ކުޅިވަރު

ރެޑިން އާއި ނިއުގެ ގުޅުން: ފުޓްބޯޅައަށް ބޮޑު ކުރިއެރުން!

Feb 24, 2017

ދުނިޔޭގެ އެންމެ ވަރުގަދަ ލީގް، އިނގިރޭސި ޕްރިމިއާ ލީގަށް ވާދަ ކުރަމުން އަންނަ، ރެޑިން އެފްސީއާއެކު ރާއްޖޭގެ ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބު ވީ އެއްބަސްވުމާއެކު، ނިއު އަށާއި ރާއްޖޭގެ ފުޓްބޯޅައަށް ކުރި އެރުން ލިބިގެން ދާނެ ކަމަށް ރެޑިން އާއި ނިއު އިން ބުނެފި އެވެ.

ރޭ ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ ނިއު އައި އިނގިރޭސި ޗެމްޕިއަންޝިޕްގެ ތާވަލުގެ ހަތަރު ވަނައިގައި އޮތް، ރެޑިންއާއެކު ފަހުމު ނާމާ ގައި ސޮއި ކޮށްފަ އެވެ. ޗެމްޕިއަންޝިޕަކީ ޕްރިމިއާ ލީގަށް ކޮލިފައި ވުމަށް ކުޅޭ ލީގެވެ.

މިއީ ރާއްޖޭގެ ކުލަބަކުން، މި ފެންވަރުގެ ކުލަބަކާއެކު އެއްބަސްވުން ގާއިމު ކުރި ފުރަތަމަ ފަހަރެވެ. މި ފަހުމު ނަމާގެ ދަށުން، ދެކުލަބުގެ ދެ މެދުގައި ޓެކްނިކަލް އެހީތެރިން ކަން ބަދަލު ކުރުން ހިމެނެ އެވެ.

މި ކޮންޓރެކްޓްގެ ދަށުން އެންމެ މުހިންމު ކަމަކަށް ހަަމަޖެހިފައި އޮތީ، މިހާރު ކުރިއަށްދާ އިނގިރޭސި ފުޓްބޯޅަ ސީޒަން ނިމި އަންނަ ސީޒަނަށް ތައްޔާރުވުމުގެ ކުރިން، ޕްރީ ސީޒަންގައި ރެޑިންގެ ޓީމު ރާއްޖެ އައިސް ގައުމީ ފުޓްބޯޅަ ދަނޑުގައި ނިއު އާ ދެކޮޅަށް މެޗެއް ކުޅުމުގެ ފުރުސަތު ތަނަވަސް ކުރުމެވެ.

ރެޑިންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ، އެކުލަބުގެ ހިއްސާ ދާރެއް ކަަމަށްވާ އަދި ބޯޑް އޮފް ޑައިރެކްޓާ ސުމްރިތު ތަނަކާން ޖަނަސުތު އެވެ. ނިއުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުލަބުގެ ޗެއާމަން މުހައްމަދު ޒިޔާދެވެ.

ޒިޔާދު ވިދާޅުވީ، ނިއު އަކީ މިޒަމާނުގެ ޕްރޮފެޝަނަލް ގިންތި އަށް ފެތޭ ކުލަބަކަށް ހެދުމަށް، ނިއުގެ ބޯޑުން ކުރަމުންދާ މަސައްކަތުގައި، ރެޑިންގެ އެކްސްޕާޓުންގެ އެހީތެރިކަން އެ ކުލަބުން ފޯރު ކޮށްދޭނެ ކަމަށެވެ.

އަދި ޓެކްނިކަލް ދާއިރާއިން ނިއުއަށް، ރެޑިން އިން ކޮންސަލްޓެންސީ ދޭނެ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

މީގެ އިތުރުން ނިއުގެ އަރަމުން އަންނަ ކުޅުންތެރިންނަށް ރެޑިންގެ އެކެޑެމީގައި ތަމްރީންތައް ފުރިހަމަ ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށްވެސް މި އެބަސްވުމުގެ ދަށުން މަސައްކަތް ކުރާނެ ކަަމަށް ޒިޔާދު ވިދާޅުވި އެވެ.