ރާއްޖެ ކުޅިވަރު

ބަދަލުތަކާއެކު މިއަހަރު ފެންނާނީ ވާދަވެރި ސީޒަނެއް!

Feb 25, 2017

ދިވެހި ފުޓްބޯޅައިގެ ލީގު އޮނިގަނޑަށް ގެނައި ބަދަލާއެކު، މި އަހަރުގެ ދިވެހި ފުޓްބޯޅައިގެ ސީޒަން އިތުރަށް ވާދަވެރިވާނެ އެވެ. މީގެ އެއް ސަބަބަކީ އަލުން މާލޭ ލީގު ތައާރަފްކޮށް، ދިވެހި ޕްރިމިއާ ލީގަށް މާލޭ ލީގުން ހަތަރު ޓީމު ކޮލިފައިވާ ގޮތަށް ހަމަޖެއްސުމެވެ.

ރާއްޖޭގެ އެންމެ ބޮޑު ލީގަށް ކޮލިފައިވުމަށް، މާލޭ ލީގުގައި ވާދަކުރާ އަށް ޓީމު ވެސް ވަނީ މިހާރު ތައްޔާރުވެފަ އެވެ. މި އަހަރުގެ ފުޓްބޯޅަ ސީޒަނަކީ ފަހުގެ ތާރީހެއްގައި ފެނިގެންްދާނެ އެންމެ ވާދަވެރި ސީޒަަނަށްވުމުގެ ފުރުސަތު ބޮޑެވެ. ހުރިހާ ކްލަބެއް ވެސް ވަނީ ސްކޮޑް ވަރުގަދަކޮށް، ބިދޭސީ ކުޅުންތެރިން ޓީމުގައި ހިމަނައިފަ އެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ސީޒަނަށް ކުރިމަތިލީ ބޮޑެތި ބަދަލުތަކާއެކު އެެވެ. މިދިޔަ ސީޒަނަށް ފަހު މާޒިޔާގެ ކޯޗުކަމުން އަލީ ސުޒޭން އިސްތިއުފާ ދިނުމުން، މާޒިޔާ އިން މި ސީޒަނަށް އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ މެސެޑޯނިއާގެ މަރުޖާން ސެކުލޮވްސްކީ އެވެ. މިއީ މާޒިޔާ އިން ބިދޭސީ ކޯޗެއް ހަމަޖެއްސި ފުރަތަމަ ފަހަރެވެ. މާޒިޔާ އިން ވަނީ މިދިޔަ ސީޒަންގައި އެ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިން ޓީމުގައި ހިފަހައްޓައިފަ އެވެ. އަހުމަދު ނާޝިދު (ނައްޓޭ) އާއި އިސްމާއީލް އީސާ (މެސީ) އަދި ގޯލްކީޕަރު އިމްރާން މުހައްމަދު އެ ޓީމު ދޫކޮށްލި ނަމަވެސް، މާޒިޔާ އިން ވަނީ ބިދޭސީ ހަތަރު ކުޅުންތެރިން ގެނެސް ޓީމުގެ ސްކޮޑް ވަރުގަދަކޮށްފަ އެވެ. މި އަހަރު ވެސް، އެންމެ ވަރުގަދަކޮށް ފެންނަ އެއް ޓީމަކީ މާޒިޔާ އެވެ.

ނިއު ރޭޑިއަންޓް

އާދައިގެ ގޮތަކަށް ހުސްވި އަހަރުގެ ސީޒަން ނިންމާލުމަށް ފަހު، ނިއު އިން މި އަހަރުގެ ސީޒަނަށް ކުރިމަތިލީ ވަރުގަދަ ޓީމަކާއެކު އެވެ. ކްލަބުގެ މެނޭޖްމަންޓަށް އައި ބަދަލާއެކު، މި ސީޒަނަށް ނިއު ކުރިމަތިލަނީ ތިން ތަށި ހާސިލްކުރުމުގެ އަޒުމުގަ އެވެ. ކީޕަރު އިމްރާން މުހައްމަދާއި އަލީ ފާސިރު (ސެންޓޭ) އާއި އަކުރަމް އަބްދުލް ގަނީ އާއި އަހުމަދު އަބްދުﷲ (ލިލީ) ވަނީ ނިއުއާ ގުޅިފަ އެވެ. މީގެ އިތުރުން ނިއު އިން ވަނީ ބިދޭސީ ހަތަރު ކުޅުންތެރިން އެ ޓީމަށް ގެނެސްފަ އެވެ. އާ މެނޭޖްމަންޓާއެކު ނިއު އިން މި ސީޒަނަށް ކުރިމަތިލަނީ ފޮނި އުންމީދުތަކާއެކު އެވެ.

ވިކްޓަރީ

ފާއިތުވި ދެ ސީޒަންގައި ވިކްޓަރީ އޮތީ ރާއްޖޭގެ ބޮޑެތި ކްލަބުތަކަށްވުރެ މާ ފަހަތުގަ އެވެ. އެކަމަކު މި އަހަރު ވިކްޓަރީން ވެސް ނިކުންނަނީ ރަނގަޅު ކާމިޔާބެއް ހޯދުމުގެ އަޒުމުގަ އެވެ. އެ ޓީމުން ވަނީ މުހައްމަދު އާރިފް (ބަކާ) އާއި ހަސަން އަދުހަމް (ސަޑޭ) އާއި އިސްމާއިލް އީސަ (މެސީ) އަދި މިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދެއްކި ބިދޭސީ ހަތަރު ކުޅުންތެރިން އެ ޓީމަށް ގެނެސްފަ އެވެ. ސީޒަން ފެށުމުގެ ކުރިން ވިކްޓަރީ ކޯޗުކަމުން މުހައްމަދު ޝާޒްލީ ވަކިކޮށް، އަލީ ސުޒޭނަށް ވަނީ ވިކްޓަރީގެ ކޯޗުކަން ވަނީ ހަވާލުކޮށްފަ އެވެ. މިއީ ރަނގަޅު ނިންމުމެއްކަން ކަނޑައަޅަން އެނގޭނީ މި ސީޒަންގައި ވިކްޓަރީން ނެރޭ ނަތީޖާތަކުންނެވެ.

ކްލަބް ވެލެންސިއާ

ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު މިދިޔަ ސީޒަންގައި އެފްއޭ ކަޕް ކާމިޔާބުކުރި ކްލަބް ވެލެންސިއާ މި އަހަރުގެ ސީޒަނަށް ވެސް ނުކުންނަނީ ނަން މަޝްހޫރު މަދު ކުޅުންތެރިންތަކަކާއެކު އެވެ. ގޯލްކީޕަރު މުހައްމަދު ފައިސަލް އާއި ޝާފިއު އަހުމަދު (ޝާފީ) އަދި މުހައްމަދު ޝިފާން (ކުޑައްޓޭ) އަކީ މިދިޔަ އަހަރު ވެސް ވެލެންސިއާ އިން ފެނުނު ކުޅުންތެރިންނެވެ. އެ ޓީމަށް ވަނީ ބިދޭސީ ތިން ކުޅުންތެރިން ވެސް ގެނެސްފަ އެވެ. މި އަހަރު ގިނަ ޓީމުތައް ވަރުގަދަކޮށްފައިވާއިރު، ވެލެންސިއާ އަށް މި ސީޒަންގައި މާލޭ ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ފަސޭހައެއް ނުވާނެ އެވެ.

ޓީސީ ސްޕޯޓްސް ކްލަބް

މިދިޔަ ސީޒަންގައި ދެ ފައިނަލްގައި ކުޅެ، ނާކާމިޔާބާ ކުރިމަތިލާންޖެހުނު ޓީސީ ސްޕޯޓްސް މި ސީޒަނަށް ކުރިމަތިލާއިރު ޓީމުގެ ގިނަ ކުޅުންތެރިން ވަނީ ޓީމުގައި މަޑުކޮށްފަ އެވެ. ގޯލްކީޕަރު މުހައްމަދު އިމްރާނާއި ފޯވަޑް އަލީ ފާސިރު (ސެންޓޭ) އަދި މުހައްމަދު ނިޒާމް ފިޔަވައި މިދިޔަ ސީޒަންގައި ޓީސީ އަށް ކުޅުނު މުހިންމު ކުޅުންތެރިން ވަނީ ޓީމުގައި މަޑުކޮށްފަ އެވެ. ބޮޑެތި ކްލަބުތައް ހައިރާންކޮށްލައި، ފާއިތުވި ދެ އަަހަރު ރަނގަޅު ނަތީޖާތަކެއް ނެރިފައިވާ ޓީސީން މި އަހަރުގެ ސީޒަނަށް ވެސް ކުރިމަތިލާނީ ބޮޑު އިތުބާރަކާއެކު އެވެ. ހާއްސަކޮށް ބަންގްލަދޭޝްގައި ކުރިއަށްދާ ޝޭހު ކަމާލް ކަޕްގައި އެ ޓީމުން ނެރެމުންދާ ރަނގަޅު ނަތީޖާތަކުގެ ސަބަބުން، މާލޭ ލީގަށް ކުރިމަތިލާއިރު ޓީސީގެ ކޮންފިޑެންސް ވަރަށް ރަނގަޅުވާނެ އެވެ.

ކްލަބް އީގަލްސް

މިދިޔަ އަހަރު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ކްލަބް އީގަލްސްގެ މުހިންމު ގިނަ ކުޅުންތެރިން ވަނީ އެ ޓީމުގައި މަޑުކޮށްފަ އެވެ. ދިވެހި ބައެއް ކުޅުންތެރިންނާއި ބިދޭސީ ހަތަރު ކުޅުންތެރިންނާއެކު، މި އަހަރުގެ ސީޒަނަށް އީގަލްސް އިން ނުކުންނަނީ ރަނގަޅު ސްކޮޑަކާއެކު އެވެ. ކޯޗު އިހުސާން އަބްދުލް ގަނީގެ އިރުޝާދުގެ ދަށުން މި ސީޒަނަށް އީގަލްސް ކުރިމަތިލާއިރު، އީގަލްސް އަކީ ވެސް ތައްޓާ ވާދަކުރެވޭ ފެންވަރުގެ ޓީމެކެވެ. އެ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން އެންމެ ރަނގަޅަށް ހިފިއްޖެ ނަމަ، މިިދިޔަ ސީޒަނަށް ވުރެ ރަނގަޅު ކާމިޔާބެއް ސާންތީ އަށް ހޯދިދާނެ އެވެ.

ޔުނައިޓެޑް ވިކްޓަރީ

މިދިޔަ ސީޒަންގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ޔުނައިޓެޑް ވިކްޓަރީގެ ޓީމަށް މި އަހަރު ވަނީ ބޮޑެތި ބަދަލުތައް އައިސްފަ އެވެ. މިދިޔަ އަހަރު އެ ޓީމަށް ކުޅުނު މުހިންމު ގިނަ ކުޅުންތެރިން ވަނީ އެ ޓީމު ދޫކޮށްލައިފަ އެވެ. އެކަމަކު ބިދޭސީ ހަތަރު ކުޅުންތެރިންނާއި ލޯކަލް ކުޅުންތެރިންނާއެކު، ފުރަތަމަ ޑިވިޝަންގައި ދެމި އޮވެވޭ ފެންވަރުގެ ޓީމަށް އެކުލަވާލެވިފައިވާ ކަމަށް ޔުނައިޓެޑް ވިކްޓަރީން ގަބޫލްކުރެ އެވެ. އެކަމަކު އެހެން ޓީމުތަކާ އަޅާބަލާއިރު، ޔުނައިޓެޑް ވިކްޓަރީ އަށް މާލޭ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދަން އުނދަގޫވާނެ ކަމަށް ބެލެވެ އެވެ. އެކަމަކު މި އަހަރު ވެސް ޔުނައިޓެޑް ވިކްޓަރީން އެހެން ޓީމުތައް ހައިރާންކޮށްލާ ނަތީޖާތަކެއް ނެރިދާނެ އެވެ.

ގްރީން ސްޓްރީޓް

ފުރަތަމަ ޑިވިޝަނަަށް އަލަށް ނުކުންނަ ގްރީން ސްޓްރީޓް ވެސް ވަނީ ސީޒަނަށް ވަރަށް ރަނގަޅަށް ތައްޔާރުވެފަ އެވެ. ކުރީގެ ޑިފެންޑަރު ސޮބާހު މުހައްމަދުގެ އިރުޝާދުގެ ދަށުން މި ސީޒަނަށް ގްރީން ސްޓްރީޓް ނުކުންނައިރު، އެ ޓީމުން ވަނީ ތަޖުރިބާކާރު ދިވެހި ބައެއް ކުޅުންތެރިންނާއި ބިދޭސީ ހަތަރު ކުޅުންތެރިން ގެނެސްފަ އެވެ. ގްރީން ސްޓްރީޓް އިން ނުކުންނަނީ ބޮޑެތި ޓީމުތައް ދުލެއް ދޭކަށެއް ނޫނެވެ. މާލޭ ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ހޯދުމުގެ ވާދަވެރިކަން ބޮޑުވާނެ އެވެ. އެކަމަކު ގްރީން ސްޓްރީޓްގެ އަމާޒަކީ ވެސް ގަދަ ހަތަރަކުން ޖާގަ ހޯދުމެވެ.

-- ހަސަން ސިފާން