ޔޫއެން

މީހުން ގެއްލުވައިލުން ހުއްޓުވަން އދ. އިން ބަންގާޅަށް ގޮވާލައިފި

Feb 25, 2017

ގަދަކަމުން މީހުން ގެއްލުވައިލުމުގެ އަމަލުތައް ހުއްޓުވަން ފިޔަވަޅު އެޅުމަށް އދ. އިން ބަންގްލަދޭޝް ސަރުކާރަށް ގޮވާލައިފި އެވެ.

މީހުން ގެއްލުވައިލުން ހުއްޓުވުމަށް މަސައްކަތްކުރާ އދ. ވޯކިން ގްރޫޕުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބަންގްލަދޭޝްގައި އިތުރުވަމުންދާ، ގަދަ ކަމުން މީހުން ގެއްލުވައިލުމުގެ އަމަލުތައް އެ ގައުމުގެ ސަރުކާރުން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި ބުނެފައި ވަނީ އެގޮތަށް ގެއްލުވާލާފައިވާ މީހުންގެ އަދަދު އެ ގައުމުގައި މިހާރު 40 އަށް އަރާފައިވާ ކަމަށެވެ.

ބަންގްލަދޭޝްގެ ކުރީގެ އިދިކޮޅު ދެ ލީޑަރެއްގެ ދަރިން ގެއްލުވާލާފައި ވާތީ އެމީހުންނަށް ވީތަނެއް ހާމަ ކުރުމަށް ވެސް އެބަޔާނުގައި ގޮވާލާފައިވެ އެވެ.

ވަކި ވަކި ހާދިސާތަކެއްގައި ވަގަށް ނަގައި ގެއްލުވާލާފައި ވަނީ ހުއްމާމް ޤާދިރު ޗައުދަރީ އާއި މީރު އަހުމަދު ބިން ގާސިމާއި ބްރިގޭޑިއާ ޖެނެރަލް އަބުދުﷲ އަލް އަމާން އަލް އަޒްމީ އެވެ. އެ ތިން މީހުންނަކީ ވެސް ބަންގްލަދޭޝްގެ ކުރީގެ އިދިކޮޅު ލީޑަރުންތަކެއްގެ ދަރިންނެވެ. އެ ލީޑަރުންނަށް ބަންގްލަދޭޝް ސަރުކާރުން ވަނީ މަރުގެ އަދަބު ތަންފީޒު ކޮށްފަ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު އެ ތިން މީހުން ގެއްލުވައިލީ ބަންގްލަދޭޝްގެ ސަލާމަތީ ބާރުތަކުން ކަމަށް މަންޒަރު ދުށް މީހުން ވަނީ ބުނެފައެވެ. ނަމަވެސް ބަންގްލަދޭޝް ސަރުކާރުން އެކަން ދޮގު ކުރެއެވެ. -- އަލް ޖަޒީރާ