ކުޅިވަރު

އެފްއޭއެމްގެ ނައިބު ރައީސްގެ ގޮތުގައި ޝަކީބަށް ރުހުން ދިފި

Feb 25, 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމުގެ މަގާމަށް އައްޔަން ކޮށްފައިވާ، ގައުމީ ޓީމުގެ ކުރީގެ ފިޒީޝަން އަހްމަދު ޝަކީބު (ޑޮކް) އަށް ރުހުން ދޭން ކުލަބު ތަކުން ފާސް ކޮށްފި އެވެ.

ޝަކީބު އަށް ރުހުން އޮތް ކަމަށް، ކޮންގްރެސްގައި ބައިވެރިވި ހަތް ކުލަބުން ވެސް ވަނީ ރުހުން އޮތް ކަމަށް ވޯޓް ދީފަ އެވެ.

އެފްއޭއެމްގެ ނައިބު ރައީސް ކަމުގެ މަގާމު ހުސްވީ، މިދިޔަ އަހަރު ނޮވެމްބަރު މަހު 20 ވަނަ ދުވަހު ބޭއްވުނު، އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސްގައި، (އެފްއޭއެމް ގެ) ރައިސް ބައްސާމް އަދީލް ޖަލީލްގެ ޓީމުގައި ހިމެނިގެން އިންތިހާބު ކާމިޔާބު ކުރެއްވި، ނައިބު ރައީސް، ފަރެސްމާތުޑާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސައިން މުހައްމަދު ލަތީފު އިސްތިއުފާ ދެއްވުމުން ނެވެ.

ޝަކީބު ވަނީ، އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ ދުވަސް ވަރު، ނޯމަލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއާމަން ކަންވެސް،ކުރައްވާފަ އެވެ.

އަދި އޭނާ އަކީ، އެފްއޭއެމްގެ ކުރީގެ ރައީސް އަހްމަދު ތޯރިގް ގެ ދައުރުގައި ޓޮމްގެ އެކްސްކޯ ގައި ހިމެނުނު މެންބަރެކެވެ. އަދި ޓޮމްގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހިގެން، އެކްސްކޯއިން އިސްތިއުފާ ދިން މެންބަރުންގެ ތެރޭގައިވެސް ޑޮކް ހިމެނެ އެވެ.

އޭނަ އަކީ އޭޝިއާ ސަރައްހަދުގައި ފާހަގަ ކުރެވޭ ސްޕޯޓްސް މެޑިކަލް ފިޒީޝަނެކެވެ،. އަދި ފީފާގެ ސްޕޯޓްސް މެޑިސިން ކޯޗްތަކުގައި ވެސް ޑޮކް ވަނީ ކިޔަވައި ދެއްވާފަ އެވެ.

އެފްއޭއެމްގެ އަނެއް ނައިބު ރައީސް އަކީ ކުރީގެ ބާސްކެޓް އަދި ވޮލީބޯޅައިގެ މަޝްހޫރު ކުޅުންތެރިޔާ އައިޝަތު ނާޒިމާ އެވެ. އޭނާ އަކީ އެފްއޭއެމްގެ ފުރަތަމަ އަންހެން ނައިބު ރައީސް އެވެ.