ފިނިޕޭޖް

ޕިއާނޯ ރައުންޑްގެ ޝޯތައް ނިމުމަކަށް، ގެޔަށް ދާން ޖެހޭނީ ކޮންބައެއް؟

މޯލްޑިވިއަން އައިޑޮލް ސީޒަން ދެއެއްގެ ޕިއާނޯ ރައުންޑުގައި ޖަޖުން އިމްޕްރެސް ކޮށްލެވުނީ މިިދިޔަ ހަފްތާގައި ލަވަ ކީ ބައިވެރިންނަށް އެކަންޏެއް ނޫނެވެ. ރޭގެ ޝޯގައި ލަވަ ކީ އަށް ބައިވެރިންވެސް ހުށަހަޅައިދިނީ ޖަޖު ކުރަން އުނދަގޫ ހުށަހެޅުންތަކެކެވެ.

ބައިވެރިން ހުށަހަޅައިދިން ހުރިހާ ލަވައެއްވެސް ޖަޖުން އުންމީދު ކުރި ހިސާބަށް ވާސިލްވި އެވެ. ހުރިހާ ލަވަޔަކަށްވެސް ޖަޖުން ދިން ކޮމެންޓްތަކުން ބައިވެރިންގެ ހިންހަމަ ޖެހުނެވެ. ނަމަވެސް ޓެކްނިކަލީ ރަނގަޅު ކުރަންޖެހޭ ކަންކަން ރޭވެސް ޖަޖުންވަނީ ބައިވެރިންނަށް ކިޔައިދީފަ އެވެ.

ރޭގެ ޝޯގައި ލަވަ ހުށަހަޅައިދިން އަށް ބައިވެރިންނަކީ އަހްމަދު ނަބީލް، ހަމޫދު އަހްމަދު، ހަސަން އިރުފާން، އަހްމަދު ފަރަޝް، އައިޝަތު ޖައިޝާ، އަހްމަދު މާއިޝް، އަބްދުﷲ ހިޝާން އަދި ހުސެން ސަމާހު އެވެ.

ރޭގެ ޝޯވެސް ފެށީ ގްރޫޕް ލަވަޔަކުންނެވެ. ސޯލޯ ޕާފޯމެންސް އެންމެ ފުރަތަމަ ހުށަހަޅައިދީފައިވަނީ ހަމޫދު އެވެ. ހަމޫދު ހުށަހަޅައިދިނީ "ވާލޯބި އެނގޭނަމަ" އެެވެ. އެ ލަވަޔަށްފަހު މާއިޝްގެ "ދޫ ބަންދުވާ ގޮތް" އިން ރަނގަޅަށްވެސް އެންމެންގެ ދޫވަނީ ބަންދުކޮށްލާފަ އެވެ. ނަބީލް ރޭ ހުށަހަޅައިދިނީ "ތިދޭ ހިތްވެސް" އެވެ. އެ ލަވައިން އޭނާ ވަނީ އެތައް ބައެއްގެ ހިތް އަތުލާ ލަވައިގައި ބުނާހެން ރައްކާކޮށްފަ އެވެ.

އިރުފާން ރޭ ހުށަހަޅައިދިނީ ޖަޖު އިސްމާއިލް އައްފާންގެ "އާދޭ" އެވެ. އިރުފާން އަށް ފަހު އޭނާގެ ރިކުއެސްޓަކަށް އައްފާންވަނީ އެ ލަވައިން ތަންކޮޅެއް ކިޔާލާފަ އެވެ. ހިޝާން ރޭގައި ހުށަހަޅައިދިނީ އަލީ ރަމީޒްގެ "މަރުވެދާނޭ މާދަމާ ގައިމޭ" އެވެ. ހިޝާންވަނީ އެ ލަވައިން އެތައް ނަސޭހަތެއްވެސް ދޫކޮށްލާފަ އެވެ.

ފަރާޝް ރޭގައި "ލޯބީގެ ދިރުމެއް ނެތީމާ" ހުށަހަޅައިދިން އިރު ސަމާހް ހުށަހަށައިދިނީ "އިންސާނާ" އެވެ. ރޭގެ ޝޯގައި ދެން ލަވަ ހުށަހަޅައިދިނީ ރޭގައި ހުށަހަޅައިދިން ހަމައެކަނި އަންހެން ބައިވެރިޔާ އައިޝަތު ޖައިޝާ އެވެ. ޖައިޝާ ހުށަހަޅައިދިނީ "ބޭނުންވާތީ" އެވެ.

މޯލްޑިވިއަން އައިޑޮލްގެ މި ސީޒަންގައި މިހާރު އަންހެން ބައިވެރިންނަށް ތިބީ ޖައިޝާ އަދި ޝަޒާ އަބްދުﷲ ރަޝީދު އެކަންޏެވެ. ޕިއާނޯ ރައުންޑުގެ ރޭގެ ޝޯއިންވެސް ޖަޖުންގެ މާކްސް އަދި ބެލުންތެރިންގެ އެސްއެމްއެސް އިން އެންމެ ދަށުން ލިބޭ ދެ ބައިވެރިން މުބާރާތާއި ވަކިވެ މި ސީޒަންގެ ޓޮޕް 12 ޔަގީންވެގެން ދާނެ އެވެ. ޓޮޕް 12 އިން ޖާގަ ކަށަވަރު ކޮށްފައި މިހާރު ތިބި ބައިވެރިންނަކީ މުހައްމަދު ރީހާން، އިބްރާހިމް ވަހީދު، ޝަޒާ އަބްދުﷲ ރަޝީދު، މުހައްމަދު ތަސްނީމް (ބޮބް)، މުހައްމަދު ހަމްދާން، އަދި ޝަމްވީލް މުހައްމަދު އެވެ.

ރޭގައި ލަވަ ހުށަހަޅައިދިން ބައިވެރިންގެ ޑުއެޓް ހުށަހެޅުންތަކެއް މިރޭގެ ޝޯއިން ފެނިގެންދާނެ އެވެ.