ކުޅިވަރު

ލީގްގެ ފުރަތަމަ މެޗުން އަސައްކޮ މަޒިޔާ މޮޅު ކޮށްދީފި

Feb 25, 2017

މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ގެނެވުނު ބޮޑު ބަދަލާ އެކު، 11 އަހަރު ފަހުން، އަލުން މާލޭ ލީގް ފަށައި، އީގަލްސްގެ ދެކޮޅަށް، މެޗުގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކޮށް، 1-0 ގެ ނަތީޖާއިން މާލޭ ލީގް ފުރަތަމަ މެޗުންވެސް، ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) މާޒިޔާ މޮޅު ކޮށްދީފި އެވެ.

ފުޓްބޯޅަ ސީޒަން ހުޅުވުމަށް، މި މަހު 16 ވަނަ ދުވަހު ކުޅުނު ޗެރިޓީ ޝިލްޑް މެޗުގައިވެސް، މާޒިޔާ މެޗުން މޮޅު ކޮށްދިން ލަނޑުވެސް ކާމިޔާބު ކުރީ އަސައްކޮ އެވެ.

މެޗުގެ 53 ވަނަ މިނެޓް ގައި އަސައްކޮ ލަނޑު ޖެހީ، އުމޭރު ދިން ޕާހަކުން ނެވެ. އީގަލްސްގެ ހާފުގެ ތެރެއިން އުމޭރު އަށް ލިބުނު ބޯޅަ އޭނާ ޕެނަލްޓީ އޭރިއާ އަށް ވަންނަން ދިޔައިރު، އަސައްކޮށްވެސް ޕެނަލްޓީ އޭރިއައާ އަރާ ހަމަ ކުރެ އެވެ. އުމޭރު އަސައްކޮ އަށް އެ ބޯޅަ ދިނީ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ އީގަލްސްގެ ޑިފެންޑަރު ކައިރިންވެސް ނައްޓާލުމަށް ފަހު އެވެ.

އަސައްކޮ އަށް އެ ބޯޅަ ޖަހަން ފުރުސަތު ލިބުނު އިރު، ގޯލައާ ދެމެދު ހުރަހަކަށް ހުރީ، އީގަލްސްގެ ކީޕަރު ޝްރީލަންކާގެ ސޫޖަން ޕެރޭރާ އެވެ. ނަމަވެސް އެ ބޯޅައިގައި ސޫޖަން އަށް ކުރެވޭނެ ކަމެއް ނެތެވެ. އަސައްކޮ ވަނީ އިތުބާރާއެކު ގޯލް ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.

މާޒިޔާ އިން ލީޑް ނެގި ނަމަވެސް، އީގަލްސް ކުޅުންތެރިން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ތަނަވަސް ކޮށްފަ އެވެ. މެޗުގައި ގޯލް ޖަހަން ލިބުނު ފުރަތަމަ ފުރުސަތު ވެސް ތަނަވަސްވީ އީގަލްސް އަށެވެ.

ފުރަތަމަ މިނެޓް ތެރޭގައި، އެޓީމުގެ ނެދަލޭންޑްސްގެ ފޯވަޑް ޑީކްމަން ޑޮނޯވަން އަށް ލިބުނު ފުރުސަތު، މާޒިޔާގެ ޕެނަލްޓީ އޭރިއާ ރޮނގުމަތިން އޭނާ ބޯޅަ ކޮންޓްރޯލް ކުރަން އުޅެނިކޮށް، އޭނާ އަތުން ބޯޅަ ގެއްލި، ބޯޅަ ލިބުނީ މަޒިޔާގެ ކީޕަރު ކިރިގިސްތާންގެ ޕަވެލް މެޓިއަޝް އަށެވެ. އޭނަ ވަނީ އެ ބޯޅަ ކުރިއަށް ފޮނުވާލާފަ އެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް މަސައްކަތް ކުރީ ޕާސިން ގޭމެއް ކުޅޭ ށެވެ. ފުރަތަމަ ހާފުގައި، ތަނަވަސް، މަދު ފުރުސަތު ތަކެއް މާޒިޔާ އަށް ލިބުނު ނަމަވެސް އެ ފުރުސަތު ތައް އެ ޓީމަށް ގޯލަކަށް ބަދަލު ކޮށްލެވިފަ އެއް ނުވެ އެވެ. ފުރަތަމަ ހާފުގައި އެޓީމުން އެންމެ ރަނގަޅު ފުރުސަތު ލިބުނީ ބިދޭސީ ފޯވަޑް އެލެކްސްސެންޑާ ރެކިކް އަށެވެ.

މެޗުގެ 22 ވަނަ މިނެޓްގައި އޭނާ އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. ނަމަވެސް އެ ބޯޅަ އޭނާ އަށް އެދެވޭ ގޮތަކަށް ބޭނުމެއް ނުކުރެވު ނެވެ.

އެއަށް ވުރެ ފަހި، ފުރުސަތެއް،، މެޗުގެ 38 ވަނަ މިނެޓްގައި އޭނާ އަށް ތަނަވަސް ކޮށްދިނީ، އުމޭރު އެވެ. އީގަލްސްގެ ހާފު ގެ މެދެއްހާ ހިސާބުން އުމޭރު އަށް ލިބުނު ބޯޅަ ރެކިކް އަށް ދިނުމުން، ބޯޅަ ހިފައިގެން އީގަލްސްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ އޭނަ ފޮނުވާލި ނަމަވެސް އެބޯޅަ ދިޔައީ، ގޯލް ދަނޑި ކައިން ބޭރަށެވެ.

ދެ ވަނަ ހަފުގައި، އެންމެ ރީތި ފުރުސަތު ތައް ލިބުނީ އީގަލްސް އަށެވެ. އެޓީމުގެ އަންސަރު އިބްރަހިމް (އަންކޮ) އަށް ވަނީ ފަހި ފުރުސަތެއް ލިބިގެން ގޮސްފަ އެވެ.

ފަންސާސް ދެ ވަނަ މިނެޓްގައި އަންކޮ އަށް ލިބުނު ބޯޅަ އިތުބާރާއެކު ފޮނުވަލަން އޭނާ އަށް ވަގުތު ކޮޅެއް ލިބުނެވެ. ނަމަވެސް އޭނަ ފޮނުވާލި ބޯޅަ ދިޔައީ، ގޯލް ދަނޑި ކައިރިން ކުޑަތަން ކޮޅެއް ބޭރަށެވެ.

އޭނަ އަށް ލިބުނު ފުރުސަތު ބޭނުން ކުރެވުނު ނަމަ މެޗުގެ ފުރަތަމަ ލީޑް ނެގުނީހީ އީގަލްސް އަށެވެ. އަސައްކޮ ލަނޑު ޖެހީ، އަންސަރު އަށް ލިބުނު ބޯޅަ ބޭނުން ނުކުރެވުމަށްފަހު، މާޒިޔާއިން ޖެހިގެން އުފެއްދި ހަމަލާގަ އެވެ.

ލަނޑަށް ފަހުވެސް، ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތް ކުރީ އީގަލްސް އެވެ.

މެޗުގެ 55 ވަނަ މިނެޓް ގައި، ޑޮނޯވަން އަށް ލިބުނު ބޯޅަ، ގޯލަށް އަމާޒުކޮށް ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލް ދަނޑިމަތިން ބޭރަށެވެ.

އެއަށްފަހު މެޗުގެ 68 ވަނަ މިނެޓްގައި، ކައުންޓަ އެޓޭކުގައި އީގަލްސްގެ ހާފުގެ ތެރެއިން އަސައްކޮ އަށް ލިބުނު ބޯޅަ، ހިފައިގެން، ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ، އީގަލްސްގެ ކީޕަރު ސޫޖަން ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ.

މެޗުގެ 90 މިނެޓްގައިވެސް ކައުންޓަ އެޓޭކުގައި އަސައްކޮ އަށް ބޯޅަ އެއް ލިބުނެވެ. އީގަލްސްގެ ޕެނަލްޓީ އޭރިއާ ރޮނގުމަތިން، އޭނާ ފޮނުވަލި ބޯޅަ ދިޔައީ ގޯލް ދަނޑި މަތިން ބޭރަށެވެ.

މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ދެ މިނެޓްގައި، މާޒިޔާގެ ކުޅުންތެރިންގެ މޫނު މަތިން، ފެނުނީ މޮޅުވެފައި އޮތް ނަމަވެސް ޕްރެޝަރުގެ އަސަރެވެ. ދެ މިނެޓް ކުޅުން ހަމަވުމުން، މާޒިޔާގެ ކޯޗް ސްކޮލަސްކީ ވަނީ، ރެފްރީ ތިން މިނެޓް ކުޅުވާ ކަމަށް ބުނެ، ޝަކުވާ ކޮށް ފަ އެވެ.

އެންމެ ފަހު މިނެޓްގައި އީގަލްސް އަށް ވަނީ ރަނުގެ ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. އެ ޓީމުން އުފެއްދި ހަމަލާ އެއްގައި، މަޒިޔާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމުގެ ކުޅުންތެރިޔަކު ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ މަތީ ދަނޑި އަށެވެ. ދަނޑީގައި ޖެހިފައި ރީބައުންސަށް ނިކުތް ބޯޅަ ފޮނުވާލަންވެސް އީގަލްސް ކުޅުންތެރިންނަށް ފުރުސަތު ލިބުނެވެ. ނަމަވެސް، ދެ ވަނަ ފަހަރަށް ފޮނުވާލުމުގެ ކުރިން މާޒިޔާގެ ކުޅުންތެރިން ވަނީ، އެ ބޯޅަ ދިފާއު ކޮށް ކުރިއަށް ފޮނުވާލާފަ އެވެ.