އެފްއޭއެމް

އެފްއޭއެމްގެ އާމްދަނީ 59.1 މިލިއަން، ހަރަދު 60.8 މިލިއަނަށް

މިއަދު ސްޓެލްކޯ ސެމީނާ ރޫމުގައި ވަނީ ރާއްޖޭގެ މައި ފުޓްބޯޅަ އިދާރާ، އެފްއޭއެމްގެ ބަޖެޓް ފާސް ކުރަން ކޮންގްރެސް ބާއްވާފަ އެވެ. ކޮންގްރެސްގައި ހުށަހެޅި ބަޖެޓްގެ ތަފްސީލު ތަކުން ދައްކާ ގޮތުގައި، އެފްއޭއެމަށް މި އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކޮށްފައި ވަނީ 59،150،400.00 ރުފިޔާ އެވެ. އާންމުދަނީ ލިބޭނެ ކަމަށް ލަފާ ކޮށްފައި ވަނީ އަށް ދާއިރާ އަކުން ނެވެ.

ހުށަހަޅާފައިވާ ބަޖެޓުން ފެންނަ ގޮތުގައި، ލިބޭނެ އާމްދަނީ އަށް ވުރެ، ހިނގާނެ ހަރަދު، އިތުރު ވެފައި ވެއެވެ. އެފްއޭއެމް އަށާއި ފުޓްބޯޅައިގެ ހަރަކާތް ތަކަށް ހިނގާނެ ހަރަދުގެ ގޮތުގައި ލަފާ ކޮށްފައިވަނީ، 60،818،403.87 ރ. އެވެ.

އެހެންވެ އެފްއޭއެމްގެ މިއަހަރުގެ ބަޖެޓަކީ، 1،668،003.87 ރ. ގެ ދަރަނި ބަޖެޓެ ކެވެ.

ކޮންގްރެސްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަިދަޅުވީ، ދެ ވަނަ ޑިވިޝަންގެ 10 ކުލަބުގެ ތެރެއިން ކޮންމެ ކުލަބަކަށް ދިނުމަށް ކަނޑައަޅާފައިވާ، 500000 ރުފިޔާ، މިއަދު ބޭއްވި ކޮންގްރެސްއާ ހަމަޔަށް އައިރު ކުންފުންޏަކުން އެ ފައިސާ ދޭ ގޮތަށް އެއްބަސް ވެފައިވާ ކަމަށާއި އެހެން ވެއްޖެނަމަ ބަޖެޓްގެ ޑެފިސިޓްގެ އަދަދު ކުޑަ ކުރެވޭނެ ކަމަށެވެ.

ބަޖެޓްގައި އެންމެ ބޮޑު ޚަރަދެއް ހިނގާނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ ޕްރޮޖެކްޓް ތަކަށެވެ. ޕްރޮޖެކްޓްތަކަށް، ހަރަދު ވާނެ ކަމަށް ލަފަ ކޮށްފައި ވަނީ، 23،130،000 ރުފިޔާ އެވެ.

ދެން އެންމެ ބޮޑު ހަރަދެއް ހިނގާނީ އެފްއޭއެމްން ބާއްވާ މުބާރާތް ތަކަށެވެ. މުބާރާތްތަކަށް، 8،225،551.75 ރުފިޔާ އެވެ. އެއްފަހު ދެން އެންމެ ބޮޑު ހަރަދެއް ހިނގާނީ ހިންގުމުގެ ހަރަދު ތަކަށާއި އިދާރީ ހަރަދު ތަކަށެވެ. އެއީ، 7،989،370.06 ރ. އެވެ

ބަޖެޓަށް އާމްދަނީ ލިބޭނެ އަށް ދާއިރާގެ ތެރެއިން އެންމެ ބޮޑު އާންމުދަނީ އެއް ފޯރުކޮށް ދިނުމަށް ހަމަޖެހިފައި ވަނީ ފީފާ އިން ނެވެ. ފީފާއިން ދޭނެ ކަަމަށް ލަފާ ކޮށްފައި ވަނީ، 30،994،200 ރުފިޔާ އެވެ.

އޭޝިއާގެ ފުޓްބޯޅަ އިދާރާ އޭއެފްސީ އިން ދިނުމަށް ހަމަޖެހިފައިވަނީ،، 3،855،000 ރުފިޔާ އެވެ.

ދެ ވަނަ އަށް އެންމެ ބޮޑު އާމުދަނީ އެއް ލިބޭނީ ސްޕޮންޝާޝިޕްގެ ގޮތުގައި ލިބޭ އެހީ އިން ނެވެ. ސްޕޮންސާޝިޕްގެ ގޮތުގައި 13،058،400 ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.