އަގު ބޮޑު އަދި ނަން މަޝްހޫރު ކުޅުންތެރިން ހިމެނޭ ސްކޮޑާ އެކު ފުޓްބޯޅައިގައި ކާމިޔާބު ހޯދި ޒަމާން، މާޒިވެ ފަސްދީފި އެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ފުޓްބޯޅަ ސީޒަން ހިމެނޭ، ގައުމު ތަކުގެ ފުޓްބޯޅައިން އެކަނިވެސް އެކަން ސާބިތު ކޮށް ދެއެވެ. އެކަމުގެ ހެކި ހޯދަން، ސްޕެއިން އާއި އިނގިރޭސި ފުޓްބޯޅައިގެ ރެކޯޑް ތަކުގެ ސޮފްހާތައް ހާވާކަށް ނުޖެހެ އެވެ. ޖަޒީރާ އެއް ހެން އޮތް މި ރާއްޖޭގެ ފުޓްބޯޅަ އިން ވެސް އެކަމުގެ ހެކި ތައް ފެންނާން އެބަ އޮތެވެ. މިދިޔަ އަހަރު ކުލަބު އީގަލްސް ގައުމީ މުބާރާތް ނެގި އިރު، އެ ޓީމުގައި އަގު ބޮޑު، މަޝްހޫރު ކުޅުންތެރިން ތަކެއް ނެތެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަންގެ ފުރަތަމަ މުބާރާތް މިއަދު ފަށާއިރު، އީގަލްސް އިން މި އަހަރުވެސް ދައްކަނީ އެ ވާހަކަ އެވެ. އެ ޓީމުގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) މި އަހަރުވެސް ހުރީ، އެކަން ސާބިތު ކޮށްދޭން ތައްޔާރަ ށެވެ.
"އަޅުގަނޑަށް މިވަގުތު ރަނގަޅީ ވެސް، (މާ މަތީ ރޭންކެއް) ގައި އީގަލްސް ނުބޭއްވީއްޔާ، ރޭޓް ކުރާއިރު އެހާ ބޮޑަށް މައްޗަށް ނުލިއްޔާ ރަނގަޅީ، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މާ އަގު ބޮޑު ނަން މަޝްހޫރު ކުޅުންތެރިން ތަކެއް ލައިގެން ކުރާ ކަމެއް ނޫން (މިއީކީ)، އީގަލްސް އިން އެކަން ސާބިތު ކޮށްދީފިން،"
"މިއަހަރުވެސް ސާބިތު ކޮށް ދޭނަން ބޮޑެތި ނަން މަޝްހޫރު ކުޅުންތެރިން ތިބެގެން ކުޅޭ އެއްޗެއް ނޫން ކަން ފުޓްބޯޅަ އަކީ، އެހެންވީމަ އެހިސާބުގައި ބާއްވާފައި އެއަށް ވުރެ މީހުން ހައިރާން ވާކަހަލަ ހިސާބަކަށް ގެންދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަނީ،" 11 އަހަރަށް ފަހު އަލުން ފަށާ މާލޭ ލީގްގެ ފުރަތަމަ މެޗުގައި މާދަމާ، މާޒިޔާ އާ ދެކޮޅަށް ކުޅޭ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސާންތީ ބުންޏެވެ.
ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީ، އެކުލުންތެރިންގެ ފެންވަރު ސާބިތު ކޮށްދޭކަށް، ސާންތީ ވަރުގެ ދެ ވަނަ މާސްޓާ މައިންޑެއް މިހާރު ދިވެހި ފުޓްބޯޅަ އަކުން ނުފެންނާނެ އެވެ. މިއަދު މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުގައިވެސް، ފުރަތަމަ ޑިވިޝަންގެ ވާދަ ވެރި މެޗަކަށް މުޅިން އާ ކުޅުންތެރިޔަކަށް ފުރުސަތު ދީ، ފެންވަރު ސާބިތު ކޮށްދޭން ސާންތީ ހުރީ ތައްޔާރު ވެގެންނެވެ.
އެއީ އެ ކުޅުންތެރިޔާގެ އުމުރުން ނުވަ އަހަރުން ފެށިގެން ސާންތީއާއެކު މަސައްކަތް ކުރި ކުޅުންތެރިޔެ ކެވެ. އުމުރުފާރާ ތަކުގެ ގައުމީ ޓީމުގައި ސާންތީގެ ކޯޗް ކަމުގެ ދަށުން ކުޅުނު ކުޅުންތެރިޔެކެވެ. މިޑްފީލްޑަރަކަށް ކުޅޭ އެ ކުޅުންތެރިޔާ މިސީޒަންގައި ތަފާތު ދައްކާނެ ކަމުގެ ޔަގީން ކަން ސާންތީ ދެެއެވެ.
މީގެ އިތުރުން، މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގައި ދ. ކުޑަހުވަދޫ ޓީމުން ފާހަގަ ކުރެވުނު ޖުމައިލް ޖަމީލް އާއި މިހާރުވެސް އީގަލ؛ްސްއާ ކުޅެމުންދާ އަހްމަދު ނުމާން (ހެލްމެޓް) ގެ ކޮއްކޮ ނާއިމްވެސް އީގަލްސް އިން ވަނި ގެނެސްފަ އެވެ. އެ ދެކުޅުންތެރިންނާ މެދުވެސް ސާންތީ އޮތީ ފޮނި އުންމީދެ ކެވެ. އެ ކުޅުންތެރިންނަކީ ފުޓްބޯޅައިގައި ވިދާލާނެ ކުޅުންތެރިންނަށް ވާނެ ކަމަށް ސާންތީގެ ބޮޑު އުންމިދެއް އެބައޮތެވެ.
ޒުވާން ޓީމަކާ އެކު، ސާންތީގެ އުންމީދު ތައް ހުރީ، އެ ކުޅުންތެރިންނަށް ގޮސް ވަދެވޭ ހިސާބެއްގައެވެ. އޭނާގެ އަމާޒަކީ މާލޭ ލީގް ގަދަ ހަތަރެއްގެ ތެރެއަށް އެތެރެ ވުމެވެ.
އީގަލްސްއާ މެދު މާޒިޔާގެ ކޯޗް ސްކޮލޮސްކީ އެންމެ ކަންބޮޑުވާ ކަމަކީ، އީގަލްސްގެ ޑިފެންސެވެ. މިދިޔަ އަހަރު އެންމެ މަދުން ގޯލް ވަތް ޓީމުގެ ޑިފެންސްގައިވެސް، ވަރުގަދަ ނަމެއް ނެތެވެ. ނަމަވެސް އީގަލްސް އިން ވަނީ އެ ޓީމުގެ ދިފާއު ވަރަށް ރަނގަޅަށް ފޫބައްދާފަ އެވެ.