ކުޅިވަރު

ގްރީންއަށް ފުރަތަމަ ޑިވިޝަންގައި ރަނގަޅު ފެށުމެއް

Feb 26, 2017
2

މިދިޔަ އަހަރު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި، ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެ، މާލޭ ލީގްގައި މިރޭ ކުޅުނު މެޗުން ވިކްޓަރީގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ގްރީން ސްޓްރީޓުން ފުރަތަމަ ޑިވިޝަންގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ކުރީގެ އެއް ވަނަ ޑިފެންޑަރު ސޮބާހް މުހައްމަދު (ސޮބާ) ގެ އިރުޝާދުގެ ދަށުން، އޭނާ އެ ކުލަބުގެ ކެޕްޓަންކަން ކުރި، ވިކްޓަރީއާ ދެކޮޅަށް، ގްރީން ސްޓްރީޓްގެ ލަނޑު، މެޗުގެ 22 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، މިދިޔަ އަހަރު މާޒިޔާ އަށް ކުޅުނު އަހްމަދު ރަޝީދު (އަންމަޑޭ) އެވެ.

އޭނާ ލަނޑު ޖެހީ، ވިކްޓަރީގެ ޕެނަލްޓީ އޭރިއާ ކައިރިން އޭނާ އަށް ލިބުނު ބޯޅަ، ހިފައިގެން، ވިކްޓަރީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ބޯޅަ އަށް ހުރަސް އަޅަން ހުރި ވިކްޓަރީގެ ޑިފެންޑަރު ކައިރިން ވެސް ނައްޓާ ލުމަށް ފަހު އެވެ.

މެޗުގައި ވިކްޓަރީން ވެސް ވަނީ ލަނޑު ޖަހާނެ ދެ ފުރުސަތެއް ތަނަވަސް ކޮށްފަ އެވެ. މެޗުގެ 16 ވަނަ މިނެޓްގައި ވިކްޓަރީގެ މުހައްމަދު ސާބިގް ވަނީ، ރީތި ހުރަހެއް ގްރީންގެ ގޯލް ކުރިމައްޗަށް ހުރަސް ކޮށްފަ އެވެ. ނަމަވެސް އެ ބޯޅަ ޖަހާނެ، ކުޅުންތެރިޔަކު ނެތި ދިޔައީ ގޯލް ލައިންއާ ކައިރިން ގޯލް ހުރަސްކޮށް ބޭރަށެވެ.

މެޗުގައި ވިކްޓަރީ އަށް ދިމާވި، އެންމެ ބޮޑު މައްސަލަ އަކީ، މިދިޔަ އަހަރު ޔުނައިޓަޑް ވިކްޓަރީގައި ހޭދަ ކުރުމަށްފަހު، ވިކްޓަރީއާ ގުޅުނު ސެންޓާ ސްޓައިކަރު ކެރިކް އެންޑްރިޖް އަށް ސަސްޕެންޝަންގެ ސަބަބުން ނުކުޅެވުމެވެ. އޭނާ އަށް ވަނި މިދިޔަ ސީޒަންގެ ޕްރެޒިޑެންޓް ކަޕުގެ ސެމީ ފައިނަލު މެޗުގައި ރަތް ކާޑު ދައްކާފަ އެވެ. މިއީ އޭގެ ފަހުން އޭނާ ކުޅެން ޖެހޭ ފުރަތަމަ މެޗެވެ.

ވިކްޓަރީގެ ކޯޗް އަލީ ސުޒޭން ވެސް ވަނީ ޓީމުގެ ސެންޓަ ސްޓައިކަރު ނެތް މައްސަލަ ފާހަގަ ކޮށްފަ އެވެ.

"މިރޭ ޓޮޕް ސްޓާއިކަރެއް ނެތުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވި، އެކިފަހަރު [ޓޮޕް ސްޓައިކަރަކަށް] އެކި ކުޅުންތެރިން ލައިގެން މި ކުޅުނީ، އޭގެ އުނދަގޫ ވަަރަށް ބޮޑަށް އައި، އެއީ މެދުން އަރިމަތީގެ ކުޅުންތެރިންނާ އެކު ކުޅެލާނެ ކޮމްބިނޭޝަން ނެތިގެން ދިޔަ،" މެޗަށް ފަހު ވާހަކަ ދައްކަމުން، ސުޒޭން ބުންޏެވެ.

ގްރިން ސްޓްރީޓްގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ލިސްޓްކޮށްފައި އިން ނަމަވެސް، ހެޑްކޯޗުގެ މަސްއޫލިއްޔަތު އުފުލަމުންދާ، ސޮބާ ބުނީ ފުޓްބޯޅަ އަކީ ބޮޑު ނަމަކުން ކުޅޭ އެއްޗެއް ނޫންކަން އެނގިގެން ހިނގައްޖެ ކަމަށާއި، ކުޑަ ޓީމަކަސް މަސައްކަތް ކޮށްފިއްޔާ ކާމިޔާބު ވާނެ ކަން އެނގިގެން ހިނގައްޖެ ކަމަށެވެ.

ލީގްގެ މެޗެއް ދެން އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ އެވެ. އެ ރޭ ކުޅޭ މެޗުގައި ވަދަ ކުރަނީ ނިއުރޭޑިއަންޓާއި ވިކްޓަރީ އެވެ.