ކުޅިވަރު

ދެ ދަރިވަރުންގެ ކުރިމަތި ލުމަށް މާއްޓޭ ކެތްމަދުވެފައި

މި ރެއަކީ، ދިވެހި ފުޓްބޯޅައިގައި ފާހަގަ ކުރެވިގެންދާނެ ރެ އެކެވެ. މާލޭ ލީގްގެ ދެ ވަނަ މެޗުގައި ވިކްޓަރީ އާއި ގްރީންސްޓްރީޓް ބައްދަލު ކުރާ މެޗު ހާއްސަ ވެގެންދަނީ ދެ ޓީމުގެ ކޯޗުންނާ ހިސާބުން ނެވެ. މިދިޔަ ތިން އަހަރު މާޒިޔާގައި ހޭދަ ކުރުމަށްފަހު ވިކްޓަރީގެ ކޯޗް ކަމާ އަލުން ހަވާލުވި އަލީ ސުޒޭން އާއި ގްރީންސްޓްރީޓްގެ ކޯޗް ސޮބާހް މުހައްމަދު (ސޮބާ) އެވެ.

ސުޒޭން އާއި ސޮބާގެ ވާހަކަ ހާއްސަވާ އެންމެ ބޮޑު ސަބަބަކީ، އެ ދެ ކޯޗުންނަކީވެސް ވިކްޓަރީގެ ދެ ޕްރޮޑެކްޓަށްވުމެވެ. ވިކްޓަރީގައި، އެ ދެމީހުންގެ ވެސް ޕްރިންސިޕަލަކީ، މައުރޫފް އަހްމަދު (މާއްޓޭ) އެވެ. އެ ދެމީހުންނަކީ ވެސް މާއްޓޭގެ ކޯޗު ކަމުގެ ދަށުން ވިކްޓަރީ އަށް ކުޅުނު ދެ މީހުންނެވެ. ސުޒޭން އާއި ސޮބާ ވެސް، ކޯޗިން ތަޖުރިބާ ގައި، އެންމެ ބޮޑު ކްރެޑިޓެއް ދެނީ ކުރަނީ މާއްޓޭ އަށެވެ.

ފުޓްބޯޅައާ ދުރުގައި ހުއްޓަސް، މާއްޓޭ، ހުރީ މިރޭގެ މެޗަށް ދާން ކެތް މަދު ވެފަ އެވެ. ޔޫއެންގެ ވަޒީފާއެއްގައި ލ. އަތޮޅުގައި ކުރިއަށްގެންދާ ޕްރޮޖެކްޓެއްގައި މަސައްކަތުގައި އިސްކޮށް އުޅުއްވަމުން ގެންދަވާ މާއްޓޭ މިވަގުތު ހުރީ މާލޭގަ އެވެ. އޭނާ ހުރީ މިރޭ ވިކްޓަރީ އާއި ގްރީންސްޓްރީޓް ބައްދަލު ކުރާ މެޗަށް، ދާން ތައްޔާރު ވެގެންނެވެ.

އިއްޔެ ލީގްގެ ފުރަތަމަ މެޗު ބަލަން މާއްޓޭ ދަނޑަށް ވަން މެޗަކީ ގިނަ ދުވަސްތަކަށް ފަހު ކުލަބު ފުޓްބޯޅަ މެޗެއް ބަލަން ވަން ފުރަތަމަ ފަހަރެވެ.

"އަޅުގަނޑު ބޭނުން ވިކްޓަރީގެ ކުޅުމާއި އަދި ސޮބާގެ ކޯޗިން ޓެކްޓިކްސްތައް ބަލާލަން، ސޮބާ ވަނީ ކޯޗިންގައި ގިނަ ކަންތައްތަކެއް އިމްޕުރޫވް ކޮށްފަ، ޕްރޮގްރެސް ދަނީ ފެންނަމުން،" އަވަސް އަށް ދިން އިންޓަވިއުގައި މާއްޓޭ ބުންޏެވެ.

ދަނޑުގައި މާއްޓޭ މިރޭ، އިށީންނާނީ، ގަލޮޅު ސަހަރާއާވީ ފަޅީގަ އެވެ. އެއީ ކުރީގައި ވިކްޓަރީގެ ސަޕޯޓަރުންގެ ފަޅި އެވެ.

ވިކްޓަރީގެ ކޯޗު ކަމަށް ސުޒޭން ހަމަޖެއްސުމުން މާއްޓޭ ވަނީ އެކަމާމެދު ޕޮޒިޓިވް ރައްދެއްވެސް ދީފަ އެވެ. ބައެއް ފަރާތްތަކުގެ ފާޑު ކިޔުން ސުޒޭން އަށް އަމާޒުވި ނަމަވެސް، އޭނާ އަށް އެންމެ ފުރަތަމަ ތައުރީފު އޮއްސާލި މާއްޓޭ އެވެ. މައްޓޭ އެގޮތަށް ނިންމުމުން، ބައެއް ފަރާތްތަކުން ވަނީ އެކަމާ ސުވާލު އުފައްދާފަ އެވެ.

"އަޅުގަނޑު ތާއީދު ކުރީ މެނޭޖުމެންޓް ސައިޑުން ނިންމި ނިންމުމަކަށް ނޫން، ސުޒޭނަކީ ރައްޖޭގެ ފުޓްބޯޅައިގައި ހުރި މެޗުއަޑް ކޯޗެއް. އަޅުގަނޑު ބުނީ ވިކްޓަރީ އަށް މިވަގުތު ބޭނުންވަނީ މެޗުއާޑް ކޯޗެކޭ، އެމީހަކަށް ރައްޖޭގައި ހުރީ، ސުޒޭން،" މާއްޓޭ ބުންޏެވެ.