ބަންގުލަދޭޝް ގައި މިހާރު ކުރިއަށްދާ ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތުގެ ސެމީ ފައިނަލު ފުރުސަތު ޔަގީން ވެފައި އޮތް ނަމަވެސް، އެއް ވަނައިގައި އޮވެ ގުރޫޕް ސްޓޭޖު ނިންމާލަން ބޭނުންވާތީ، މިއަދު ދެކުނު ކޮރެއާގެ ޕޮޗެއޮން ސިޓެޒެން އެފްސީ އާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަ ކޮށް ނުލާނެ ކަމަށް، ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނެފި އެވެ.
މިހާރުވެސް، ޓީސީ އެއް ވަނައިގައި އޮތީ ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު އެވެ. ދެ ވަނާގައި ޕޮޗެއޮން އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި ބަނގުލަދޭޝް އަބްހަނީ ލިމިޓެޑް އޮތީ އެއް ޕޮއިންޓާ އެކު އެވެ.
މި ގުރޫޕުން ސެމީގެ ދެ ވަނަ ޖާގަ، ހޯދުމުގެ ފުރުސަތު ޕޮޗެއޮން އަށާއި އަބްހާނީ އަށް ވެސް އެބަ އޮތެވެ. ނަމަވެސް އަބްހާނީ އަށް އޮތީ ހަނި ފުރުސަތެކެވެ. އެ ޓީމަށް ސެމީ އަށް ދެވޭނީ، މިއަދު ކިރިގިސްތާންގެ އަލްގާ އެފްސީ އާ ދެކޮޅަށް ކުޅޭ މެޗުން ހަތަރު ލަނޑުގެ ތަފާތުން މޮޅުވެ، ޓީސީ އަތުން ޕޮޗެއޮން ބަލިވުމުންނެވެ.
މިއަދުގެ މެޗަށް ނިކުންނައިރު ޓީސީ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ، ކެޕްޓަން އަލީ ނާފިއު (ކަޅޭ) އާއި ޑިފެންޑަރު އިންޝާދު އަށް އަނިޔާ ވެފައި ވުމެވެ. ނިޒާމް ވަނީ އެ ދެކުޅުންތެރިންނަށް އަނިޔާ ވުމުން މިއަދުގެ ފުރަތަމަ 11 އަށް ބަދަލު ގެންނަން ނިންމާފަ އެވެ.
ނަމަވެސް، ޓީސީގެ ކޯޗް މުހައްމަދު ނިޒާމު ބުނީ ފުރަތަމަ އެގާރަ އަށް ގެންނަ ބަދަލަ ކުން، ޓީމުގެ ފެންވަރަށް ބަދަލެއް ނާންނަނެ ކަަމަށާއި ޕޮޗެއޮންއާ ދެކޮޅަށް ވެސް ރަނގަޅު ފައިޓެއް ދެވޭނެ ކަމަށެވެ.
"ސެމީ ޔަގީން ވެފައި އޮތް ނަމަވެސް، ޓީސީ އަމާޒަކީ، ގުރޫޕްގެ އެއް ވަަނައިގައި ސެމީގައި ވަދަ ކުރުން، އެހެންވެ މިއަދުގެ މެޗު ފަސޭހަ ކޮށް ނުލެވޭނެ،" ނިޒާމް ބުންޏެވެ.
މިއަދު ޓީސީގެ ފުރަތަމަ 11 ގައި ޝަމްވީލް ގާސިމް (ބޮންޑާ) އާއި އަބްދުﷲ އައްޒާމް އާއި އަހްމަދު އައިހަމް އަށް ފުރުސަތު ދިނުމަށް ނިޒާމް ވަނީ ނިންމާފަ އެވެ. ކަޅޭ އަށް މެޗުގައި ނުކުޅެވޭތީ، މިއަދު ޓީސީގެ ކެޕްޓަން ކަން ކުރާނީ ވައިސް ކެޕްޓަން އަހްމަދު ފައްރާހް އެވެ.