވް ކުރަނީ،" ސެންޑި ވިދާޅުވި އެވެ.
ކޯސްޓް ގާޑުން ބުނެފައިވާ ގޮތުގައި، މިފަހުން ފީނަނިކޮށް ގެއްލުނު، ޖައިލަމް ގެއްލުމުގެ ކުރިން އޭނާ ވަނީ އެއް ދުވަސް ތެރޭގައި 45 މިނެޓުގެ ތިން ޑައިވްކޮށްފަ އެވެ. ނަމަވެސް ސެންޑި ވިދާޅުވި ގޮތުގައި 30 މީޓަރު އަޑިއަށް ފީނައިފި ނަމަ އެންމެ ގިނަ ވެގެން އަޑީގައި ހުރުން ރަނގަޅީ 30 މިނެޓް އެވެ. އެއަށް ވުރެ ގިނަ އިރު ވެއްޖެ ނަމަ މީހާ އެތެރެ ކުރާ ނައިޓްރޮޖަންގެ މިންވަރު ގިނަވެ ލޭގެ ތެރޭގައި ވައިގެ ބޮކިތައް އުފެދެން ފަށާނެ އެވެ. އެހާ ހިސާބުން އޭނާގެ ސިކުންޑިއަށާއި ހިތަށް ލޭ ފޮނުވައިދޭ ނާރުތައް ބްލޮކްވެ މީހާގެ ފުރާނަ ނުރައްކަލަށް ހުށަހެޅެ އެވެ.
މިފަދަ ބޮޑެތި ހާދިސާތައް ހިނގުމުގެ ފަހަތުގައި އޮތީ މައިގަނޑު އެއް ސަބަބެކެވެ. އެއީ އެއްވެސް ތަމްރީނެއް ނުހަދާ ފީނަން ފައިބާ މީހުންގެ އަދަދު ގިނަވުމެވެ. ފީނަން ފައިބާ އިރު ތަމްރީނެއްގެ މުހިންމުކަން އެއްވެސް ވަރަކަށް ނޭންގި ނޭވާ ލާން ފަތަން އިނގުމުން ފުންމާލަނީ އެވެ. ނަމަވެސް އަޑީގައި އަމަލު ކުރަން ޖެހޭ ކަންކަމާއި އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅެއް ނޭނގި ފީނުމުގެ ނަތީޖާ ވަރަށް ވެސް ހިއްޗެވެ.
"މަތިންދާ ބޯޓަކަށް އަރައިގެން އެ ބޯޓު ދުއްވަންޏާ ކިތަންމެ ކުޑަ ބޯޓެއްވިޔަސް ލައިސެންސްއެއް އޮންނަން ޖެހޭ. ސައިކަލެއް ދުއްވަންޏާ ވެސް ލައިސެންސްއެއް އޮންނަން ޖެހޭ. މި ލައިސެންސްތައް ލިބެނީ ކޮންމެވެސް ވަރަކަށް ތިއަރީ ބައި އެނގިގެން. އެއީ ތިއަރީއަކީ ސޭފްޓީ ރޫލްސް. ޑައިވިންގަވެސް ސޭފްޓީ ރޫލްސް ނޭންގި ޑައިވް ކުރަން ދިޔުން ބިރުވެރިވާނެ. ފުޅިއަޅާފަ ނޭވާ ލާން އެކަނި އެނގިގެން މިކަމެއް ނުވާނެ. ފީނަން ދާ މީހުންނަށް ނޮލެޖް އެންޑް ސްކިލްސް ބޭނުންވާނެ،" ޑައިވަރުންނަށް އިންސްޓްރަކްޓަރުން ތަމްރީން ކޮށްދިނުމުގައި 30 އަހަރުގެ ތަޖުރިބާ ހޯދާފައިވާ ސެންޑި ވިދާޅުވި އެވެ.
ރާއްޖޭގައި އެތަށް ބައިވަރު ޑައިވް ކުރާ އިންޓަނޭޝަނަލް ފެންވަރުގެ ޓްރެއިނިން އެޖަންސީތައް ހުރި އިރު އޭގެ ތެރެއިން 98 ޕަސަންޓު ޑައިވް ސެންޓަރުތަކަކީ ޕެޑީ ރެޖިސްޓާޑް ޑައިވް ސެންޓަރުތަކެވެ. އެހެންކަމުން އެ ސެންޓަރުތަކުގެ ގާބިލް ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ނަަމަވެސް ފީނަން ޝައުގުވެރިކަން ހުންނަ ނަމަ މީހެއްގެ ހަޔާތް ބޭކާރުވާ ފަދަ އަނިޔާއެއް ލިބުމުގެ ކުރިން އެފަދަ ސެންޓަރުތަކުން ތަމްރީން ހޯދުމުގެ ވިސްނުން ދިވެހި މަސްވެރިންނާއި ފީނަށް ދާ ޒުވާނުން ނުގެންގުޅެންވީ އެއްވެސް ސަބަބެއް ނެތެވެ.
ކޮންމެއަކަސް ހަމައެކަނި ޑައިވް ސެންޓަރުތައް ހުރެގެން މި މައްސަލައަށް ބޭނުންވާ އެކަށީގެންވާ ހައްލެއް ނުލިބެ އެވެ. ފީނަން ދާ އެތަށް ބައެއްގެ ފުރާނަ ގެއްލިގެން ދާއިރު އެކަމަށް ޒިންމާވާން ޖެހޭ ބައެއް ވެސް އެބަތިއްބެވެ. ފުރަތަމަ ކަމަކަށް ކޮމާޝަލް ނުވަތަ ވިޔަފާރީގެ ބޭނުމަށް ފައިސާ ދިނުމަށް ފަހު ޑައިވްތަކަށް ފޮނުވާ ވިޔަފާރިވެރިން އެ ޒިންމާ ނަގަން ޖެހޭ ލިސްޓުގެ ކުރީގައި ހިމެނެ އެވެ. ހުއިފިލަނޑާ ނެގުމަށް ނުވަތަ އެހެނިހެން މަސައްކަތަކަށް ވެސް ފޮނުވުމުގެ ކުރިން އެމީހަކީ އެކަށީގެންވާ ތަމްރީނެއް ހާސިލްކޮށްފައިވާ މީހެއްތޯ ބެލުމަކީ ވިޔަފާރިވެރިޔާގެ ޒިންމާ އެކެވެ.
މީގެ އިތުރަށް ސަރުކާރުގެ ޒިންމާވެސް އެހާމެ ބޮޑެވެ. އެގޮތުން ކޮމާޝަލް ޑައިވް ރެގިއުލޭޝަނެއް އެކުލަވާލާ ފީނަން ދާ މީހުންނަށް ރައްކާތެރި ފިޔަވަޅުތަކެއް އެޅުމަށް މި އޮތީ މަޖުބޫރުވެފަ އެވެ. އޭގެ އިތުރުން ބައެއް ގައުމުތަކުގައި ހުންނަ ފަދައިން މޫދާ ގުޅޭ ހުރިހާ ކަންކަން ބަލައި ރެގިއުލޭޓް ކުރާނެ އެއް މުއައްސަސާއެއް އުފައްދަން ވެސް މި އޮތީ ޖެހިފަ އެވެ. ދެން ސުވާލަކީ އެފަދަ މުއައްސަސާއަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ މިކަމުގެ ސަބަބުން، ޑައިވް ސެންޓަރުތަކާއި ޑައިވް ކުރުމަށް ހަދަން ޖެހޭ އެންމެހާ ގަވާއިދުތައް އެކުލަވާލައި އެކަންކަން ތަންފީޒުވާ މިންވަރު ބަލާނެ ޒިންމާދާރު ފަރާތެއް އޭރުން އޮންނާނެ އެވެ. އޭގެ ސަބަބުން ޑައިވް ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ސަލާމަތީ ކަންކަމަށް މީހުން ހޭލުންތެރިކުރުވައި މުޖުތަމައު ހޭލެއްވޭނެ އެވެ.