ކުޅިވަރު

އެންމެ ބޮޑު ފުޓްސަލް މުބާރާތް ފަށައިފި، ބޮޑު ފޯރި އެއް

Feb 24, 2017

ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބަރާތް، 'އެޗްޑީސީ ޔޫތު ފުޓްސަލް ކަޕް' މިއަދު ހުޅުމާލޭގައި ފަށައިފި އެވެ.

ސަތޭކަ އަށް ޓީމާއެކު މުބާރާތް ފެށިއިރު، މުބާރާތުގެ ފޯރި އިތުރަށް ގަދަ ކުރުމުގެ ގޮތުން، މުބަރާތުގެ ފުރަތަމަ ބުރު ކުޅޭނީ، ނޮކައުޓު އުސޫލުން ނެވެ. ބަލިވާ ޓީމު މުބާރާތުން ކަޓާއިރު، މޮޅުވާ ޓީމު ދާނީ ގުރޫޕް ސްޓޭޖަށެވެ.

ދެހާހެއްހާ ކުޅުންތެރިންގެ ވާދަވެރިކަން ފެނިގެންދާއިރު މުބާރާތް ފޯރިގަދަވާ އެންމެ ބޮޑު އަނެއް ސަބަބުވެސް މިއޮތީ އެވެ. ރާއްޖޭގެ ފުޓްސަލްގެ ހުނަރުވެރިން އެއް ޕްލެޓްފޯމަކުން ފެނިގެންދާ މުބާރާތަކަށް، މި މުބާރާތް ވުމެވެ.

ގުރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ ރޭސް، ފޯރިގަދަ ވާއިރު، ގުރޫޕް ސްޓޭޖުގެ ރޭހުން ދެ ވަނަ ބުރަށް، ދަނީ ކޮންމެ ގުރޫޕަކުން ވެސް، ދެ ޓީމެވެ.

މުބާރާތުގެ ފޯރި ގަދަ ވެފައިވާ އަނެއް ސަބަބަކީ، މުބާރާތަށް އެޗްޑީސީ ހުށަހަޅާފައިވާ ފައިސާގެ އިނާމު ބޮޑު ކުރުމެވެ. މިހާރު މުބަރާތުގެ ފައިސާގެ ޖުމުލަ 140،000 ރުފިޔާ ދިނުމަށް އެޗްޑީސީ އިން ކަނޑައަޅާފަ އެވެ.

އެހެންވެ ފައިނަލާ ހިސާބަށް ދިއުމުގެ ދަތުރު ދެ ވަނަ ބުރުން ފެށޭއިރު، އެ މެޗުތައް މާ ފޯރި ގަދަ ވާނެ އެވެ. ފައިނަލަށް ދާ ދެ ޓީމަށް ޖުމުލަ 120000 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އެއީ ޗެމްޕިއަން ޓީމަށް، 80000 ރުފިޔާ އާއި ރަނަރަފް ޓީމަށް 40000 ރުފިޔާ އެވެ.

ހުޅުމާލޭ ފުޓްސަލް ދަނޑު ސަރަހައްދު ގައި ބޭއްވި ރަސްމިއްޔަތުގައި މުބަރާތް ހުޅުވައި ދެއްވީ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި އެޗްޑީސި މެނޭޖިން ޑިރެކްޓާ މުހައްމަދު ސައިމަން އެވެ.

ހުޅުވުމުގެ ރަސްމިއްޔާތުގައި ވަހަކަ ދައްކަވަމުން ސައިމަން ވިދާޅުވީ، މުބަރާތުގެ މަގުސަދަކީ ޒުވާނުން ބާރުވެރި ކުރުން ކަމަށާއި އަދި ކުޅިވަރުގެ ތެރެއިން ޒުވާން ޖީލަށް، އެކަކު އަނެކަކަށް އިހްތިރަމް ކުރުމަށާއި ހިޔުމަން ވެލިއުސްތައް ދެމެހެއްޓުމަށް އެހީތެރިވެ ދިނުން ކަމަށެވެ.

އަދި ކުށުގެ ވެށިން ދުރުވެފައިވާ ޑިސްޕލިން ބަޔަކަށް ޒުވާން އަބާދީ ހެދުން ވެސް މިއީ މުބާރާތުގެ އަމާޒެކެވެ. އެހެންވެ މުބާރާތުގެ ފެއާޕްލޭ ޓީމަށް ކަނޑައަޅާފައިވާ އިނާމު ފައިސާގެ އަގަކީވެސް، މިފަދަ އެހެން މުބާރާތްތަކުގެ ފެއާޕްލޭގެ އަގަށް ވުރެ ވުރެ ބޮޑު އަގެކެވެ. ފެއާޕްލޭ ޓީމަށް ކަނޑައަޅާފައި ވަނީ 20000 ރުފިޔާ އެވެ.

މި މުބާރާތުގެ އަނެއް މަގުސަދަކީ، ހުޅުމާލޭގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މެދުގައި ބަދަހި ކަން އުފެއްދުމެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން، މިއަދު ކުޅުނު މެޗުގައި ނައިވާދޫ ވެޓަރެންސްގެ މައްޗަށް 3-2 ގެ ނަތިޖާ އަކުން ކަމިޔަބު ހޯދައި، ގުރޫޕް ސްޓޭޖް ޔަގީން ކުރި ފުރަތަމަ ޓީމަކީ ވައިކިންގްސް އެވެ. މުބަރާތުގެ ފައިނަލު މެޗު އޮންނާނީ، އަންނަ މަހު 10 ވަނަ ދުވަހު އެވެ.