ކުޅިވަރު

ފުޓްބޯޅައިގެ ތަރައްގީގެ ބޮޑު މަންޒަރުގައި ކުލަ ޖެހެނީ

މިއަހަރުގެ އެފްއޭއެމްގެ ރިސޮލިއުޝަނަކީ ކޮބައިތޯ؟ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާ "އަވަސް" އިން ސުވަލު ކުރުމުން އޭނާ ވިދާޅުވީ މިހެންނެވެ؛ "އަޅުގަނޑަށް މިއަހަރު ސިފަ ކުރެވެނީ، އިންފްރަސްޓްރަކްޗާ ގައިމު ކުރުމަށް ގިނަ މަޝްރޫއު ތަކެއް ހިންގަން ފަށާ މަންޒަރު، އަތޮޅު ތެރޭގެ ދަނޑުތަކުގައި ޓާފް އެޅި، ލައިޓް ސިސްޓަމް ހަރު ކުރެވިގެންދާ މަންޒަރު،"

އެފްއޭއެމްގެ ރައީސް ކަމާ، ބައްސާމް ހަވާލުވެ، އެނޭގެ އެންމެ ބޮޑު ވައުދަކަށްވީ ވެސް ރާއްޖޭގެ ފުޓްބޯޅައިގެ ވަސީލަތްތައް ގާއިމު ކުރުމެވެ. މިހާތަނަށްވެސް، ރާއްޖޭގައި، ފީފާގެ ގިންތި އަށް ފެތޭ އޮތީ އެންމެ ދަނޑެކެވެ. އެއް ވަނަ ކުޅިވަރަކަށް ފުޓްބޯޅަ ވެފައި އޮންނަ، ގައުމެއްގެ ނިސްބަތުން، އެއީ ލަދުވެތި ކަމެކެވެ. ނަމަވެސް، އެފްއޭއެމްގެ ރައީސް ކަމަށް ބައްސާމް ވަޑައިގެން، އޭނާގެ އެންމެ ބޮޑު އިސްކަމެއް ދީފައި އޮތީ ފުޓްބޯޅައިގެ މި މަންޒަރު ބަދަލުކޮށްލުމަށެވެ. އުމްރާނީ ވަސީލަތްތައް ނޫނީ އިންފްރާސްޓަކްޗާ ވަރުގަދަ ކުރުމަށެވެ.

ބައްސާމް ގަބޫލު ކުރައްވާ ގޮތުގައި، ރަނގަޅު ވަސީލަތްތައް ނެތި ފުޓްބޯޅައިގެ ހުނަރު ކުރި ނާރާނެ އެވެ. އެހެންވެ، އެފްއޭއެމުން މިއަހަރު ފާސް ކުރި ބަޖެޓްގައި ފުޓްބޯޅައިގެ ހަރަދު ތަކަށް 60.8 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބަޖެޓް ކުރެވިފައި ވާއިރު، އެންމެ ބޮޑު ހޭދަ އެއް ކުރުމަށް ހަމަޖެހިފައި ވަނީ، ފުޓްބޯޅައިގެ އުމްރާނީ ވަސީލަތްތައް ގާއިމު ކުރުމަށެވެ. އުމްރާނީ ވަސީލަތްތައް ގާއިމު ކުރުމަށް، މި އަހަރަށް އެކަނިވެސް 23 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅަފައެވެ.

އިއްޔެ ބޭއްވި ބަޖެޓް ކޮންގްރެސްގެ ދެ ދުވަހެއް ކުރިން، ބައްސާމް ހުންނެވީ ޗައިނާ ގައެވެ. ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ސީނިއާ ނައިބު ރައީސް ޒަންގް ޖިއާންއާ ބައްދަލު ކުރައްވައި، ބައްސާމް ވަނީ ރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރުމަށް، ގިނަ ދޮރު ތަކެއް ހުޅުވުމަށް މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން އެންމެ މުހިންމު ޕްރޮޖެކްޓަކީ، އެފްއޭއެމްގެ މި ދައުރުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަށް ޓާފް ދަނޑު އެޅުމުގެ މަޝްރޫއެކެވެ.

އޭގެ އިތުރުން، މިއަހަރަށް ފާސް ކުރި ބަޖެޓްގެ ތެރެއިން ވެސް، މަޝްރޫއުތައް ގާއިމު ކުރުން ހިމެނެ އެވެ. އޭގެ ތެރޭގައި، މާލޭގެ ކުޅިވަރު އެކުވެނީގައި އަޅާ ދެ ޓާފް ދަނޑު ހިމެނެ އެވެ. އޭގެއިން ފުރަތަމަ ދަނޑުގެ މަސައްކަތް މިއަހަރު ޕްރިމިއާ ލީގްގެ ކުރިން ނިންމުމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި މިއަހަރުގެ ތެރޭގައި އަތޮޅު ތެރޭގައި ޓާފް ދަނޑުތައް ބިނާ ކުރުމުގެ މަސައްކަތް ފަށައި ގަންނާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އޮތީ ހިއްކި ބިމުގެ (ކުޅިވަރު އެކުވެނި) ތިން ނަންބަރު ދަނޑާއި ހަތަރު ނަންބަރު ދަނޑު ލިބިފައި، މިހާރު ޕްރަޕޯސަލްގެ މަސައްކަތް ކުރިއަށް މި ގެންދަނީ، އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް މަސްތޭރޭ ގައި، ޕްރަޕޯސަލް ނިންމާލައި ފޮނުވާލެވޭނެ. ފުރަތަމަ ދަނޑުގެ މަސައްކަތް ދެ މަހުގެ ތެރޭގައި ފަށައި ގަނެވޭނެ ކަމުގެ އުންމީދު އެބައޮތް،" ބައްސާމް ވިދާޅުވި އެވެ.

ޗައިނާގެ އެހީގައި އަހަރަކު ދެ ޓާފް ދަނޑު އެޅުމުގެ މަޝްރޫ ފެށުމުގެ މަޝްވަރާތަކަށް، މިއަހަރު ޗައިނާގެ އެފްއޭގެ ވަފުދެއް މާލެ އަންނަން ވަނީ ހަމަޖެހިފަ އެވެ. ޗައިނާގެ އެފްއޭއާކު ކުރާ މަޝްވަރާ ތަކުގައި، މިއަދަދު މިއަށްވުރެ އިތުރު ވުމުގެ މަގު ފަހި ވެގެން ހިނގައިދާނެ ކަމުގެ އިޝާރާތެއްވެސް ބައްސާމް ވަނީ ދެއްވައިފަ އެވެ.

ޗައިނާގެ ދަތުރަށްފަހު، ބައްސާމްގެ މިސްރާބު ހުރީ، އަވަށްޓެރި އިންޑިއާ އަށެވެ. އިންޑިއާގެ ދަތުރުގައި ބައްސާމްގެ އަމާޒަކީ ރާއްޖޭގެ ދަނޑުތަކަށް ބޭނުންވާ ގުދަރަތީ ވިނަ އަގު ހެޔޮކޮށް ހޯދޭނެ ގޮތްތަކެއް ހޯއްދެވުމެވެ. ގުދުރަތި ވިނަ، ރާއްޖޭގެ ދަނޑުތަކުގައި ފެތުރިއްޖެނަމަ، ފީފާގެ ގިންތިއަށް ފެތޭ، ޕިޗުތައް ހުރި އިތުރު ދަނޑުތަކެއް ރާއްޖޭގައި ގާއިމު ކުރުމަށް ފަސޭހަވެގެން ދާނެ ކަމަށް ބައްސާމް ގަބޫލު ކުރައްވަ އެވެ.