ކުޅިވަރު

ވިކްޓަރީގެ ކެޕްޓަނަކަށް މެސީ

Feb 24, 2017

މިއަހަރު ސީޒަންގައި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކެޕްޓަނަކަށް، އިސްމާއިލް އީސާ (މެސީ) ހަމަޖައްސައިފި އެވެ.

ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައި ވަނީ، މިދިޔަ އަހަރު ވަކި ހިސާބަކުން، ވިކްޓަރީއާ ގުޅުމަށް ފަހު، އެ ޓީމުގެ ކެޕްޓަން ކަން ކުރި، ރިލްވާން ވަހީދު (ރިލޭ) އާއި ހަސަން އަދުހަމް އެވެ. ކެޕްޓަނާއި ވައިސް ކެޕްޓަނުންނަށް، ރަމްޒީ ކެޕްޓަން ބޭންޑް ހަވަލު ކުރީ، ވިކްޓަރީގެ ހަޔާތުގައި ފެނުނު، އެންމެ ކާމިޔާބު ކޯޗް މައުރޫފް އަހްމަދު (މާއްޓޭ) އެވެ.

މިދިޔަ އަހަރު، މާޒިޔާގެ ވައިސް ކެޕްޓަންކަން ކުރި، އީސަ، އޭނަގެ ފުޓްބޯޅަ ކެރިއާ ފެށީ، މާއްޓޭގެ ކޯޗު ކަމުގެ ދަށުން ވިކްޓަރީ އިން ނެވެ. އޭނަ އަށް 'މެސީ' ގެ ނަމުން، ނަން ދިނީ ވެސް މާއްޓޭ އެވެ.

މާއްޓޭ އަކީ ވިކްޓަރީގެ އެންމެ ކާމިޔާބު ކޯޗުގެ އިތުރުން، އެ ޓީމުގެ އެންމެ ކަމިޔާބު ކެޕްޓަންވެސް މެއެވެ.

މިއަދަކީ މާއްޓޭގެ އުފަން ދުވަހެވެ. އެހެންވެ، އެ ރަސްމިއްޔަތުގައި ވަނީ މާއްޓޭގެ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކޭކެއް ފަޅާފައެވެ.

މާއްޓޭ ވަނީ، ބާސެލޯނާގެ ޔޯހާން ކްރައިފް އިންސްޓްޓިޔުޓުން، ސްޕޯޓްސް މެނޭޖްމެންޓްގެ އިތުރުން ސްޕޯޓްސް މާކެޓިން އިން މާސްޓާސް ހާސިލު ކޮށްފަ އެވެ.